ހޮލީވުޑް

"ސްޕައިޑަމޭން: ނޯވޭހޯމް"ގެ އެކްސްޓެންޑެޑް ވާޝަން މާސަޅި

މާވެލްގެ ސްޕައިޑަމޭން ފްރެންޗައިޒްގެ އެންމެ ފަހުގެ ފިލްމް "ސްޕައިޑަމޭން: ނޯވޭ ހޯމް" އިތުރު 11 މިނެޓާއެކު ރިލީޒްކުރި އެކްސްޓެންޑަޑް ވާޝަން ވަރަށް ބޮޑަށް ހިނގައިފި އެވެ.

ސޭމް ރައިމީ ޑައިރެކްޓް ކުރި "ސްޕައިޑަމޭން: ނޯވޭ ހޯމް"ގެ އިތުރު 11 މިނެޓް ބަލާލުމަށް ގިނަ އަދަދެއްގެ ފޭނުން ސިނަމާތަކަށް ދިއުމުން، މި ފިލްމް ވަނީ އެމެރިކާގެ އަދި އެހެން ގައުމުތަކުގެ ބޮކްސް އޮފީހުގައި މިއަހަރުގެ އެންމެ ކާމިޔާބު ފިލްމްތަކުގެ ޗާޓްގައި ދެވަނައަށް އަރާފަ އެވެ.

މިއަހަރުގެ ބޮކްސް އޮފީހުގެ އެއްވަނައިގައި އަދިވެސް ޓޮމް ކްރޫޒްގެ "ޓޮޕް ގަން: މެވްރިކް" އޮތް ނަމަވެސް، "ސްޕައިޑަމޭން: ނޯވޭ ހޯމް" އާއި މި ފިލްމްގެ އެކްސްޓެންޑެޑް ވާޝަންގެ ޖުމްލަ ސޭލްސްއާއެކު، "ސްޕައިޑަމޭން: ނޯވޭ ހޯމް" މުޅި ދުނިޔޭގެ ބޮކްސް އޮފީހުގައި 1.9 ބިލިއަން ޑޮލަރު ހޯދާފައިވެ އެވެ.

އެހެންކަމުން މި ފިލްމް ވަނީ މިހާތަނަށް ބޮކްސް އޮފީހުގައި އެންމެ ކާމިޔާބު ފިލްމްތަކުގެ ލިސްޓްގެ ހަވަނަ އަށް އަރާފަ އެވެ. "ޓޮޕް ގަން: މެވްރިކް" އޮތީ މި ލިސްޓްގެ 12 ވަނައިގަ އެވެ.

ޓޮމް ހޮލެންޑާއި ޒެންޑާޔާ ކޯލްގެ މި ފިލްމްގައި ޓޮމް ހޮލެންޑްގެ އިތުރުން "މަލްޓިވަސް" ހުޅުވި، ކުރިން ސްޕައިޑަމޭންގެ ރޯލް އަދާކޮށްފައިވާ ޓޯބީ މެގުއާޔަ އާއި އެންޑްރޫ ގާފީލްޑްވެސް މި ފިލްމުން ފެނިގެންދެ އެވެ.

ފިލްމުގައި ބެނެޑިކްޓް ކަމްބަބެޗް، ޑރ ސްޓްރޭންޖްގެ ރޯލުގައި ފެނިގެންދާއިރު، ސްޕައިޑަމޭންގެ ކުރީގެ ފިލްމްތަކުގައި ނުބައިބައި ކުޅުނު ގްރީން ގޮބްލިން، ޑރ އޮކްޓަޕަސް، ސޭންޑްމޭން، ލިޒަޑް، އިލެކްޓްރޯ ފަދަ ކެރެކްޓާތައްވެސް މި ފިލްމުން ފެނިގެންދާނެ އެވެ.