ކްރިމިނަލް ކޯޓް

ޑްރަގް ނެޓްވޯކެއް ހިންގި ހަތަރު މީހަކު އުމުރަށް ޖަލަށް

މާލޭ ސަރަހައްދުގައި ޑްރަގް ނެޓްވޯކެއް ހިންގަމުން ދިޔަ ހަތަރު މީހަކު އުމުރަށް ޖަލަށް ލުމަށް ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި އުމުރަށް ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ގދ. ތިނަދޫ، ތަންގަލް، ހަސަން ލޫތު އާއި، ހުޅުމާލެ، ފްލެޓް 01-ޖީ-45، ހަސަން ރަޝީދާއި، ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފާއި، މއ. ހަސްލަތު، ޝާނިޔާ އިބްރާހިމް އެވެ.

ކްރިމިނަލް ކޯޓުން އިއްޔެ ހުކުމް ކޮށްފައިވަނީ މި ހަތަރު މީހުން އުމުރަށް ޖަލަށް ލުމަށާއި ޑްރަގް ވިޔަފާރިކޮށްގެން ހޯދާފައިވާ 1.5 މިލިއަނަށްވުރެ ގިނަ ރުފިޔާ ދައުލަތަށް ދެއްކުމަށެވެ.

މި މީހުންގެ މައްޗަށް ދައުލަތުން ވަނީ ޑައިމޯފިން ޓްރެފިކްކުރުމުގެ ދައުވާއާއި މަނީ ލޯންޑަރިންގެ ދައުވާވެސް ކޮށްފަ އެވެ.

މިމީހުންގެ ތެރެއިން ލޫތު ހައްޔަރުކޮށްފައިވަނީ މާލެ، ގ. ނީ އިންނެވެ. ފުލުހުން އެތަން ބަލައި ފާސްކުރުމުގެ ތެރެއިން 33.196 ގްރާމްގެ ޑައިމޯފިން އާއި އޭނާ ދިރިއުޅޭ ކޮޓަރިން 1،466،000 ރުފިޔާ ހޯދާފައިވެ އެވެ.

މައްސަލައިގައި ހިމެނޭ ހަސަން ރަޝީދު ހައްޔަރުކޮށްފައިވަނީ މއ. ހަނީސަކްލް އިންނެވެ. އޭނާ ބަލައި ފާސްކުރުމުގެ ތެރެއިން ވާތް ފަރާތު ޖީބުން ފުލުހުން ވަނީ 14.6735 ގްރާމްގެ ޑައިމޯފިން ހޯދާފަ އެވެ.

އިސްމާއިލް ޝަރީފާއި ޝާނިޔާ އިބްރާހިމް ހައްޔަރުކޮށްފައިވަނީ މ. ރޭއަލިވާގޭގައި ހިންގާ "ރޭއަލި" ގެސްޓްހައުސްގެ ތެރެއިންނެވެ. ގެސްޓްހައުސްގައި އެމީހުން ތިބި 402 ނަންބަރު ކޮޓަރި ތެރެއިން 6.5882 ގްރާމް ޑައިމޯފިންއާއި، 76،675 ރުފިޔާ ހޯދާފައިވެ އެވެ.

ބަލައި ފާސްކުރުމުގެ ތެރޭގައި ފައިސާ ލިބިފައިވަނީ ކިހިނެތް ސުވާލުކުރުމުން އެ ފައިސާ ހޯދި ގޮތް އެ މީހުން ބުނެދީފައި ނުވާ ކަމަށް ހުކުމްގައިވެ އެވެ.

އެހެންވެ ލޫތުގެ ކޮޓަރިން ފެނުނު 1.4 މިލިއަނަށްވުރެ ގިނަ ރުފިޔާއާއި، ގެސްޓްހައުސް ތެރެއިން ފެނުނު 76،675 ރުފިޔާއަކީ ކުށްކޮށްގެން ހޯދި ފައިސާ ކަމުގައި ކޯޓުން ވަނީ ކަނޑައަޅާފަ އެވެ. އަދި އެ ފައިސާ ދައުލަތަށް ދެއްކުމަށްވެސް ވަނީ އަމުރުކޮށްފަ އެވެ.