ފުޑް އެންޑް ޑްރަގް އޮތޯރިޓީ

ނުރައްކާ އައިސްކްރީމް ޕައުޑަރެއް ވިއްކުން މަނާކޮށްފި

Sep 7, 2022

ހުއްދަ ނެތް ކާކުލައެއް އަޅައިގެން އުފައްދާފައިވާ އައިސްކްރީމް ޕައުޑަރެއް ވިއްކުން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފި އެވެ.

ފުޑް އެންޑް ޑްރަގް އޮތޯރިޓީން މިއަދު ބުނެފައިވަނީ "ސްޓެއްލާ" ބްރޭންޑްގެ އައިސްކްރީމް ޕައުޑަރު ރާއްޖެ އެތެރެކޮށްފައިވާ ކަމުގެ މައުލޫމާތު ޔޫރަޕުގެ ރެޕިޑް އެލާޓް ސިސްޓަމް ފޯ ފުޑް އެންޑް ފީޑް (އާރްއޭއެސްއެފްއެފް) އިން ދީފައިވާ ކަމަށެވެ.

އެ އޮތޯރިޓީ އިން ބުނި ގޮތުގައި މި އެލާޓް އާއި ގުޅިގެން އެ އުފެއްދުމުގެ ސަބަބުން ކާބޯތަކެތީގެ ރައްކާތެރިކަމަށް އޮތް ނުރައްކާ ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސްޓެއްލާ ބްރޭންޑްގެ 1.3 ކިލޯގެ އައިސްކްރީމް ޕައުޑަރު އެތެރެކޮށް ނުވިއްކުމަށާއި އެ ވައްތަރުގެ ޕައުޑަރު ގަނެފައިނަމަ ބޭނުން ނުކުރުމަށް ފުޑް އެންޑް ޑްރަގް އޮތޯރިޓީ އިން ވަނީ އަންގާ އެވެ. އޭގެ ބެޗް ނަންބަރަކީ L3105210523 އެވެ. މުއްދަތު ހަމަވަނީ އަންނަ އަހަރުގެ މޭ މަހަށެވެ.