ލައިފްސްޓައިލް

އިރާނު ކުއްޖެއް، އެއިންސްޓެއިން އަށް ވުރެ އައިކިއު ލެވެލް މަތި

އުމުރުން އެންމެ 11 އަހަރުގެ ތާރާ ޝަރީފީ އަކީ އިނގިރޭސި ވިލާތުގެ އައިލެސްބަރީ ހައި ސްކޫލްގައި ކިޔަވަމުންދާ އީރާނު އަންހެން ކުއްޖެކެވެ.

އޮކްސްފޯޑުން ބޭއްވި މެންސާ އައިކިއު ޓެސްޓުން ތާރާ ވަނީ "ޖީނިއަސް ބެންޗްމާކް" 140 އަށް ވުރެ މާމަތިން ހޯދައި ދުނިޔޭގައި ހުރި އެންމެ ވިސްނުންތޫނު ކުއްޖާގެ މަގާމު ހޯދާފަ އެވެ.

ތާރާއަށް މި ޓެސްޓުން 162 ޕޮއިންޓް ލިބިފައިވެ އެވެ. މިއީ އެންމެ މޮޅު ސިކުނޑީގެ ވެރިޔާ އަދި މޮޑާން ފިޒިކްސްގެ އެންމެ ވަރުގަދަ ދެ ތަނބުގެ ތެރެއިން އެއް ތަނބު ކަމަށްވާ އެއިންސްޓެއިންގެ އައިކިއު ލެވެލް އަށް ވުރެ ދެ ޕޮއިންޓް މަތީ އަދަދެކެވެ. އަދި މަޝްހޫރު ކޮސްމޮލޮޖިސްޓް ޕްރޮފެސަރު ސްޓެފަން ހޯކިންގްސްގެ އައިކިއު ލެވެލް އަށް ވުރެ ވެސް ތާރާގެ އައިކިއު ލެވެލް މައްޗެވެ.

"ނަތީޖާ ލިބުމުން ޚުދް އަހަންނަށް ވެސް ބޮޑު ޝޮކެއް ލިބުނު. މިހާރު ރަނގަޅު ނަތީޖާއަކަށް އަހަރެން އުންމީދެއް ނުކުރަން،" އީރާނުގެ ނޫހަކަށް ތާރާ ބުނެފައިވެ އެވެ.

މި ސްކޯއާ އެކު ތާރާ އަށް ވަނީ މެންސާ މެމްބަޝިޕް ލިބިފަ އެވެ. މެންސާ އަކީ "ހައި އައިކިއު ސޮސައިޓީ"ގެ ނަމުގައި މަޝްހޫރުވެފައިވާ ތަނެކެވެ.

ތާރާ ބުނި ގޮތުގައި މި ޓެސްޓްގައި ބައިވެރިވީ އޭނަގެ މައިންބަފައިންނާއި އޭނާއަށް ވެސް އެކަން ކުރަން ފެނިގެންނެވެ.

ބޮޑުވެގެން ތާރާ ކުރިއަށް ދާން ގަސްތުކުރަނީ ހިސާބާ ގުޅުން ހުރި ރޮނގަކުންނެވެ.

ތާރާގެ ބައްޕަ ހުސައިން ޝަރީފީ ބުނި ގޮތުގައި އޭނާގެ ދަރިފުޅަށް އެހާ ރަނގަޅު ސްކޯއެއް ކުރެވިދާނެ ކަމަކަށް ޚުދު އޭނާ ވެސް ހިތަކަށް ނާރަ އެވެ. އެހެންކަމުން ތާރާގެ ނަތީޖާއިން އޭނާއަށް ވެސް ބޮޑު ހައިރާންކަމެއް ލިބުނެވެ.

"ތާރާއަށް މި ލިބުނު ކާމިޔާބާ މެދު އަހަރެން ވަރަށް ފަޚުރުވެރިވަން. އަދި މިއީ ވަރަށް ބޮޑު ސަޕްރައިޒެއް. ނަމަވެސް މި ޓެސްޓުން ރަނގަޅު ނަތީޖާއެއް ތާރާ އަށް ލިބޭނެ ކަމަށް އަހަރެންނަށް ކުރިން ވެސް ހީކުރެވުނު. ސަބަބަކީ ޓީވީން ދައްކާ މެތުސް ސުވާލުތައް ކުރާ މުބާރާތްތައް ޓީވީން ބަލަން އިންނައިރުވެސް އެ މުބާރާތްތަކުގައި ބައިވެރިވާ ކުދިންނަށް ވުރެ މާއަވަހަށް ތާރާ ޖަވާބުދޭނެ. އަދި ސްކޫލުން ވެސް ރަން ވަނަތައް ހޯދާ. އެހެންވެ އަހަންނަށް އެނގޭ ތާރާގެ ވަރަށް ވިސްނުން ތޫނުކަން. އަދި އޭނާގެ އައިކިއު ލެވެލް ވަރަށް މަތިވާނެކަން،" ޝަރީފީ ބުންޏެވެ.