ޑަބްލިޔޫއެޗްއޯ

ޑަބްލިއުއެޗްއޯގެ ރީޖަނަލް ކޮމެޓީގެ ބައްދަލުވުން ބޫޓާންގައި ފަށައިފި

Sep 5, 2022

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ -- ޑަބްލިއުއެޗްއޯގެ ދެކުނު އިރުމަތީ އޭޝިއާ ސަރަހައްދުގެ ރީޖަނަލް ކޮމިޓީގެ 75 ވަނަ ބައްދަލުވުން ބޫޓާންގެ ޕާރޯގައި މިއަދު ފަށައިފި އެވެ.

މި ބައްދަލުވުމުގައި ރާއްޖޭގެ ވަފުދުގެ ފަރާތުން އެންމެ އިސްކޮށް ހުންނެވީ ހެލްތު މިނިސްޓަރު އަހްމަދު ނަސީމު އެވެ.

މިމަބައްދަލުވުމުގައި މިސަރަހައްދުގެ 11 ގައުމުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާގެ އިސްވެރިންނާއި ފަންނީ ފަރާތްތައް ބައިވެރިވެ އެވެ.

މިމަހުގެ ފަހަކުން ނުވައަކަށް ކުރިއަށްދާ މިބައްދަލުވުމުގައި މި ސަރަހައްދުގެ ގައުމުތަކުގެ ރައްޔިތުންގެ ސިއްހަތާ ގުޅޭ މުހިއްމު ކަންކަން ކަނޑައަޅައި، ސިއްހަތާ ގުޅޭ ކަންކަން ކުރިއެރުވުމަށް މަޝްވަރާކޮށް، ނިންމުންތައް ނިންމުންތަކެއް ނިންމާނެ އެވެ.

ކޮމިޓީ ބައްދަލުވުމުގައި މި ސަރަހައްދުގެ ގައުމުތަކުގައި ނަފްސާނީ ދުޅަހެޔޮކަން އިތުރުކުރުމަށް ދެވޭ ހިދުމަތްތައް ހަރުދަނާކުރުމަށް ކުރެވިދާނެ މަސައްކަތްތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ސަރަހައްދުގެ ސިއްހީ ދާއިރާގެ އިސްވެރިންގެ ހާއްސަ ރައުންޑް ޓޭބަލް ބައްދަލުވުމެއް މާދަމާ ކުރިއަށްދާނެ އެވެ. އަދި މިމަސައްކަތް ކުރިއަށް އޮތް ތަނުގައި ހަރުދަނާ ކުރުމަށްޓަކައި ގަރާރެއް ފާސްކުރާނެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ފަރާތުން ކުރިއަށް ރާވާފައިވާ 76 ވަނަ ވޯލްޑް ހެލްތު އެސެމްބްލީ އަދި 152 ވަނަ އެގްޒެކެޓިވް ބޯޑް ބައްދަލުވުމުގައި މިސަރަހައްދުގެ ގައުމުތަކުން މަޝްވަރާކުރުމަށް އިސްކަންދޭނެ ދާއިރާތައްވެސް ރީޖަނަލް ކޮމިޓީގެ މަޝްވަރާއާއެކު ކަނޑައަޅާނެ އެވެ.