މީގެ 70 އަހަރު ކުރިން ދަންޖައްސާ މަރަން ހުކުމްކޮށް އެ ހުކުމް ތަންފީޒުކޮށްފައިވާ މީހެއްގެ ކުށެއް ނެތް ކަން ސާބިތުވެއްޖެ އެވެ. އަދި އިނގިރޭސި ވިލާތު ފުލުހުން ދާދިފަހުން ވަނީ އެ މީހާގެ އާއިލާގެ ކިބައިން މައާފަށް އެދިފަ އެވެ.
މަހްމޫދު މައްތާން އަކީ އިނގިރޭސި ވިލާތުގައި ދިރިއުޅުނު ސޯމާލިއާ ދަރިކޮޅުގެ މީހެކެވެ. އޭނާއަކީ ބޯޓުދަތުރުކުރި މީހެކެވެ.
މަހްމޫދު ދަންޖައްސާ މަރާލީ 1952 ވަނަ އަހަރު އެވެ. އެއީ ކާޑިފްގައި ހުރި ފިހާރައެއްގެ ސޭޓަކަށް އިން ލިލީ ވޮލްޕާޓް ކިޔާ އަންހެނަކު މަރާލިކަން ސާބިތުވެގެންނެވެ.
މި މީހާގެ މައްސަލަ ކްރިމިނަލް ކޭސަސް ރިވިއު ކޮމިޝަނުން ބަލައި 1998ގައި ކޯޓް އޮފް އެޕީލް އަށް ހުށަހެޅި އެވެ.
ސައުތު ވޭލްސް ޕޮލިސް އިން އެއްބަސްވާ ގޮތުގައި މަހްމޫދުގެ މައްސަލައިގައި ވަރަށް ގިނަ "ގޯސް"ތައް ހެދިފައި ވެއެވެ. އަދި މިއީ ނަސްލީ ގޮތުންނާއި ދީނީ ގޮތުން މަހްމޫދާ މެދު ގެންގުޅެފައިވާ ތަފާތުކުރުންތަކެއްގެ ސަބަބުން ވަކި ފަރާތަކަށް ބުރަވެ ހިންގާފައިވާ ޝަރީއަތެއް ކަމަށްވެސް އެ ފަރާތުން އެއްބަސްވެ އެވެ.
ތިން ދަރިންގެ ބައްޕަ މަހްމޫދު ދަންޖައްސާ މަރާލިއިރު އޭނާއަށް އެންމެ 28 އަހަރެވެ. މަހްމޫދަކީ ކުށެއް ނެތް މީހެއްކަން ސާބިތުކޮށްދޭން އޭނާގެ އަންހެނުން ލައުރާ އާއި ތިން ދަރިން 46 އަހަރު ވަންދެން މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެ މީހުން މި ދުނިޔެއާ ވަކިވެގެން ދިޔައީ މަހްމޫދަށް އިންސާފު ނުލިބި އޮއްވަ އެވެ.
މަހްމޫދު ދަންޖެއްސިތާ 70 އަހަރު ފަހުން އޭނާގެ މައުސޫމްކަން ސާބިތުވީއިރު އޭނާގެ ހުވަފަތް އަންހެނުންނާއި ތިން ދަރިން ވެސް ވަނީ ދުނިޔެ ދޫކޮށްފަ އެވެ. މިހާރު ދުނިޔޭގައި ތިބީ މަހްމޫދުގެ ކާފަދަރިންގެ ތެރެއިން ހަ މީހެކެވެ.
އިނގިރޭސި ވިލާތުގެ ފުލުހުން މަހްމޫދުގެ ކާފަދަރިންގެ ކިބައިން މައާފަށް އެދުމުން އެ މައާފް މަހްމޫދުގެ ކާފަދަރިން ގަބޫލުކުރި އެވެ. ނަމަވެސް މިއީ އިނގިރޭސި ވިލާތު ފުލުހުން ތެދުވެރި ހިތަކައިގެން ކުރި ކަމެއް ނޫންކަމަށް އެމީހުންނަށް ގަބޫލު ކުރެވެ އެވެ. ސަބަބަކީ މަހްމޫދުގެ ހާދިސާގެ ޑޮކިއުމެންޓްރީއެއް ބީބީސީން ތައްޔާރުކޮށް ވަރަށް އަވަހަށް ދައްކަން ހަމަޖެހިފައިވާތީ އެވެ.
