ބިލެތްފަހި

ބިލަތްފަހި ސްކޫލްގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި

Sep 5, 2022

ށ. ބިލަތްފަހި ސްކޫލްގެ 42 ވަނަ އަހަރީ ދުވަސް ފާހަގަކޮށްފި އެވެ.

މިދުވަސް ފާހަގަކުރުމުގެ ގޮތުން ބިލަތްފަހި ސްކޫލުން ވަނީ އެރަށުގެ އެކި މުއައްސަސާތަކުގެ މެދުގައި ފިރިހެން ހޭންޑް ބޯލް ވަން ޑޭ ކަޕެއް މިދިޔަ ހުކުރު ދުވަހު ހަވީރު ކުރިއަށް ގެންގޮސްފަ އެވެ. އަދި އެރޭ ސްކޫލްގެ އަހަރީ ޖަލްސާ ބާއްވާފައިވެ އެވެ.

މިޖަލްސާ ޝަރަފްވެރި ކޮށްދެއްވީ ޑރ. އައިޝަތު އިނާޔާ އެވެ. އޭނާގެ ވާހަކަފުޅުގައި ތައުލީމު ހޯދުމުގެ މުހިއްމުކަމާއި، ރަށުގައި ތިބެގެން ގްރޭޑް 10 ނިންމަން ލިބިފައިވާ ފުރުސަތުގެ ބޭނުން ފުރިހަމަ ގޮތުގައި ހިފުމަށް ދަރިވަރުންނަށް އިލްތިމާސް ކުރެއްވި އެވެ.

މި ޖަލްސާގައި ބިލަތްފަހި ސްކޫލްގެ ޕްރިންސިޕަލް އަމްޖަދު ހުސައިން ވިދާޅުވީ ދަރިވަރުންނަށް ސްކޫލުން ފޯރުކޮށްދޭ އިލްމާއި ހުނަރުގެ އިތުރުން ތައުލީމީ ހަޔާތަށް ފަހު ދަރިވަރުން ދިރިއުޅުމުގެ ހަޔާތަށް ނިކުންނައިރު ބޭނުންވާނެ ހުނަރާއި ތަޖުރިބާ ވެސް ދަރިވަރުންނަށް ހޯދައިދީ އެކަންކަން ބުނެދޭން ވާނެ ކަމަށެވެ. ދަރިވަރުންނަށް ދިރިއުޅުމުގެ ރިވެތި އަހްލާގާއި އާދަތައް ބުނެދިނުމަށް މައިންބަފައިންނަށް ވެސް ޕްރިންސިޕަލް އިލްތިމާސް ކުރެއްވި އެވެ.

"ޒިންމާދާރުވުމާއި ދިރިއުޅުމުގެ އެއްމެހާ އާދަތަކަށް އެކުދިން ވަޑިފަތި ކުރުމުގައި ގޭތެރޭގެ އާދަކާދަ ތަކުން އެކުދިންނަށް ފިލާވަޅު ފޯރުކޮށްދޭ ބަޔަކީ އެކުދިންގެ ބެލެނެވެރިން،" އަމްޖަދު ވިދާޅުވި އެވެ.

ބިލަތްފަހި ސްކޫލުގައި މިވަގުތު 148 ދަރިވަރުން ތައުލީމު ހާސިލްކުރެ އެވެ. މިސްކޫލްގެ ފަސް ދަރިވަރަކު ވަނީ އެންމެ ފަހުގެ އޯލެވެލް އިމްތިހާނުގެ ގަދަ ދިހައެއްގައި ހިމެނިފަ އެވެ. އެއީ ސްކޫލަށް ލިބުނު ވަރަށް ބޮޑު ފަހުރަކާއި ޝަރަފެއް ކަމުގައި ޕްރިންސިޕަލް އަމުޖަދު ވިދާޅުވި އެވެ.

އަމްޖަދަކީ ރާއްޖެއާއި ރާއްޖެއިން ބޭރުން ކިޔަވާ ވިދާޅުވެގެން ހުންނެވި އެ ދާއިރާގެ ތަޖުރިބާ ބޮޑު ޕްރިންސިޕަލެކެވެ.