ލައިފްސްޓައިލް

އެކަކު އަނެކެއްގެ އަގުވަޒަން ކުރަންޖެހޭ

Sep 6, 2022

ކުރާ ކަންކަމުގައި އަގުވަޒަން ނުކުރުމުން ވަރަށް ހިތްދަތި އިހުސާސްތަކެއް ކުރެވެ އެވެ. ވަރަށް ގިނަ ފަހަރަށް ދެމަފިރިން ދޭތެރޭ މި އިހުސާސް ކުރެވެމުންދެ އެވެ. އެކަކު އަނެކެއްގެ އަގުވަޒަން ކުރުމަކީ ވަރަށް މުހިއްމު ކަމެކެވެ.

އަހަރެމެން އިންސާނުން އަބަދުމެ މަސައްކަތް ކުރަނީ އެހެން މީހުން ބަލައި ގަންނަ ފަދަ މުހިއްމު މީހަކަށް ވުމަށެވެ. މިގޮތުން ހަމަ ކޮންމެ މީހަކު ވެސް އެންމެ ލޯބިކުރާ އެއްކަމަކަށް ވެގެންދާނީ ތިމާގެ ވަށައިގެން ތިބޭ ގާތް މީހުން ތިމާގެ އަގުވަޒަން ކުރުމެވެ.

ދެމަފިރިންގެ ދެމެދުގައި ވެސް އެކަކު އަނެކަކަށް ކޮށްދޭ ކުދިކުދި ކަންކަމުގެ އަގުވަޒަން ކުރުމަކީ ބޭނުންތެރި ކަމެކެވެ. ކުދިކުދި ކަންތައްތަކުން ފެށިގެން ބޮޑެތި ކަންތައްތަކާއި ހަމައަށް އަގުވަޒަންކުރާ މީހެއްނަމަ، އެމީހާ ވެގެންދާނީ ބައިވެރިޔާގެ ކަންކަން ބަލައިގަނެ ޝުކުރުވެރިވާ މީހެއްގެ ގޮތުގަ އެވެ. އެ ސަގާފަތް ގުޅުމެއްގެ ތެރޭގައި އޮވެއްޖެނަމަ އެގުޅުން ދެމިގެން ދާނީ އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެނެވި ކަމަކަށެވެ.

ބައެއް ފަހަރު މަސައްކަތުގެ މާހައުލުގެ ބުރަ ބޮޑުވެ، ސްޓްރެސްވާ ފަހަރުތަކުގައި ދެ މަފިރިން އެކަކު އަނެކަކަށް ކޮށްދޭ ކަންކަން ފާހަގަނުވެ ނުވަތަ މާބޮޑު ސަމާލުކަމެއް ނުދެވި ހިނގައިދާނެ އެވެ. އެއީ ވުން އެކަށީގެންވާ ކަމެކެވެ. ނަމަވެސް އެއީ އާދައަކަށްވެ، އާންމު ކަމަކަށް ވެއްޖެނަމަ ދެމަފިރިންގެ ގުޅުމުގެ ތެރެއިން މިކަމުގެ ނުރަގަޅު އަސަރު ފެނުމަކީ ވަރަށް ގާތް ކަމެކެވެ.

އެގޮތުން ދެމަފިރިން ކުރެ އެކަކައްވެސް އަނެކާ ތިމާގެ އަގުވަޒަން ނުކުރާ ކަން އިހުސާސް ކުރެވޭނަމަ، އެވާހަކަ ހިއްސާކުރަން ވާނެ އެވެ. މިފަދަ ކަންކަމަކީ ސަމާލުކަން ނުދެވިއްޖެނަމަ ބޮޑެތި މައްސަލަތައް އުފެދުމުގެ އަސްލަކަށް ވެދާނެ ކަންކަމެވެ.

ފަހަރުގައި އަހަރެމެންނަށް "އަގުވަޒަން" ނުކުރެވޭކަމުގެ އިހުސާސް ކުރެވެނީ އެހެން މީހުން އަފަދަ ބަސްތައް ނުބުނާތީ ކަމަށްވެސް ވެދާނެ އެވެ.

އެކަކު އަނެކެއްގެ އަގުވަޒަންކުރަން ހަމައެކަނި އޮންނަ މަގަކީ އަނގައިން ބުނާ އެއްޗަކުން އެކަންޏެއް ނޫނެވެ. އެކަކު އަނެކެއްގެ އަގުވަޒަން ކުރެވޭނެ އެތައް ގޮތެއްވެ އެވެ. އެގޮތުން ބައެއް މީހުން، އެމީހުންގެ އަމަލުން އަނެކާގެ އަގުވަޒަން ކުރާކަން ދައްކުވަފާނެ އެވެ. އެގޮތުން ކޮނޑުގައި އައްޖައްސާލާއި، ލޯބިން ބައްދާލައި ނޫނީ ހަދިޔާއަކުން ވެސް އެކަން ފާޅުކޮށްފާނެ އެވެ. އަހަރުމެންގެ ތެރެއިން ކޮންމެ މީހަކު ވެސް އެދޭނީ އަހަރުމެންގެ ހިތުގެ އަޑިން، ލޯބިން ކުރާ ކަންކަން ދެނެގަނެ އެއިގެ އަގުވަޒަން ކުރުމެވެ.