ދުނިޔެ

އައިފޯން 14: ކޮންމެ ފަހަރަކު ވެސް އާ ފީޗާތަކެއް

މި އަހަރުގެ އައިފޯން ސީޒަން ފެށިއްޖެ އެވެ. އެޕަލް އިން މި އަހަރަށް ޚާއްސަކޮށްފައި ވަނީ އައިފޯން 14، އައިފޯން 14 ޕްލަސް، އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް އެވެ.

އައިފޯން 14 އަދި އައިފޯން 14 ޕްލަސް، ބަލާބެލުމަށް އައިފޯން 13އާ މާބޮޑު ތަފާތެއް ނެތެވެ. އެޕަލް އިން ކުރިން ވެސް ބުނި ގޮތަށް މި ދެ ފޯނުގެ ޑިޒައިނަށް ބަދަލުތަކެއް ނުގެނެ އެވެ.

އައިފޯން 14 އަދި 14 ޕްލަސްގެ ނޮޗް -- ސްކްރީންގެ މަތިގައި އިންނަ ހުސް ތަނަށް ވެސް އިތުރު ބަދަލެއް ނުގެނެ އެވެ. އައިފޯން 13އާ ހަމަ އެއްގޮތެވެ. މި ދެ ފޯނުގައި ބޭނުންކުރަނީ އައިފޯން 13 އަށް އުފެއްދި އެޕަލް އޭ15 ބަޔޮނިކް ޗިޕް އެވެ.

އެޕަލް އިން މި ފަހަރު އާންމުކުރި އައިފޯން 14 އަށް ގެނައި ޑިޒައިން ބަދަލުތައް ބޮޑަށް ފޯކަސް ކޮށްފައި ހުރީ އައިފޯން 14 ޕްރޯ އަދި އައިފޯން 14 ޕްރޯ މެކްސް އަށެވެ.

އައިފޯން 14 ޕްރޯ އަދި 14 ޕްރޯ މެކްސްގެ ނޮޗް އިންނަނީ ދެބުރި ބެއްދި ބޭސްގުޅައެއް ސިފަކުރެވޭ ގޮތަށެވެ. އެހެން ނަމަވެސް އެޕަލުން އެ ތަނަށް ކިޔަނީ "ޑައިނަމިކް އައިލޭންޑް" އެވެ.

އައިފޯން 14 ޕްރޯ އަދި 14 ޕްރޯ މެކްސްއަށް މުޅިން އާ ޕްރޮސެސާއެއް -- އެޕަލް އޭ16 ބަޔޮނިކް ޗިޕް ވަނީ ހިމަނާފަ އެވެ.

އައިފޯން 14 ގެ މޮޑެލްތައް ވިޔަފާރިއަށް ނެރޭއިރު މީހުންގެ ހިތްދަމައިގަތުމަށް ޚާއްސަ ފީޗާތައް ވެސް ވަނީ ހިމަނާފަ އެވެ. ވިޔަފާރީގައި ދެމިގަތުމަށް އެޕަލް އިން އަބަދު ވެސް މޮޅު ފީޗާތައް އައިފޯނުގައި ހިމަނަ އެވެ.

އައިފޯން 14 އަށް ޚާއްސަ ފީޗާތަކުގެ ތެރޭގައި ފޯނަށް އޮޕަރޭޓަރުގެ ސިގްނަލް ނުލިބޭ ހިސާބެއްގައި އުޅެނިކޮށް އެކްސިޑެންޓެއް ހިނގި ނަމަވެސް ސެޓެލައިޓް މެދުވެރިކޮށް "އެސްއޯއެސް" މެސެޖް ފޮނުވައިދެ އެވެ.

"ކްރޭޝް ޑިޓެކްޝަން" އަކީ ވެސް އައިފޯން 14 އަދި އެޕަލް ވޮޗް ސީރީޒް 8 ގައި ހިމަނާފައިވާ ފީޗާއެކެވެ. މިއީ އެއްޗެއް ބާރަށް ދުއްވާފައި ދަނިކޮށް ތަނެއްގައި ޖެހުމުން އެމެޖެންސީ މެސެޖް ފޮނުވައިދޭ ފީޗާއެކެވެ.

އައިފޯން ސީޒަން މިއަހަރަށް ފެށޭއިރު، އެޕަލްގެ ސްމާޓް ގަޑިތަކަށް ވެސް ވަނީ ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ.

އެޕަލް ވޮޗް މަރުކާގައި "އެޕަލް ވޮޗް އަލްޓްރާ" އަކީ މި ފަހަރު މުޅިން އަލަށް ނެރުނު މޮޑެލްއެކެވެ. ސްމާޓް ގަޑި މާކެޓްގައި އެޕަލްއާ ވަދާކުރަން ނުކުންނަ ކުންފުނިތަކަށް އެޕަލްގެ އާ ފީޗާތައް ވަރަށް ބޮޑު ހުރަކަހަށް ވާނެ އެވެ.