ކްރިމިނަލް ކޯޓް

ދައުލަތުގެ ވަކީލުން ސަކަރާތް ޖެހުމުން ގާޒީގެ އިންޒާރެއް

Sep 7, 2022
3

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ދައުލަތުން އުފުލާފައިވާ ރިޝްވަތު ގަބޫލުކުރުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާގެ ޝަރީއަތުގެ މަޖިލިސް ހިނގަމުން ދަނިކޮށް ދައުލަތުގެ ވަކީލުންގެ އަމަލުތައް ހުރި ގޮތުން މައްސަލަ ބައްލަވަމުން ގެންދަވާ ގާޒީ، ދައުލަތުގެ ވަކީލުންނަށް އިންޒާރު ދެއްވައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ކުރިއަށް ގެންދިޔައީ ރައީސް ޔާމީންގެ ދިފާއީ ހެކިންގެ ހެކި ބަސް ނެގުމެވެ.

ޝަރީއަތުގެ މަޖިލީހުގައި ރައީސް ޔާމީންގެ ދިފާއީ ވަކީލް ވާހަކަދައްކަވަމުން ގެންދަވަނިކޮށް ދައުލަތުގެ ވަކީލުން ހީ ސަކަރާތް ޖައްސަވާ މަންޒަރު ފެނިވަޑައިގަތުމާ ގުޅިގެން މައްސަލަ ބައްލަވަމުން ގެންދެވި ކްރިމިނަލް ކޓުގެ އިސް ގާޒީ އަހްމަދު ޝަކީލް ވަނީ އެކަމާ ކޯފާ އިސްކުރައްވާ ދައުލަތުގެ ވަކީލުންނަށް އިންޒާރު ދެއްވާފަ އެވެ.

"ދައުލަތުގެ ވަކީލުން ހީ ސަމާސަކޮށް ސަކަރާތް ޖަހާ މަޖިލީހެއް ނޫން މިއީ، އެއްބޭފުޅަކު އަނެއް ބޭފުޅަކަށް ކޮއްޓާ އިނގޭތޯ. އެފަދަ ކަންކަން ކުރާނަމަ ޝަރީއަތުގެ މަޖިލީހުން ޖެހޭނީ އެ ވަކީލަކާ ދޭތެރޭ އޮންނަ އުސޫލުގެ ތެރެއިން ފިޔަވަޅު އަޅަން،" ގާޒީ ވިދާޅުވި އެވެ.

ގާޒީ ޝަކީލް އިތުރަށް ވިދާޅުވީ ޝަރީއަތުގެ މަޖިލީހުގައި ދުއްތުރާކޮށް އުދަގޫކުރުމުގެ ފުރުސަތު ނުދެވޭނެ ކަމަށެވެ. އެފަދަ އަަމަލުތަކަކީ ވަކީލުން ކުރައްވައިގެންވާނެ ކަންތައްތަކެއް ނޫން ކަމަށާއި އަދި އެގޮތަށް ވަކީލުން އަމަލުކުރަން ދޫކޮށްލައިގެން ނީންނަވާނެ ކަމުގައިވެސް ވިދާޅުވި އެވެ.

ރައީސް ޔާމީންގެ ޝަރީއަތްތަކަކީ ކްރިމިނަލް ކޯޓުގެ ހުއްދައާއި އެކު ބައެއް ޓީވީ ޗެނަލްތަކުން ލައިވް ވެސް ކުރާ މަޖިލިސް ތަކެކެވެ.

ގާޒީ ޝަކީލް ދައުލަތުގެ ވަކީލުންނަށް އިންޒާރު ދެއްވީ ދައުލަތުގެ ވަކީލުން ކަމުގައިވާ މަރިޔަމް ޝަހްމާއާއި އަހްމަދު ހީ ސަމާސާކުރައްވާ މަންޒަރު ގާޒީގެ ސަމާލުކަމަށް އައުމާ ގުޅިގެންނެވެ.

ޝަރީއަތުގެ މަޖިލިސް ތަކުގައި އަމަލުކުރަން އޮންނަ އުސޫލާ ބައެއް ވަކީލުން ހިލާފުވުމުން ވަކީލުންގެ ސަމާލުކަމަށް އެކަމެއް ގެނެސް އެކަމެއް ރަނގަޅުކުރަން އެންގުމަކީ ބައެއް ގާޒީން ކުރައްވާ ކަމެކެވެ.

ޝަރީއަތުގެ މަޖިލިސްތައް އާންމުކޮށް ފަށަނީވެސް އެ މަޖިލީހުގައި ކަންކަން ކުރައްވީ ގޮތް ކިޔައިދީ އޮޅުންފިލުވައިދިނުމަށްފަހު އެވެ. ޝަރީއަތުގެ މަޖިލީހުގައި އަމަލުކުރަން އޮންނަ އުސޫލާ ހިލާފުވުމުން ބައެއް މީހުންނަށް އަދަބު ދިނުމުގެ ގޮތުން ޖަލަށްލުމަށް ހުކުމްކޮށްފައިވެސްވެ އެވެ.