އާސަންދަ

އައްޑޫ އާއި ކުޅުދުއްފުށީގައި އާސަންދަ ޑެސްކް ގާއިމުކޮށްފި

Sep 8, 2022
2

ކުޅުދުއްފުށްޓާއި އައްޑޫ ސިޓީގައި އާސަންދަ ޑެސްކެއް ގާއިމުކޮށްފި އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު ވިދާޅުވީ އާސަންދަ ހިދުމަތަކީ ރައްޔިތުންނާ ވީހާވެސް ގާތުން ލިބުމަށް ރައްޔިތުން އެދޭ ހިދުމަތެއް ކަމަށެވެ. އެކަން ހާސިލްކޮށްދިނުމުގެ ގޮތުން އައްޑޫ އަދި ކުޅުދުއްފުށީގައި އާސަންދަ ޑެސްކެއް މިހާރު ގާއިމުކޮށްފައި ހުންނާނެ ކަމުގައިވެސް ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ރަށްރަށަށް ވަޑައިގަންނަވާއިރު އެ ރަށް ރަށުގައި ހުންނަ ޑެސްކެއް މެދުވެރިިކޮށް އާސަންދަ ހިދުމަތް ވީހާވެސް އަވަހަށް ލިބޭނެ ގޮތް ހަދައިދެމުން ދިއުމަކީ ރައްޔިތުން އެދެމުން ދިޔަ ކަމެއް ކަމަށެވެ.

ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގައި ގާއިމުކުރި ޑެސްކް މެދުވެރިކޮށް އާސަންދަ ހިދުމަތް ލިބެން ފެށުމުން ހިދުމަތް އަވަސްވާނެ ކަމުގެ ޔަގީންކަންވެސް މިއުވާން ދެއްވެވި އެވެ.

އާސަންދަ ސްކީމް ތައާރަފްކޮށް އެއްލައްކަ ރުފިޔާއާ ހަމައަށް ހިލޭ ބޭސް ފަރުވާކުރެވޭނެ އިންތިޒާމު ހަމަޖެއްސީ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެ ހިދުމަތް އިތުރަށް ފުޅާކޮށް ހުސްނުވާ އާސަންދަށް ނުވަތަ ވަކި ލިމިޓެއް ނެތި ސަރުކާރުގެ ހޮސްޕިޓަލްތަކުން ބޭސް ފަރުވާ ކުރެވޭނެ އިންތިޒާމު ހަމަޖެއްސެވި އެވެ.

ސަރުކާރުގެ ސަތޭކަ ޕަސަންޓް ހިއްސާވާ ކުންފުންޏެއްގެ ގޮތުގައި އާސަންދަ ކުންފުނި އުފެއްދީ މާޗް 1، 2015 ގައެވެ.