ލައިފްސްޓައިލް

ޚަބަރުކިޔަން އިންދާ ސްޓްރޯކެއްގެ އަލާމަތްތައް ފެނިއްޖެ

އެމެރިކާގެ ސިޓީއެއް ކަމަށްވާ އޮކްލަހާމާގެ ތުލްސާ ސިޓީގެ ޓީވީ އެންކަރެއް ކަމަށްވާ ޖޫލީ ޗިން ޚަބަރު ކިޔަން އިންދާ ސްޓްރޯކެއްގެ އަލާމަތްތައް ފެނިއްޖެ އެވެ.

މިދިޔަ ހޮނިހިރު ދުވަހު ހިނގި މި ހާދިސާގައި ޖޫލީ ހަބަރުކިޔަމުން ދަނިކޮށް ކުއްލިއަކަށް އަޅައަޅައިގަނެ ކުރިއަށް ގެންދެވޭގޮތް ނުވީ އެވެ. ވަގުތުން ޚަބަރު ގަޑި މެދުކަނޑާލާއި 911 އަށް ގުޅައިގެން ޖޫލީ ވަނީ ހޮސްޕިޓަލަށް ގެންގޮސްފަ އެވެ.

"މައާފުކުރޭ. ހެނދުނުއްސުރެ އަހަންނަށް ކޮންމެވެސް ގޮތެއް އެބަވޭ،" އޭނާގެ މީޓިރޮއޮލޮޖިސްޓް ޕްރެޒެންޓަރަށް ނިއުސްކާސްޓް ހަވާލުކުރަމުން ޖޫލީ ބުނެފައިވެ އެވެ.

ޖޫލީ އަކީ އެމީ އެވޯޑު ހާސިލުކޮށްފައިވާ ކުޅަދާނަ ޖާނަލިސްޓެއް އަދި މީޓިރޮއޮލޮޖިސްޓެކެވެ.

އޭގެ އަނެއް ދުވަހު ޖޫލީ ވަނީ ފޭސްބުކްގައި އޭނާއަށް ދިމާވި ކަންތައްތައް ފޭނުންނާ ހިއްސާ ކޮށްފަ އެވެ.

ޖޫލީ ބުނެފައިވާ ގޮތުގައި އޭނާއަށް ފަރުވާ ދިން ޑޮކްޓަރުން ލަފާ ކުރަނީ އޭނާގެ ކިބައިން ފެނުނީ ސްޓްރޯކެއް ޖެހެން ފެށޭއިރު ފެންނަ އަލާމާތްތަކެއް ކަމަށެވެ.

އެ މައްސަލަ ދިމާވުމުގެ ކުރިން ޖޫލީގެ އެއްވެސް ސިއްހީ މައްސަލައެއް ނެތް ކަމަށާއި އޭނާ ހުރީ ސިއްހަތު ސަލާމަތުން ވަރަށް ފިޓްކޮށް ކަމަށް ވެސް ޖޫލީ ބުނެފައި ވެއެވެ.

"މިކަން ދިމާވީ ހަމަ ކުއްލިއަކަށް. އެ ވަގުތު އަހަރެންގެ އެއް ލޮލުގެ ފެނުން ވެސް ކޮންމެވެސް ވަރަކަށް ގެއްލުނު. އަދި އަތްތިލައާއި އަތުގެ މުލައްދަނޑި އައްސިވި. ވާހަކަ ދައްކަން އުނދަގޫވީ އޭގެ ފަހުން،" ޖޫލީގެ ޕޯސްޓުގައިވެ އެވެ.

ޖޫލީ ބުނި ގޮތުގައި ޚަބަރު އުނދަގޫތައް ހުއްޓަސް ޚަބަރު ކިޔުމުގައިގެން ކުރިޔަށް ދެވޭތޯ އޭނާ ވަރަށް މަސައްކަތް ކުރި އެވެ. ނަމަވެސް އެއްގޮތަކަށް ވެސް އޭނާގެ ދޫ އޭނާއަށް އެހީތެރިނުވުމުން ޚަބަރު މެދުކަނޑާލަން ޖެހުނީ އެވެ.

ޖޫލީ ބުނި ގޮތުގައި އޭނާގެ އެކުވެރިޔަކު ވަގުތުން 911 އަށް ގުޅައިގެން އަވަސް ފަރުވާ ދެވުނުކަމުން އޭނާގެ ސިއްހަތު އިތުރަށް ގޯހެއް ނުވެ އެވެ. ނަމަވެސް އަދިވެސް ޓެސްޓުތައް ހަދަމުންދާ ކަމަށާއި ވެގެން އުޅޭ ގޮތެއް ރަނގަޅަށް ސާފުނުވާ ކަމަށް ޖޫލީ ބުންޏެވެ.

ޖޫލީ ބުނި ގޮތުގައި ސްޓްރޯކެއްގެ އަލާމާތްތައް އެކި މީހުންނަށް ފެންނަ ގޮތް ތަފާތު ވެދާނެ އެވެ. ނަމަވެސް ކުއްލިއަކަށް ބެލެންސް ގެއްލޭގޮތް ވުމާއި ލޮލަށް އަންނަ ބަދަލު، މޫނުގެ އެއް ފަޅީގެ ވާގިދާ ކަމުގެ އިހްސާސް، އަތް އައްސިވުން، ވާހަކަ ދައްކަން ދަތިވުން މިއީ ސްޓްރޯކެއްގެ އަލާމާތެއް ކަމަށް ބަލައި ވަގުތުން މިފަދަ ކަމެއް ދިމާވެއްޖެނަމަ ވަގުތުން ފަރުވާ ހޯދަން އޭނާ އިލްތިމާސް ކުރި އެވެ.

ސްޓްރޯކް ގިނައިން ޖެހެނީ އަންހެނުންނަށެވެ. އަދި އަންހެނުންނަށް ގިނަ ފަހަރު ޖެހޭ ސްޓްރޯކުން ފުރާނައަށް ނުރައްކާވެ އެވެ.