އެޗްޑީސީ

ހުޅުމާލެއިން ވިއްކާ 74 ބިން ގަންނަން އިތުރު ވަގުތު ދީފި

Sep 8, 2022

ހުޅުމާލެ އިން ބީލަމުގެ އުސޫލުން ވިއްކަން ހުޅުވާލި 77 ބިން ވިއްކަން ހުޅުވާލި މުއްދަތު އިތުރުކޮށްފި އެވެ.

ގޯތި ގަންނަން ބޭނުންވާ ފަރާތްތަކަށް އެޗްޑީސީ އިން އެންމެ ފުރަތަމަ އެ ފުރުސަތު ހުޅުވާލީ މިމަހުގެ އެއްވަނަ ދުވަހުގެ ނިޔަލަށެވެ. ބީލަންތައް ހުޅުވުމަށް އޭރު ހަމަޖައްސާފައި އޮތީ ސެޕްޓެމްބަރު 11 އަދި 12 ވަނަ ދުވަހު އެވެ.

އެޗްޑީސީ އިން މިހާރު ނިންމާފައިވަނީ ގޯތި ގަތުމުގެ ފޯމު އަންނަ ބުރާސްފަތި ދުވަހު ވިއްކުމަށެވެ. ފޯމު ގަތުމަށްފަހު ބީޗް ފްރޮންޓްގެ ގޯއްޗަކަށްނަމަ ބީލަން ހުށަހަޅަންޖެހެނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. ބީޗް ސައިޑުގެ ގޯއްޗެއް ނަމަ އަންނަ މަހުގެ 4 ވަނަ ދުވަހު އެވެ.

ބިން ވިއްކަނީ ހުޅުމާލޭގެ ކޮން ސަރަހައްދަކުން ކަމެއް އެޗްޑީސީގެ އިއުލާންގައި ފާހަގަކޮށްފައެއް ނުވެ އެވެ. އެކަމަކު ބީޗް ސައިޑުން 52 ބިމަކާއި ބީޗު ފްރަންޓުން 22 ބިން ވިއްކާނެ ކަމަށް ބުނެފައިވެ އެވެ. ބިޑް ސެކިއުރިޓީގެ ގޮތުގައި އެއްމިލިއަން ރުފިޔާ ހުށަހަޅަންޖެހެ އެވެ.

ދިރިއުޅުމުގެ ބޭނުމަށް އެޗްޑީސީން ވިއްކަން ނިންމާފައިވަނީ 1،095.05 އަކަފޫޓާއި 2،588.14 އަކާފޫޓާ ދެމެދުގެ ބިންތަކެކެވެ.

ބީޗު ފްރަންޓުގެ ބިންތަކަށް ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ އަކަފޫޓަކަށް 6،500 ރުފިޔާ އެވެ. ބީޗް ސައިޑްގެ ބިމެއް ނަމަ ބީލަން ހުށަހެޅޭނެ އެންމެ ކުޑަ އަގަކީ 5،500 ރުފިޔާ އެވެ.

ގޯތި ގަންނަ މީހުންގެ ޝަރުތުތައް

  • އުމުރުން 18 އަހަރު ފުރިފައިވާ ދިވެއްސަކަށްވުން.
  • އެޗްޑީސީން ވިއްކި ހުޅުމާލޭގެ ބިމެއް ބީލަމުގެ އުސޫލުން ގަނެފައިވާ މީހަކަށް ނުވުން.
  • ދިރިއުޅުމަށް 600 އަކަފޫޓަށް ވުރެ ބޮޑު ބިމެއް ނުވަތަ ގޯއްޗެއް - މާލެ ސަރަހައްދުގައި ރަޖިސްޓްރީކޮށްފައި ނެތުން.
  • އެއްފަރާތަށް ވުރެ ގިނަ ފަރާތްތަކެއްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާނަމަ 600 އަކަފޫޓަށް ވުރެ ބޮޑު ބައެއް ލިބިފައިވާ މީހަކަށް ނުވުން.
  • ބީލަމުން ބިމެއް ގަތުމަށްފަހު އެ ބިން އެހެން މީހެއްގެ ނަމަށް ބަދަލުކޮށްފައިވާ މީހަކަށް ނުވުން.

ހުޅުމާލޭގެ ދެވަނަ ފިޔަވަހިން މިއަހަރުގެ ފެބްރުއަރީ މަހުވެސް ބިން ވިއްކާފައިވެ އެވެ. އޭރު ބީލަމުގެ އުސޫލުން ދެ ބުރެއްގެ މަތިން ޖުމްލަ 60 ބިން ވިއްކައިގެން ބިލިއަނަކަށް ވުރެ ގިނަ ރުފިޔާގެ އާމްދަނީ އެޗްޑީސީއަށް ލިބުނެވެ.