ދިވެހި ބަސް ރައްކާތެރިކޮށް ކުރިއެރުވޭނީ ދިވެހި ބަހުގެ ބަހުރުވަތައް ވެސް ރައްކާތެރިކޮށް ކުރިއަރުވައިގެން ކަމުގައި ހެރިޓޭޖު މިނިސްޓަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ޔުމްނާ މިހެން ވިދާޅުވެފައި މިވަނީ އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިޔައިގެން އައްޑޫ ޚަތީބަކު ސަސްޕެންޑް ކޮށްފައި ވަނިކޮށެވެ. ނަމަވެސް ރައީސް އޮގީހުން ބުނީ ޚަތީބު ސަސްޕެންޑް ކުރީ އައްޑޫ ބަހުރުވައިން ހުތުބާ ކިޔައިގެން ނޫން ކަމަށެވެ.
ރައީސް އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ އިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ ގޮތާ ޚިލާފަށް އައްޑޫ ސިޓީ މީދޫގައި ހުކުރު ޚުތުބާކީ މައްސަލައެއްގައި، އެ މައްސަލަ ބަލާ ނިމެންދެން އެ ޚަތީބަށް ހުކުރުކުރަން ނުޖައްސަން އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީން ނިންމާފައިވާ ކަމަށެެވެ.
ސަސްޕެންޑް ކުރީ އައްޑޫ ސިޓީގެ މީދޫގައި ހުންނަ މަސްޖިދުއް މަޖްދުއްދީނުގައި މިދިޔަ ހުކުރު ދުވަހު ހުތުބާކީ މުދިމު -- މުހައްމަދު ރަޝީދު އެވެ.
އައްޑޫ ބަހުންކީ ހުކުރު ހުތުބާއެއްގެ މައްސަލަ ފެންމަތިވެފައި ވަނިކޮށް މިނިސްޓަރު ޔުމްނާ މިއަދު ވިދާޅުވީ ދިވެހި ބަހުގެ ތެރޭގައި ރާއްޖޭގެ އެކި ހިސާބުތަކުގައި ވާހަކަދައްކާ ބަހުރުވަތައްވެސް ހިމެނޭ ކަމަށެވެ. އަދި ދިވެހި ބަސް ރައްކާތެރިކޮށް ކުރިއެރުވޭނީ ދިވެހި ބަހުގެ ބަހުރުވަތައްވެސް ރައްކާތެރިކޮށް ކުރިއަރުވައިގެން ކަމަށާއި ބަހުރުވަތަކުން މުއާމަލާތުކުރާނެ ފުރުސަތުތައް ތަނަވަސް ވެގެން ކަމަށެވެ.
"ބަހުރުވައަކީ އެ ބަހަކުން ވާހަކަ ދައްކާ ރަށެއްގެ ނުވަތަ އަތޮޅެއްގެ މީހުންގެ ދިރިއުޅުމާއި ސަގާފަތާއި ގުޅިލާމެހިފައި އޮންނަ އެއްޗެކެވެ. އެއީ އެ ރަށެއްގެ ނުވަތަ އެ އަތޮޅެއްގެ މުހިންމު މާނަވީ ސަގާފީ ތަރިކައެކެވެ." މިނިސްޓަރު ވިދާޅުވެފައިވެ އެވެ.
ހުކުރު ހުތުބާއަށް އުނި އިތުރު ގެނައުމަކީ މަނާ ކަމެކެވެ. މައްސަލަ ނިންމުމަށްފަހު އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީގެ ރިޕޯޓް އިސްލާމިކް މިނިސްޓްރީއަށް މިއަދު ލިބޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
"އައްޑޫ ބަހުރުވައިން ހުތުބާކިޔުމުގެ މައްސަލައަކަށް ވުރެ ބޮޑަށް ހުތުބާ ކޮމިޓީއިން މިމައްސަލަ ބަލަނީ، އޮންނަ އުސޫލާ ހިލާފަށް، ފާސްކޮށްފައިވާ ހުތުބާއަށް އުނި އިތުރު ގެނައި މައްސަލައެއްގެ ގޮތުގައި. އެއީ މަނާކަމެއް. ފާސްކޮށްފައިވާ ހުކުރު ހުތުބާއަށް ހަތީބުން އަމިއްލައަށް އުނި އިތުރު ގެންނަ ނަމަ، އެއިން ނިކުންނަ ނަތީޖާ ރަނގަޅު ނުވެދާނެ." ރައީސް އޮފީހުގެ މެސެޖުގައިވެ އެވެ.
މުހައްމަދު ރަޝީދު ބައެއް މީޑިއާތަކާ ވާހަކަދައްކަމުން ބުނީ އައްޑޫ ބަހުުރުވައިން ހުތުބާކީ މިސްކިތަށް އަރާ ގިނަ މީހުންނަކީ އައްޑޫގައި ދިރިއުޅޭ އައްޑޫ މީހުންނާއި ބިދޭސީން ކަމަށްވާތީ ގިނަ ބަޔަކަށް އެނގޭ ބަހުރުވައަކުން ހުތުބާ ކިޔުން އެއީ މުހިއްމު ކަމަކަށް ވާތީ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.