އިނގިރޭސި ވިލާތު ފުލުހުން މަހްމޫދުގެ އާއިލާގެ ކިބައިން މައާފަށް އެދިފައިވަނީ އެ ޑޮކިއުމެންޓްރީ ދެއްކުމުން ގިނަ ބަޔެއްގެ ރުޅި އެ ފަރާތަށް އަމާޒު ވާނެކަން ޔަގީންވުމުންނެވެ.
މަހްމޫދުގެ ބޮލުގައި އެމީހެއްގެ މަރުގެ ޒިންމާ އެޅުނު ލިލީ ވޮލްޕާޓް މަރާލާފައި އޮއްވާ ފެނިފައިވަނީ އޭނާގެ ފިހާރައިގެ ތެރޭގަ އެވެ. އެ ފިހާރަ ހުންނަނީ ކާޑިފްގައި އޭރު ހުރި ޑޮކްޔާޑަކާ ވަރަށް ކައިރީގަ އެވެ.
ލައުރާ މަރާލި ކަމަށް ލަފާ ކުރެވޭ ވަގުތު މަހްމޫދު އެ ފިހާރައަށް ވަދެފައި ނުކުތް ތަން ފެނުނު ކަމަށް މީހަކު ހެކިބަސް ދީފައިވެ އެވެ. އަދި ލައުރާ މަރާލިތާ މަދު ގަޑިއެއްގެ ތެރޭގައި މަހްމޫދު ހައްޔަރުކުރި އެވެ.
އޭނާއާ ދެކޮޅަށް ހެކި ބަސް ދިނީ އެންމެ މީހެއް ނަމަވެސް އެއްކޮޅަށް އެތައް ބަޔަކު ހެކިބަސް ދީފައިވެ އެވެ. އަދި އެއްވެސް ފޮރެންސިކް ހެއްކެއް އޭނާ އާ ދެކޮޅަށް ނެތެވެ. ނަމަވެސް ޝަރީއަތުން ނިންމީ އަންހެން މީހާ މަރާލީ މަހްމޫދު ކަމަށެވެ
އޭނާގެ ޝަރީއަތް ކުރީ ދޮން ނަސްލުގެ ތިން ފަނޑިޔާރުންނެވެ. އެންމެ ތިން ދުވަސް ތެރޭގައި މި ޝަރީއަތް ނިންމައި މަހްމޫދު ދަންޖައްސަން ފަނޑިޔާރުން ހުކުމް ކުރީ އެންމެ މީހެއްގެ ހެކި ބަހަށެވެ.
މި މައްސަލަ އަލުން 1998 ގައި ކޯޓް އޮފް އެޕީލުން ބެލުމުން މަހްމޫދާ ދެކޮޅަށް ހެކިބަސް ދިން ހެރޮލްޑް ކަވާގެ ހެކި ބަހަކީ ގަބޫލު ކުރެވޭ ވަރުގެ އެއްޗެއް ނޫންކަން ވަނީ ޔަގީންވެފަ އެވެ.
ކަވާ ފަހުން ވަނީ އޭނާގެ އަމިއްލަ ދަރިފުޅުގެ ކަރަށް ވަޅި ހަރައި މަރާލަން އުޅުމުގެ ކުށުގައި ހައްޔަރުކޮށްފަ އެވެ. އަދި މަހްމޫދާ ދެކޮޅަށް ހެކި ބަސް ދެމުން ކަވާ ކިޔައިދީފައިވާ މަހްމޫދުގެ ސިފަޔާއި މަހްމޫދުގެ އަސްލު ސިފަ ދިމަލެއް ނުވެ އެވެ.