ކުޅިވަރު

ވޮލީ ކޯޓަށް މަޝްހޫރު ނަންތައް: ބުޅި އާއި ކާއްޓާއި މަހާއި މާމައެއް

Jan 22, 2015
1

ވޮލީ ބޯޅައިގެ ގައުމީ ފެންވަރުގެ މުބާރާތެއް އެ އޮތް ނިމެނީ އެވެ. އަނެއްކޮޅުން މި އަންނަނީ ފުޓްބޯޅައިގެ އީދެކެވެ.

އެހެންވީމަ ކުޅިވަރުގެ މި ދެ ދަނޑަށް ވެސް އެއް ވަރަކަށް މަޝްހޫރު މޫނެއްގެ ވާހަކަ އިން ފަށައިގަންނަމާ ހިނގާށެވެ. އެއީ މަޝްހޫރު ވޮލީ ކޯޗު އިބްރާހިމް ރަޝީދު އެވެ. ކުޅިވަރުގެ ދަނޑަށް އަދި މި ރާއްޖޭގައި ދެން ތިބި ބަޔަކަށް ވެސް އޭނާ މަޝްހޫރުވެފައި ވަނީ ސަތޯގެ ގޮތުގަ އެވެ.

މިއީ ރުންކުރު އަދި އެހާމެ އަވަހަށް ކުޅިވަރުގެ މައިދާނުގައި ވެސް ކާމިޔާބީގައި އޮޅުލައިގަނެ ބައްދައިގެންފައިވާ މި ކަމުގެ ފިސާރި ތަޖުރިބާކާރެކެވެ. ސަތޯ، ސަތޯ އަށް ވަނީ ވެސް، ލޭ ކައްކުވާލައިގެން، ފުންމަ ފުންމައިގެން ގޮސް އޭނާ އެ ޖަހާ ސަކަރާތަކާ ހެދި އެވެ.

އެހެންވީމަ ރާއްޖޭގެ ވޮލީ ބޯޅައިގެ ކޯޓަށް މަޝްހޫރު އެހެން ކުޅުންތެރިންގެ އާދަޔާހިލާފު ވަނަންތަކުގެ ވާހަކަ ފެށުމުގެ ކުރިން ނިންމާލަން ޖެހެނީ ސަތޯގެ ވާހަކަ އެވެ.

އޭނާ ބުނީ "ސަތޯ" ގެ ވަނަން އޭނާ އަށް ދޭން ޖެހުނު ސަބަބެއް ނޭނގޭ ކަމަށެވެ. މި ނަމުން އޭނާއާ ދިމާލަށް އެންމެ ފުރަތަމަ ގޮވަން ފެށީ، އޭރު އޭނާ ކިޔަވަން އުޅުނު އަދި ވޮލީ ވެސް ކުޅެން އުޅުނު އެމްއީއެސްގެ ޓީމަށް ކޯޗުކަން ކޮށްދޭން ޖަޕާނުން ގެނައި ކޯޗެކެވެ.

ސަތޯ ބުނީ މި ކޯޗު އޭނާއާ ދިމާލަށް ސަތޯއޭ ކިޔައި ގޮވަން ފެށުމުން އެންމެފަހުން އެ ނަން އެގޮތަށް ހަރުލީ ކަމަށެވެ. މިއީ ސަތޯ، ސަތޯ އަށް ވި ގޮތެވެ.

އެއްގޮތަކަށް ވެސް އޭނާ އަށް މި ވަނަން ދީފައި ވަނީ މަޝްހޫރު ހިންދީ ފިލްމު "ދިލްވާލޭ" ގެ ލަވަ "ސާތޯ ޖަނަމް މެ ތެރޭ" އަށް ނިސްބަތްކޮށެއް ނޫނެވެ.

މިހާ ހިސާބުން މިއަދުގެ ވޮލީ ބޯޅައިގައި ރާއްޖޭގެ އެންމެ މަޝްހޫރު ދެ ނަމަށް ޖެހިލަމާ ހިނގާށެވެ. އެއީ އައްކަޅޭގެ ނަމުން މަޝްހޫރުވެފައިވާ އަޝްފާގް އާދަމް އާއި ކުޑަ ކާއްޓޭގެ ނަމުން މަޝްހޫރުވެފައިވާ އިސްމާއީލް ސާޖިދު އެވެ.

