ކްރިމިނަލް ކޯޓް

ރަށްޓެއްސެއްގެ ބައްޕަ ސަލާމަތްކުރަން އުޅެނިކޮށް އުމުރަށް ޖަލަށް

ރަހުމަތްތެރިއެއްގެ ބައްޕަ ސަލާމަތްކުރަން ކަމަށް ބުނެ ޑްރަގް ޓްރެފިކިންގެ ދައުވާއަކަށް އިއުތިރާފްވި މީހަކު އުމުރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފި އެވެ.

މިއީ ގއ. ދެއްވަދޫ، ނޫމުތި، އަޒުވަދު މުހައްމަދުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ މައްސަލަ އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނެފައިވާ ގޮތުގައި ޑިސެމްބަރު 11، 2019 ވަނަ ދުވަހު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ކުރިމަތީގައި އޮތް "ސީވިއު ސްޕީޑް" ނަމަކަށް ކިޔާ ލޯންޗެއްގައި އިން އަބްދުﷲ ސައީދު ކިޔާ މީހަކު ބަލައި ފާސްކުރަނިކޮށް 20 ގްރާމްގެ ޑައިމޯފިން ފެނިފައިވެ އެވެ.

އަބްދުﷲ ސައީދު ހައްޔަރުކުރުމުން އޭނާ ބުނެފައިވަނީ އެއީ އަޒުވަދު ހަވާލުކުރި އެއްޗެއް ކަމަށެވެ.

މި މައްސަލައިގެ ތަހުގީގުގައި އަޒުވަދު ވަނީ ކުށަށް އިއުތިރާފްވެފަ އެވެ. އެކަމަކު ޝަރީއަތުގެ މަރުހަލާގައި ދައުވާއަށް ޖަވާބުދާރީވަމުން އޭނާ ކުށަށް އިންކާރުކުރުމަށްފަހު ބުނެފައިވަނީ، ތަހުގީގުގައި އިއުތިރާފްވީ ރަހުމަތްތެރިއެއްގެ ބައްޕަ ސަލާމަތް ކުރުމަށް ކަމަށެވެ.

އެކަމަކު ޝަރީއަތް ފެށުމަށް އިފްތިތާހީ ބަޔާން އިއްވަން އޭނާއަށް ދިން ފުރުސަތުގައި އަނެއްކާ ވެސް އޭނާ ވަނީ ދައުވާއަށް އިއުތިރާފްވެފަ އެވެ.

އަޒުވަދު ދައުވާއަށް އިއުތިރާފްވުމުން އޭނާގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އުމުރަށް ޖަލަށްލުމާއެކު ދެލައްކަ ރުފިޔާއިން ވަނީ ޖޫރިމަނާކޮށްފަ އެވެ.

ޖޫރިމަނާކުރި ފައިސާ އިއްޔެ އިން ފެށިގެން އެއް އަހަރު ދުވަހުގެ ތެރޭ މީރާއަށް ދެއްކުމަށް ގާޒީ ހަސަން ސައީދު ކުރެއްވި ހުކުމުގައި ބަޔާންކޮށްފައިވެ އެވެ.