ދިރާގު

ބޯހިމެނުމުގެ ޑިޖިޓަލް ޕާޓްނަރަށް ދިރާގު ހަމަޖައްސައިފި

Sep 7, 2022

މިމަހު ފަށާ ބޯހިމެނުމުގެ ޑިޖިޓަލް ސާވިސަސް ޕާޓްނަރުގެ ގޮތުގައި ދިރާގު ހަމަޖައްސައި އެކުންފުންޏާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް)އާ އެކު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.

އެމްބީއެސް އާއި ގުޅިގެން ދިރާގުން ދަނީ މިއަހަރުގެ ބޯހިމެނުމުގެ ހަރަކާތްތަކުގައި ޑިޖިޓަލް ކަނެކްޓިވިޓީ ފޯރުކޮށްދީ، ބޯހިމެނުމުގެ ތަމްރީނު ދިނުމާއި މައުލޫމާތު އެއްކުރުމުގެ މުއްދަތުގެ ތެރޭގައި ބޭނުންވާ ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދެމުންނެވެ.

އެއްބަސްވުމުގައި ސޮއި ކުރެއްވުމަށްފަހު ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް، މުހައްމަދު މިރްޝާން ހަސަން ވިދާޅުވީ މިއަހަރުގެ ބޯހިމެނުމުގެ ޑިޖިޓަލް ޕާޓްނަރަށްވުމަކީ ދިރާގަށް ލިބޭ ނުހަނު ބޮޑު އުފަލެއް ކަމަށެވެ.

"ރާއްޖޭގައި އެންމެ ފުޅާދާއިރާއެއްގައި ޑިޖިޓަލް ހިދުމަތްތައް ފޯރުކޮށްދޭ ފަރާތުގެ ހައިސިއްޔަތުން، ކުރިއަށް އޮތް އަހަރުތަކުގައި ރާއްޖޭގެ ތަރައްގީގެ ކުރިމަގު ބައްޓަންކުރާނެ މި މުހިއްމު ގައުމީ ހަރަކާތް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމުގައި އެމްބީއެސް އާއި 2022 ވަނަ އަހަރުގެ ބޯހިމެނުމުގެ ޓީމަށް އެހީތެރިކަން ފޯރުކޮށްދިނުމަކީ އަޅުގަނޑުމެން ފަހުރުވެރިވާ ކަމެއް." މިރުޝާން ވިދާޅުވި އެވެ.

އެމްބީއެސްގެ ޗީފް ސްޓެޓިސްޓިޝަން އައިޝަތު ހަސަން ވިދާޅުވީ މިއަހަރުގެ ބޯހިމެނުމުގައި ދިރާގުން އަމަލީގޮތުން ބައިވެރިވެ ދޭ އެހީތެރިކަމާއި އެއްބާރުލުން ވަރަށް ބޮޑަށް ބަލައިގަންނަ ކަމަށެވެ.

"މިއަހަރުގެ ބޯހިމެނުމަކީ ކާމިޔާބު ހަރަކާތަކަށް ހެދުމަށާއި މީގެ މުހިންމުކަމާއި މެދު ހޭލުންތެރިކަން އިތުރުކުރުމަށް އެކުންފުނީގެ ފަރާތުން ލިބެމުންދާ އެހީތެރިކަމަށްވެސް އަޅުގަނޑުމެން ޝުކުރު އަދާކުރަން،" އައިޝަތު ވިދާޅުވި އެވެ.

މިއަހަރުގެ ބޯހިމެނުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 13 އިން 25 އަށެވެ.

ދިރާގުން ބުނީ އަބަދުވެސް ދެމިތިބޭނީ ދިވެހިރާއްޖޭގެ ހިދުމަތްތައް އިތުރަށް ކުރިއެރުވުމަށް އެހީތެރިވެދޭނެ ގައުމީ މަސައްކަތްތަކަށް އެއްބާރުލުން ދިނުމަށާއި ދިވެހިރާއްޖޭގެ ރައްޔިތުންގެ ދިރިއުޅުން އިތުރަށް މުއްސަނދިކޮށް ފުރިހަމަކުރުމުގައި ކަމަށެވެ.