ބޮލުގައި ރިހުމަކީ ގިނަ ބަޔަކަށް ކުރިމަތިވާ ކަމެކެވެ. ވާގޮތެއް ނޭނގި ވެސް ބޮލުގައި ރިހުން ވަނީ އާންމު ކަމަކަށްވެފައެވެ. ބޮލުގައި ރިހުމުން ސަލާމަތްވުމަށް އަބަދު ބޭސް ކެއުމަކީ ގިނަ މީހުން ބޭނުންވާ ކަމެއް ނޫނެވެ. އަދި ބޮލުގައި ރިހޭ ކޮންމެ ފަހަރަކު ޑޮކްޓަރަށް ދެއްކުން ވެސް އެއީ ފަސޭހަ ކަމެއް ނޫނެވެ. ބޮލުގައި ރިހުމުން ދުރުވުމަށް ކުރެވިދާނެ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން ބައެއް ކަންތައްތަކަށް ބަލާލާނަމެވެ.
1- އެއްވެސް ގަޑިއެއްގައި ކެއުން ދޫކޮށްނުލުން
ދިރިއުޅުން ބިޒީވެ، ވަޒީފާގެ މަސްއޫލިއްޔަތުގެ ސަބަބުން ވެސް ބައެއް ގަޑިގަޑީގެ ކެއުން ދޫކޮށްލަން ޖެހުމަކީ ގިނަ ބަޔަކަށް ދިމާވާ ކަމެކެވެ. ނަމަވެސް ކެއުން ދޫކޮށްލުމަކީ ބޮލުގައި ރިއްސާ ކަމެކެވެ. ދުވާލަކު ތިންއިރު ކެއުން މުހިންމެވެ. އެގޮތަށް އަމަލު ނުކުރެވުނު ނަމަވެސް ކޮންމެ ދުވަހެއްގައި ވެސް ފައިދާހުރި ކާނާ އެކި ގަޑިގަޑީގައި ކެއުން ރަނގަޅެވެ. ހުސް ބަނޑާ ގިނައިރު ހުރުމަކީ ބޮލުގައި ރިއްސުމަށް ދެވޭ ފުރުސަތެކެވެ.
2- ހިނގުން
ގެއިން ބޭރަށް ނިކުމެ، ހިނގާލުމަކީ ބޮލުގައި ރިއްސުމަށް އޮތް އެންމެ ރަނގަޅު އެއް ފަރުވާއެވެ. ހިނގުމަކީ ތިމާގެ ހަށިގަނޑަށް އެތައް ފައިދާތަކެއް ލިއްބައިދޭ ކަމެކެވެ. ލޭ ދައުރުކުރުމަށް ވެސް ހިނގުމުގެ ސަބަބުން އެހީވެދެއެވެ. ނަމަވެސް މާބޮޑަށް ހިނގައިފިނަމަ ނޭދެވޭ އަސަރުކުރުމަކީ ވެސް އެކަށީގެންވާ ކަމެކެވެ. ތިމާއަށް ކުޅަދާނަ ނުވާވަރަށް ހިނގަން ވެއްޖެނަމަ ބޮލުގައި ރިހުމަކީ ކައިރި ކަމެކެވެ.
3- ކެފެއިން މަދުކުރުން
މާގިނައިން ކެފެއިން ބުއިމަކީ ގެއްލުން ހުރި ކަމެކެވެ. އެއީ ބޮލުގައި ރިހުމަށް ވެސް މަގު ފަހިކޮށްދޭ ކަމެކެވެ. ކެފެއިން އެކުލެވޭ ބުއިންތައް ބުއިމުގެ ބަދަލުގައި ފެން، ޖޫސް ނުވަތަ ކެފެއިން ފްރީ ޑްރިންކްސް އިހުތިޔާރު ކުރާށެވެ. ގިނައިން ފެން ބުއިމަކީ ރަނގަޅު ކަމެކެވެ.
4- އަލިގަދަ ލައިޓްތައް މަދުކުރުން
އަލިގަދަ ލައިޓްސް ނުވަތަ ފްލެޝިން ލައިޓަކީ ބޮލުގައި ރިހުމަށް މަގު ފަހިވާ އެއްޗެކެވެ. އެފަދަ ލައިޓްސްގެ އަލިން ބައެއް ފަހަރަށް އިންސާނަށް ނޭދެވޭ އަސަރުކުރެއެވެ. އެފަދަ ލައިޓްސްތަކަށް ބެލުމަކީ ވެސް ރަނގަޅު ކަމެއް ނޫނެވެ.
5- ރަނގަޅަށް ނިދުން
ނިދި ނުލިބުމަކީ ބޮލުގައި ރިއްސާނެ ކަމެކެވެ. ކޮންމެ ދުވަހަކު ވެސް ނިދުމަށް ރެގިއުލާ ޝެޑިއުލެއް ގެންގުޅުން މުހިންމެވެ. ކޮންމެ ދުވަހަކު ވެސް އެއް ގަޑިއެއްގައި ނިދާ، އެއް ގަޑިއެއްގައި ހޭލުމަކީ ރަނގަޅު ކަމެކެވެ. ދުވާލަކު 8 ނިދަން ޖެހެއެވެ. އެހެން ނޫނީ އޭގެ އަސަރު ތިމާގެ ސިއްހަތަށް ކުރާނެއެވެ.