ދަރުމަވަންތަ ސްކޫލް

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތް މިއަހަރު ނިންމަނީ

ދަރުމަވަންތަ ސްކޫލްގެ އާ އިމާރާތުގެ މަސައްކަތް މިއަހަރުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު އަވަސްއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ދަރުމަވަންތަ ސްކޫލް އާ އިމާރާތް ނިންމުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށެވެ.

ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ހަދާފައިވަނީ ދެ ބައި ހިމެނޭ ގޮތަށެވެ. އެއީ އޭ ބްލޮކާއި ބީ ބްލޮކެވެ. ރައީސް އޮފީހުން ވަނީ މިހާރު އެތަންތަނުގައި ކުރާ މަސައްކަތުގެ އެންމެ ފަހުގެ މައުލޫމާތުވެސް ހިއްސާކޮށްފަ އެވެ.

ސްކޫލު ނިންމަން މިވަގުތު ކުރަމުންދާ މަސައްކަތްތައް

  • ބީ ބްލޮކްގެ ސީލިން ނިންމުމުގެ މަސައްކަތް
  • އޭ ބްލޮކްގެ ފާހަނަތަކުގެ ފާރުގައި މުށިޖެހުމުގެ މަސައްކަތް
  • އޭ ބްލޮކްގެ ފުރާޅު އެޅުމުގެ މަސައްކަތް
  • ރެއިލިންގެ މަސައްކަތް
  • ވަށާ ފާރު ރޭނުމުގެ މަސައްކަތް

ދަރުމަވަންތަ ސްކޫލްގެ އާ އިމާރަތް ނިމި އެ ސްކޫލް ހުޅުވޭއިރު އެ ތަނުގައި 45 ކްލާސްރޫމް ހުންނާނެ އެވެ. އެއީ އޭ ބްލޮކްގައި 21 ކްލާސްރޫމް އަދި ބީ ބްލޮކްގައި 24 ކްލާސްރޫމް އެވެ.

ދަރުމަވަންތަ ސްކޫލްގައި މިވަގުތު 716 ކުދިންގެ ޖާގަ އޮތް ނަމަވެސް މިވަގުތު މި ސްކޫލުގައި ކިޔަވަމުން ދަނީ 634 ދަރިވަރުންނެވެ. ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގައި އެއްދަންފަޅިއަށް ކިޔަވައިދޭން ފެށުމުން ޖުމްލަ 1،350 ކުދިންނަށް ޖާގަ ދެވޭނެ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.

ވިލާ ކޮލެޖު ކުރިމަތީގައި އޮންނަ ހުސް ބިމުގައި ހަދަމުންދާ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ޑިޒައިން ކުރީ ރިޔަން ޕްރައިވެޓް ކުންފުނިންނެވެ.

މި އިމާރާތް ނިންމަން ސަރުކާރުން އެސްޖޭ ކޮންސްޓްރަކްޝަނާ އެކު ސޮއި ކުރީ ފެބްރުއަރީ 4، 2020 ގައެވެ. މަސައްކަތުގެ އަގުގެ ގޮތުގައި 74.9 މިިލިއަން ރުފިޔާ ކަނޑައަޅައި، މަސައްކަތް ނިންމަން ދިނީ އެއް އަހަރެވެ. އިމާރާތުގެ ޑިޒައިނަށް ފަހުން ގެނައި ބަދަލާ އެކު ސްކޫލުގެ މަސައްކަތް ނިންމަން ސަރުކާރުން ވަނީ އިތުރަށް ގާތްގަނޑަކަށް 20 މިލިއަން ރުފިޔާ އެސްޖޭ އަށް ދީފަ އެވެ. ޑިޒައިނަށް ފަހުން ގެނައި ބަދަލުތަކާ އެކު ސްކޫލުގެ މަސައްކަތް ނިންމަން 150 ދުވަސް ދީފައިވެ އެވެ.

މަޖީދިއްޔާ ސްކޫލް ހިންގަމުން ދިޔަ އިމާރާތް ދެބައިކޮށް ދަރުމަވަންތަ ސްކޫލު ވަކި ސްކޫލެއްގެ ގޮތުގައި އުފެއްދީ 2002 ވަނަ އަހަރު އެވެ.

މަޖީދިއްޔާ ގޮތަށް ދަރުމަވަންތަ ސްކޫލު ވެސް އެންމެ ފުރަތަމަ ހާއްސަކުރީ ހަމައެކަނި ފިރިހެން ދަރިވަރުންނަށެވެ. ނަމަވެސް 2011 ވަނަ އަހަރު ދަރުމަވަންތަ ސްކޫލުގައި ވަނީ ގްރޭޑް އެކެއް އުފައްދައި އަންހެން ދަރިވަރުންނަށްވެސް ޖާގަ ދީފަ އެވެ.

ދަރުމަވަންތަ ސްކޫލަށް އާ އިމާރާތެއް އަޅަން ނިންމީ މަޖީދިއްޔާ ބައިކޮށް އެ ސްކޫލު ހިންގަން ދިން އިމާރާތް މާބޮޑަށް ބާވެ، އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް، ކަމާ ގުޅޭ އިދާރާތަކުން އެންގުމުންނެވެ. އެ އިމާރާތް މާބޮޑަށް ހަލާކުވުމުން ވެލާނާގެ ކައިރީގައި ވަގުތީ އިމާރާތެއް އަޅައި 2016 ވަނަ އަހަރުން ފެށިގެން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދެނީ ވަގުތީ އިމާރާތުގަ އެވެ.