އައްޑޫ ސިޓީގެ އިމާމަކު ސަސްޕެންޑް ކުރީ ހުކުރު ހުތުބާއަށް އުނިއިތުރު ގެނައުމުން ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ރައީސް އޮފީހުން މިހެން ބުނެފައި މިވަނީ އައްޑޫ ބަހުރުވައިން މިދިޔަ ހުކުރު ދުވަހު ހުތުބާ ކިޔުމާ ގުޅިގެން ޚަތީބް ސަސްޕެންޑް ކުރި ކަމަށް އިއްޔެ ނޫސްތަކުގައި ރިޕޯޓްކުރުމާ ގުޅިގެންނެވެ.
ސަސްޕެންޑް ކުރީ އައްޑޫ ސިޓީގެ މީދޫގައި ހުންނަ މަސްޖިދުއް މަޖްދުއްދީނުގައި މިދިޔަ ހުކުރު ދުވަހު ހުތުބާކީ މުދިމު -- މުހައްމަދު ރަޝީދު އެވެ.
ރައީސް އޮފީހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީއިސްލާމިކް މިނިސްޓްރީން ފާސްކޮށްފައިވާ ގޮތާ ޚިލާފަށް އައްޑޫ ސިޓީ މީދޫގައި ހުކުރު ޚުތުބާ ކީ މައްސަލައެއްގައި، އެމައްސަލަ ބަލާ ނިމެންދެން އެ ޚަތީބަށް ހުކުރުކުރަން ނުޖައްސަން އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީން ނިންމާފައިވާ ކަމަށެެވެ.
ހުކުރު ހުތުބާއަށް އުނި އިތުރު ގެނައުމަކީ މަނާ ކަމެކެވެ. މައްސަލަ ނިންމުމަށްފަހު އައްޑޫގައި އޮންނަ ހުތުބާ ކޮމިޓީގެ ރިޕޯޓް އިސްލާމިކް މިނިސްޓްރީއަށް މިއަދު ލިބޭނެ ކަމަށްވެސް ރައީސް އޮފީހުން ބުނެ އެވެ.
"އައްޑޫ ބަހުރުވައިން ހުތުބާކިޔުމުގެ މައްސަލައަކަށް ވުރެ ބޮޑަށް ހުތުބާ ކޮމިޓީއިން މިމައްސަލަ ބަލަނީ، އޮންނަ އުސޫލާ ހިލާފަށް، ފާސްކޮށްފައިވާ ހުތުބާއަށް އުނި އިތުރު ގެނައި މައްސަލައެއްގެ ގޮތުގައި. އެއީ މަނާކަމެއް. ފާސްކޮށްފައިވާ ހުކުރު ހުތުބާއަށް ހަތީބުން އަމިއްލައަށް އުނި އިތުރު ގެންނަ ނަމަ، އެއިން ނިކުންނަ ނަތީޖާ ރަނގަޅު ނުވެދާނެ." ރައީސް އޮފީހުގެ މެސެޖުގައިވެ އެވެ.
މުހައްމަދު ރަޝީދު ބައެއް މީޑިއާތަކާ ވާހަކަދައްކަމުން ބުނީ އައްޑޫ ބަހުުރުވައިން ހުތުބާކީ މިސްކިތަށް އަރާ ގިނަ މީހުންނަކީ އައްޑޫގައި ދިރިއުޅޭ އައްޑޫ މީހުންނާއި ބިދޭސީން ކަމަށްވާތީ ގިނަ ބަޔަކަށް އެނގޭ ބަހުރުވައަކުން ހުތުބާ ކިޔުން އެއީ މުހިއްމު ކަމަކަށް ވާތީ ކަމަށެވެ. އިސްލާމިކް މިނިސްޓްރީން ފޮނުވި ހުތުބާއަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާނެ ކަމަށްވެސް އޭނާ ބުނެފައިވެ އެވެ.
އައްޑޫ ބަހުރުވައިން ހުކުރު ހުތުބާ ކިޔައިގެން މުދިމަކު ސަސްޕެންޑް ކުރި މައްސަލައިގައި ބައެއް އާންމުން ވަނީ ސޯޝަލްމީޑިއާގައި ހިތްހަމަނުޖެހުން ފާޅުކޮށްފަ އެވެ. އާންމުންގެ މައިގަނޑު ޝަކުވާ އަކީ އައްޑޫ މީހުން ބޭނުންކުރާ ބަހުރުވައަކީ ދިވެހި ބަސް ކަމަށްވާއިރު އެގޮތަށް ހުތުބާ ކިޔުމުން ޚަތީބަށް ފިޔަވަޅު އެޅުމެވެ.