މޯލްޑިވްސް ޕޮލިސް ސާވިސް

ފޭކް މެސެޖުތަކެއް ކުރާތީ ސަމާލުވާން އިލްތިމާސްކޮށްފި

Sep 6, 2022

އެކި މުއައްސަސާތަކުގެ ނަމުގައި އޮޅުވާލައިގެން ސްކޭމް މެސެޖުތަކެއް ކުރަމުންދާތީ ސަމާލުވުމަށް އިލްތިމާސް ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ އެކި މުއައްސަސާތަކުގެ ނަމުގައި ސްކޭމް މެސެޖުތަކެއް ކުރަމުންދާކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.

"މިކަން ފުލުހުން ދަނީ ބަލަމުން. އަދި މި މެސެޖުތަކުގައިވާ އެއްވެސް ލިންކަކަށް ކްލިކް ނުކުރުމަށް ދަންނަވަން." ފުލުހުން ބުނެފައިވެ އެވެ.

އެކި މުއައްސަސާތަކުގެ ނަމުގައި އޮޅުވާލައިގެން ސްކޭމް މެސެޖުތަކެއް ކުރަމުންދާތީ އާންމުންގެ ސަމާލުކަމަށް ފުލުހުން އެ މައްސަލަ ގެނެސްފައި މިވަނީ އެޗްޑީސީއާއި ފެނަކަ ކޯޕަރޭޝަން އަދި މެޓް އޮފީހުގެ ނަމުގައި އެފަދަ މެސެޖުތަކެއް ކުރަމުންދާތީ ސަމާލުވުމަށް އެ ތަންތަނުންވެސް އާންމުންގެ ކިބައިން އެދިފައި ވަނިކޮށެވެ.

އެކި ކުންފުނިތަކާއި ބޭންކުތަކުގެ ނަމުގައި މީހުންނަށް މެސެޖުކޮށް އަދި ގުޅައިގެން މަކަރާ ހީލަތުން ފައިސާ ހޯދުން ފަދަ ކުށްތައް ކުރުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފަ އެވެ. މިފަދަ ކަންކަމަށް ސަމާލުވުމަށް ދޭތެރެ ދޭތެރެއިން ކަމާ ގުޅޭ އިދާރާތަކުން ވެސް އިލްތިމާސް ކުރެ އެވެ.