ރާއްޖޭގެ ވޮލީ ކޯޓުން ފާހަގަކޮށްލެވޭ އާދަޔާހިލާފު ވަނަންތަކުގެ ވާހަކަ މި ދެ ކުޅުންތެރިންނާ ހިސާބުން އަދި ނިމުނީކީއެއް ނޫނެވެ. އާދަޔާހިލާފު ވަނަންތަކުން ވޮލީ ބޯޅައިގެ ދިވެހި ތަރިން މަޝްހޫރުވުމަކީ ވަރަށް ދިގު ސަގާފަތެއް އޭގައި އޮތް ކަމެކެވެ. ފަހަރެއްގައި ވޮލީގެ ކުޅިވަރާ ގުޅުން ހުރި މީހުންނާއި އެއްޗިއްސަށް ވެސް ތަފާތު ނުވަތަ އާދަޔާހިލާފު ވަނަމެއް ހާއްސަވަނީ އެވެ.

ދެން މި އުޅޭ "އައްކަޅޭ އަކާއި ކާއްޓެއް" ގެ ވާހަކައިން ފަށަމާ ހިނގާށެވެ. އައްކަޅޭ އާއި ކުޑަކާއްޓޭ އަކީ މިހާރު މި ކުޅޭ ވޮލީބޯޅައިގައި ރަސްކަންކުރަމުން އަންނަ ދެ މޫނެވެ. އައްކަޅޭގެ އަސްލު ނަމަކީ އަޝްފާގު އާދަމް އެވެ.

ވޮލީ ކޯޓުން އޭނާގެ އެންމެ އިތުބާރު ޕާޓުނަރުގެ ގޮތުގައި ފެންނަ ކުޑަ ކާއްޓޭގެ ވާހަކަ އަކީ އަދި މާ ތަފާތު ވާހަކައެކެވެ.

ކުޑަ ކާއްޓޭ، ކުޑަ ކާއްޓޭއަކަށް ވަނީ އޭނާގެ ބޭބެ، އަހުމަދު ސާޖިދު އަދި އެއަށް ވުރެ ބޮޑު ވޮލީ ލެޖެންޑަކަށްވީމަ އެވެ. އަހުމަދު ސާޖިދު އަކީ ވޮލީ ބޯޅައިގެ ހަގީގީ "ކާއްޓޭ" އެވެ.

މި ނަން އެނބުރެމުން މި އަންނަނީ، ފުޓްބޯޅައިގެ ދަނޑަށް މަޝްހޫރު "ތޮއްޑޫ" ގެ ނަން "ކުޑަ ތޮއްޑޫ" އަކަށް ވެސް ބަދަލުވެގެން އައި ކަހަލަ ގޮތަކަށެވެ.

ކުޑަ ތޮއްޑޫއާ ހިސާބުން ތޮއްޑޫގެ ފުޓްބޯޅަ ތަރި އޮއްސުނަސް "ކާއްޓޭ" މެންގެ ވޮލީގެ ތަރި އަދި އެހާ ފަސޭހައިން އޮއްސޭކަށް ވެސް ނޫޅެ އެވެ. މިހާރު ވިދައި ބަބުޅަމުން މި އަންނަ ކުޑަ ކާއްޓޭއަށް ފަހު އަދި އެއަށް ވުރެ ކުޑަ ކާއްޓޭއެއް ވެސް އެބައުޅެ އެވެ. އެއަށް ފަހު މި ތިން ބެއިންނަށް ވުރެ ހަގު އެހެން "ކާއްޓޭއެއް" ވެސް ދަނީ ވޮލީގެ ކޯޓުގައި ފައިތިލަ ސާބިތުކުރަމުންނެވެ.

ވޮލީ ބޯޅައިގެ ނަން މަޝްހޫރު އެހެން ކުޅުންތެރިންނަށް ބަލާލާއިރު "ބުޅިކޭ" އަކީ ވެސް ނިކަން މަޝްހޫރު ނަމެކެވެ. ޒުވާން މި ކުޅުންތެރިޔާގެ އަސްލު ނަމަކީ ހުސެއިން ވިޝާމް އެވެ.

މީގެ އިތުރުން ވެސް ގައުމީ ފެންވަރުގައި ފާހަގަކޮށްލެވޭ ވޮލީގެ ތަފާތު އިތުރު ނަންތަކެއް ވެސް އެބައުޅެ އެވެ. "މާމަ" އަކާއި "ބޭބެ" އެއް ވެސް އެބަ އުޅެ އެވެ. އަދި "ކޮއްކޮ" އެކޭ ކިޔުނު ނިކަން މަޝްހޫރު ވޮލީ ކުޅުންތެރިޔަކު ވެސް ގައުމީ ފެންވަރުގެ ސަފުން ފާހަގަކޮށްލެވެ އެވެ.

