ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތުގެ މަސައްކަތް މި އަހަރު ނިންމާލެވޭނެ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފި އެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަޅަން ފަށާފައި ވަނީ މާލެ ޖަލާއި ވިލާ ކޮލެޖާ ދެމެދު އޮތް ހުސްބިމުގަ އެވެ. އެ މަސައްކަތް ކުރަން މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި އެސްޖޭ ކޮންސްޓްރަކްޝަނާ ހަވާލުކޮށްފައި ވަނީ 74.9 މިލިއަން ރުފިޔާ އަށެވެ. މަސައްކަތް ނިންމަން ދީފައި ވަނީ އެއް އަހަރެވެ.
ނަމަވެސް ސުކޫލު އަޅަން ހަމަޖެހިފައިވާ ބިން ކޮންޓްރެކްޓަރާއި ހަވާލުކުރުން ލަސްވުމާއި، ކޮވިޑް-19އާއި ގުޅިގެން އަމަލީ މަސައްކަތް ފެށުނީ މިިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ. އެހެންވެ ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް ނިންމަން ދިން މުއްދަތު މިއަހަރުގެ ނިޔަލަށް ވަނީ އިތުރު ކޮށްދީފަ އެވެ.
އެޑިޔުކޭޝަން މިނިސްޓްރީން ބުނީ އެ ސްކޫލްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި އަންނަ ޑިސެމްބަރު މަހު މަސައްކަތް ނިންމުމަށްފަހު އަންނަ އަހަރު ކިޔަވައިދޭން ފެށޭ ވަރު ވާނެ ކަމަށް ބެލެވޭ ކަމަށެވެ. ދަރުމަވަންތަ ސްކޫލު އެޅުމުގެ ގޮތުން މިވަގުތު ކުރަނީ ފައުންޑޭޝަން އެޅުމުގެ މަސައްކަތެވެ.
ދަރުމަވަންތަ ސްކޫލުގެ އާ އިމާރާތް އަަޅަނީ އެޑިޔުކޭޝަން މިނިސްޓްރީން އެކުލަވާލާފައިވާ ވަށައިޖެހޭ ތައުލީމުގެ ސިޔާސަތު ފުރިހަމަ ކުރެވޭ ގޮތަށް އިންތިޒާމުތައް ހަމަޖައްސައިގެން 1000 ދަރިވަރުންގެ ޖާގަ ހިމެނޭ ގޮތަށެވެ. އެ ސްކޫލުގައި 41 ކްލާސް ރޫމް ހިމެނޭއިރު ކޮންމެ ކްލާހެއްގައި ގިނަވެގެން ތިބޭނީ 25 ކުދިންނެވެ.
އާ އިމާރާތުގައި ޕްރައިމަރީ އަދި ސެކެންޑްރީ ގްރޭޑްތަކަށް ދެ ބުރީގެ ލައިބްރަރީއެއް ހާއްސަ ކުރާނެ އެވެ. އޭގެ އިތުރުން އެ އިމާރާތުގައި މަސައްކަތު މީހުންނަށް ހާއްސަ ޖަގަހަތަކާއި އިތުރު ހަރަކާތްތައް ހިންގަން ގިނަ އަދަދެއްގެ ރޫމުތަކެއް ހުންނާނެ އެވެ.
މަޖީދިއްޔާ ސްކޫލް ހިންގަމުން ދިޔަ އިމާރާތް ދެބައިކޮށް ދަރުމަވަންތަ ސްކޫލު ވަކި ސްކޫލެއްގެ ގޮތުގައި އުފެއްދީ 2002 ވަނަ އަހަރު އެވެ.
މަޖީދިއްޔާ ގޮތަށް ދަރުމަވަންތަ ސްކޫލު ވެސް އެންމެ ފުރަތަމަ ހާއްސަކުރީ ހަމައެކަނި ފިރިހެން ދަރިވަރުންނަށެވެ. ނަމަވެސް 2011 ވަނަ އަހަރު ދަރުމަވަންތަ ސްކޫލުގައި ވަނީ ގްރޭޑް އެކެއް އުފައްދައި އަންހެން ދަރިވަރުންނަށްވެސް ޖާގަ ދީފަ އެވެ.
ދަރުމަވަންތަ ސްކޫލަށް އާ އިމާރާތެއް އަޅަން ނިންމީ މަޖީދިއްޔާ ބައިކޮށް އެ ސްކޫލު ހިންގަން ދިން އިމާރާތް މާބޮޑަށް ބާވެ، އިމާރާތް ބޭނުންކުރުން ރައްކާތެރި ނޫން ކަމަށް، ކަމާ ގުޅޭ އިދާރާތަކުން އެންގުމުންނެވެ. އެ އިމާރާތް މާބޮޑަށް ހަލާކުވުމުން ވެލާނާގެ ކައިރީގައި ވަގުތީ އިމާރާތެއް އަޅައި 2016 ވަނަ އަހަރުން ފެށިގެން ދަރުމަވަންތަ ސްކޫލުގެ ދަރިވަރުންނަށް ކިޔަވައިދެނީ ވަގުތީ އިމާރާތުގަ އެވެ.