ލައިފްސްޓައިލް

ތޮޅިމިރުސް ކެއުމުން ލިބޭ ފައިދާ ކިޔައިދިނީ ބަގްޔާޝްރީ

"މައިނޭ ޕިޔާރް ކިޔާ" އިން ބޮލީވުޑަށް ތައަރަފްވީ ރީތި ބަތަލާ ބަގްޔާޝްރީ އަކީ ވަރަށް ގިނަ މީހުން ދަންނަ އެކްޓްރެސް އެކެވެ. ނަމަވެސް އެކްޓްރެސްއެއްގެ އިތުރުން ބާގްޔާޝްރީ އަކީ ސެޓްފިކެޓް ލިބިފައިވާ ނިއުޓްރިޝަނިސްޓެއްކަން އެނގެނީ މަދު ބަޔަކަށެވެ.

އުމުރުން 50 އަހަރަށް ވުރެ މަތިވެފައި ވިޔަސް ބާގްޔާޝްރީ މިހާރު ވެސް ހީވަނީ ޒުވާން ކުއްޖެއް ހެންނެވެ. މިއީ ކެއިން ބުއިމުގެ އާދަތަކާއި ފިޓްނަސް އަށް އޭނާ ފަރުވާ ބަހައްޓާ މިންވަރުން ނެރެވިފައިވާ ނަތީޖާ އެވެ.

ބަގްޔާޝްރީގެ އިންސްޓަގްރާމް އެކައުންޓް ފުރިފައިވަނީ ފައިދާ ހުރި ކާނާއާ ބެހޭ ގޮތުން ދީފައިވާ މައުލޫމާތުތަކާއި ކަސްރަތުކުރާނެ ގޮތުގެ ވީޑިއޯ ތަކުންނެވެ.

މިފަދަ އެއް ވީޑިއޯއެއްގައި ބަގްޔާޝްރީ ވަނީ ރޯމިރުހާއި ތޮޅިމިރުސް ކެއުމުން ލިބޭ ގިނަ ގުނަ ފައިދާތަކުގެ ވާހަކަތައް ކިޔައިދީފަ އެވެ.

އަމިއްލަ ގޭގައި ހައްދާފައި ހުރި ތޮޅިމިރުސް ގަހެއް ކައިރީގައި ހުރެ ނަގާފައިވާ ވީޑީއޯއެއްގައި ބާގްޔާޝްރީ ބުނި ގޮތުގައި އެންމެ ރަނގަޅު ގޮތަކީ އަމިއްލަ ގޭގައި މީގެ މިރުސް ގަސް ހައްދައިގެން ބޭނުންކުރުމެވެ. އޭރުން އެއްވެސް ބޭހެއް ނުޖަހާ އޯގަނިކް ކޮށް މިރުސް ހެއްދޭނެތީ އޭގެން ސިއްހަތަށް މާބޮޑަށް ފައިދާ ކުރާނެ ކަމަށެވެ.
ބާގްޔާޝްރީ ކިޔައިދިން ތޮޅިމިރުހުގެ ފައިދާތައް:

1. ޒީރޯ ކެލޮރީޒް : ތޮޅިމިރުހުގައި އެއްވެސް ކެލޮރީއެއް ނުހުރެ އެވެ. އަދި ސަރުބީ ވިރުވާދިނުން މިރުސް ކާތާ ތިން ގަޑިއިރަށް ދެމިގެން ދާއިރު ސަރުބީވިރޭ މިންވަރު (މެޓަބޮލިޒަމް) 50 ޕަސެންޓް އިތުރުވެ އެވެ.

2. ކެންސަރުން ދިފާއު ކޮށްދޭ: ތޮޅިމިރުހުގައި އެންޓީއޮކްސިޑަންޓްސް ވަރަށް މައްޗަށް ހުރެ އެވެ. މިއީ ހަށީގަނޑުގެ ތެރޭގައި ދައުރުވާ ކުނިބުނިތަކުން ހަށިގަނޑު ސަލާމަތްކޮށްދިނުމުގައި މުހިއްމު ރޯލެއް ކުޅޭ އެއްޗެކެވެ.

3. ހިތުގެ ސިއްހަތު ރަނގަޅުވުން: ތޮޅިމިރުސް ކެއުމުން ކޮލެސްޓްރޯލް ދަށްވެ އެވެ. އަދި ޓްރައިގްލިސަރައިޑް ފަދަ ހިތާ ގުޅިފައިވާ ލޭހޮޅިތަކުގައި ޖަހާ ސަރުބީތައް ވިރުވާލަދީ ލޭހޮޅިތައް ބެދުމުން ދިފާއުކޮށްދޭ އެއްޗެކެވެ. އަދި މިއީ ހާޓް އެޓޭކާއި ސްޓްރޯކުން ދިފާއުވުމަށް ވެސް ކެއުން ރަނގަޅު އެއްޗެކެވެ.

4. ގްރީން ޗިލީޒް ނުވަތަ ތޮޅިމިރުހުގައި ކެޕްސައިސައިން ކިޔާ މާއްދާއެއް އެކުލެވެ އެވެ. މިއީ ދަވަތައް ފޭބުމަށް އެހީވެދޭ އަދި ސައިނަސް އާއި އަރިދަފުސް ރޯގާ އަށް ރަނގަޅު އެއްޗެކެވެ.

5. ވިޓަމިން ސީ އާއި ބީޓާ ކެރޮޓީނުން މުއްސަނދިވެފައިވާ ގްރީން ޗިލީޒް އަކީ ލޮލާއި ހަންގަނޑަށް އަދި ދިފާއީ ނިޒާމަށް ވަރަށް ގިނަ ގުނަ ފައިދާތައް ކުރާ އެއްޗެކެވެ. މިރުސް ބިނދެފައި އައިސްއަލަމާރީގައި ރައްކާ ކުރަން ހަދާން ކުރާށެވެ. ސަބަބަކީ ހޫނާއި ވައި އަދި އަލި އެޅުމުން މިރުހުގައި އެކުލެވޭ ވިޓަމިން ސީގެ ބައި ނެތިގެން ދާނެތީ އެވެ.

ރަތް މިރުހަށް ވުރެ ފެހި މިރުސް ރަނގަޅުވާ ސަބަބު ވެސް ބާގްޔާޝްރީ ކިޔައިދިނެވެ. އޭނާ ބުނި ގޮތުގައި ރޯކޮށް ހުންނައިރު ރަތް މިރުހާއި ފެހި މިރުހުގައި ވެސް ނިއުޓްރިއަންޓްސް ހުންނަނީ އެއްވަރަކަށެވެ. ނަމަވެސް ރަތް މިރުސް ކުޅިގަދަކަމުން އެކެއުމުން ގޮހޮރުގައި ފާރު އުފެދި، މޭ އެންދުން ފަދަ ކަންކަން ދިމާވެ އެވެ. ރަތް މިރުހަށް ވުރެ ކާލަން ކަމުދާ މިރުހަކަށް ފެހި މިރުސް ވަނީ ކުޅި މަޑުވީމަ އެވެ.