ދުނިޔެ

އީރާގުގެ ޕާލަމެންޓް އުވާލުމުގެ ގާނޫނީ ބާރެއް ނެތް: ސްޕްރީމް ކޯޓު

އީރާގަށް އާ ރައީސަކު ހޮވައި ސަރުކާރެއް އެކުލަވާލަން ސިޔާސީ ލީޑަރުން ކުރެއްވިހާ މަސައްކަތެއް ފޭލިވެ މުޅި ގައުމު އޮތީ ގަޑުބަޑުވެފަ އެވެ.

ސަރުކާރެއް އެކުލަވާލައި ރައީސަކާއި ނައިބު ރައީސަކު ކަނޑައެޅުން ލަސްވާ މައްސަލާގައި ސިޔާސީ އެކި ފިކުރުތަކަށް ތާއީދުކުރާ ގުރޫޕްތަކުގެ މެދުގައި ގަޔަށް އަތްލައި ކަނޑި ބަނޑިން ވެސް ވަނީ ހަމަލާ ދީފަ އެވެ.

އިރާގުގެ ސިޔާސީ މަސްލަހަތު ދެމެހެއްޓުމަށް ކަމަށް ބުނެ މުގްތަދާ އައްސަދްރު އަށް ތާއީދުކުރާ ގާނޫން ހަދާ މަޖިލީހުގެ ބައެއް މެމްބަރުން ސައްލާ ކުރައްވައި މުޅި ޕާލަމެންޓް އުވާލަން ފެޑެރަލް ސްޕްރީމް ކޯޓަށް ހުށަހެޅި ކުއްލި މައްސަލާގައި ކޯޓުން ނިންމާފައިވަނީ އެވަރުގެ ކަމެއް ކުރުމުގެ ބާރު ކޯޓަށް ލިބިފައި ނުވާ ކަމަށެވެ.

މިއީ ނުފޫޒުގަދަ ޝީއީ ލީޑަރު މުގްތަދާ އައްސަދްރު އަޑީގައި ހުންނަވައިގެން ކުރައްވާ ކަމެކެވެ. އީރާގުގައި މިހާރު ހުންނެވި ބޮޑުވަޒީރު މުސްތަފާ އަލްކަޒީމީ މަގާމުން ދުރުކުރައްވައި ސަދްރުގެ އެޖެންޑާ ފަތުރާލުމަކީ ވެސް ރޭވިފައި އޮތް ގޮތެކެވެ.

އީރާގުގައި ސަރުކާރެއް އެކުލަވާލަން ސަރުކާރުން އެއްބާރުލުން ނުދެއްވާ ކަމަށް ވިދާޅުވެ ސިޔާސީ ހުރިހާ ހަރަކާތްތަކެއް ނިންމަވާލެއްވީ ކަމަށް ވެސް ސަދްރު ވަނީ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް އޭނާއަށް ތާއީދު އޮންނަ ގުރޫޕްތަކަށް ވަސްވާސް ދެއްވައި ސަރުކާރާ ދެކޮޅަށް މަގުތަކަށް ނުކުތުމަށް ވަނީ ގޮވާލައްވާފަ އެވެ.

ސަދްރަށް ތާއީދުކޮށް މަރުދޭ އެތައް ހާސް ބަޔަކު މަގުތަކަށް ނުކުމެ އަމަން ބަލަހައްޓާ ފައުޖުތަށް ބިރުދައްކައި ވަނީ ރިޔާސީ ގަނޑުވަރަށް ވަދެގެންފަ އެވެ.

މިކަމާ ގުޅިގެން ހިނގާ ދިޔަ ހަމަނުޖެހުންތަކަށް ފަހު ބަނޑުހައި ހޫނުކަމުގެ ހަޅުތާލެއް ފެއްޓެވީ ކަމަށް ސަދްރު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އެއީ ސަރުކާރުން އާންމުނަށް ކުރާ އަނިޔާ ހުއްޓަންދެން ކުރެއްވި އިހުތިޖާޖެކެވެ.

އެހެން ނަމަވެސް ސަދްރު ދަންން މީހުން ބުނާ ގޮތުގައި އެއީ އޭނާގެ އަޑިނުބައި ކަމުގެ މިސާލެކެވެ. އެކަމުން އޭނާގެ ސަޕޯޓަރުންނަށް ގެއްލުންވުން ނޫން ކަމެއް ނޫވާނެ އެވެ.