މި ދެންނެވި "މާމަ" އަކީ ތަންކޮޅެއް ކުރީގެ މަޝްހޫރު ވޮލީ ތަރިއެއް ކަމުގައިވީ މުހައްމަދު ޖުނައިދު އެވެ. "ބޭބެ" އަކީ ވެސް ކުރީގެ ވޮލީ ތަރިއެއް ކަމުގައިވާ ހުސެއިން އަދީލް އެވެ. އިބްރާހިމް އާދިލްގެ ނަމުން މަޝްހޫރު "ކޮއްކޮ" އަކީ މި ބޭބެގެ އަސްލު ކޮއްކޮ އެވެ. މި ސަބަބާ ހެދި ވޮލީ ބޯޅައިގެ މުޅި އާއިލާ އަށް ވެސް އިބްރާހިމް އާދިލް އަކީ "ކޮއްކޮ" އެކެވެ.

ކުރީގެ ވޮލީ ތަރިންގެ ތެރެއިން ޗިޗޫ އަކީ ވެސް ފާހަގަކޮށްލެވޭ މަޝްހޫރު ނަމެކެވެ. ނުވަ ދިހައިގެ މެދުތެރޭގައި ކަސްޓަމްސް ރެކްރިއޭޝަން ކްލަބުން ވޮލީގެ ކެރިއަރު ފެށި މި ކުޅުންތެރިޔާގެ އިތުރުން އަހަންމޫގެ ނަމުން މަޝްހޫރުވި އަހުމަދު ދީދީ އާއި ކޮނިކާގެ ގޮތުގައި ވޮލީ ކޯޓްތަކުގައި އަތްގަދަކުރި އަހުމަދު އަލީ އަކީ ވެސް ފާހަގަކޮށްލެވޭ ކުޅުންތެރިއެކެވެ.

ލޯންގޭގެ ގޮތުގައި ވޮލީގެ ކޯޓަށް މަޝްހޫރު، އިސްކޮޅުން ދިގު އަހުމަދު އަބްދުލް ކަރީމަކީ ވެސް މަޝްހޫރު ވަނަމެއް ހަރުވެފައިވާ ފަރާތެކެވެ.

ނަމަވެސް އެއްގޮތަކަށް ވެސް ވަނަމެއް ނެތި ވޮލީ ކޯޓުގައި މަޝްހޫރުކަން ހޯދާފައިވާ ނިކަން ކުޅަދާނަ ކުޅުންތެރިންތަކެއް ވެސް އެބަ އުޅެ އެވެ.

އެއް އިރެއްގައި ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިންގެ މެޑަލް ޖަހާފައިވާ ޝާމިލް އާދަމް އާއި އިބްރާހިމް ނިޒާރު ވޮލީގެ ކޯޓަށް އަދި މި ކުޅިވަރަށް މަރުދިން އެހެން މީހުންގެ މެދުގައި ވެސް މަޝްހޫރުވެފައި ވަނީ ހަމަ ޝާމިލް އާއި ނިޒާރުގެ ގޮތުގަ އެވެ.

ކޮންމެއަކަސް ވޮލީ އަކީ މިފަދަ ގޮތަކަށް ޝައުގުވެރިވަނިވި ވަރަށް ގިނަ ކަންތައްތަކެއް ފާހަގަކޮށްލެވޭ ކުޅިވަރެކެވެ. މި ކުޅިވަރުގައި ގައުމީ ފެންވަރުގައި ފައިތިލަ ސާބިތުކޮށްފައިވާ ފަރާތްތަކުގެ ތެރޭގައި އެއް އާއިލާއަކަށް ނިސްބަތްވާ އެތައް ބަޔަކު ތިބިކަން ވެސް ފާހަގަކޮށްލެވެ އެވެ.

މިސާލަކަށް، "ކާއްޓޭމެން" ގެ ބެއިންތަކެވެ. އަދި ގައުމީ ފެންވަރުގައި ވޮލީ ކުޅޭ ޒުވާން ދެ ކުޅުންތެރިން ކަމުގައިވާ އާދަމް ފައިރޫޒު އާއި އަހުމަދު ފާޒިލް އަކީ އެއްމާބަނޑު ދެ ބެއިންނެވެ.