ރައީސް އޮފީސް

އާސަންދައިގެ ދަށުން ފެށޭ ހަފުތާގައި މެޑިކަލް ޗެކަޕް ހެދޭނެ

އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމުގެ މަގުފަހިކޮށްދިނުމުގެ ހާއްސަ ސިޔާސަތު އަންނަ ހަފުތާގައި ތަންފީޒުކުރަން ފަށާނެ ކަމަށް ރައީސް އޮފީހުން ހާމަކޮށްފި އެވެ.

ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންވެ ބައްދަލުވުމުގައި އެ އޮފީހުގެ އަންޑަ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީ -- މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ފެށޭ ހަފުތާ ތެރޭގައި ސަރުކާރުގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން މި ހިދުމަތް ލިބެން ފަށާނެ ކަމަށެވެ.

އެ ހިދުމަތަށް އާސަންދައިން ހާއްސަ ޕެކޭޖުތަކެއް ތައާރަފު ކުރާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

"އާސަންދަ ކުންފުނީގެ ފަރާތުން މިކަމަށް ހާއްސަ ޕެކޭޖުތަކެއް ތައާރަފު ކުރެވިގެންދާނެ، ފެށިގެންދާއިރު ހާއްސަކޮށް ވަކިވަކި އުމުރުފުރާތަކަށް އަމާޒުކުރެވިގެންދާ ޕެކޭޖުތަކާއެކު މި މަސައްކަތް ފެށިގެންދާނެ،" ފިރުޒުލް ވިދާޅުވި އެވެ.

ފިރުޒުލް ވިދާޅުވީ އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރާއި ދެވަނަ ކުއާޓަރުގެ ކުރީކޮޅުން ފެށިގެން އެ ޕެކޭޖުތައް ފުޅާކުރެވިގެންދާނެ ކަމަށެވެ.

މީގެ އިތުރުން މިއަދުން ފެށިގެން އައިވީއެފް ޓްރީޓްމަންޓް ހިމެނޭ ގޮތަށް ދަރިމައިވުމާ ގުޅޭ ފަރުވާގެ ހިދުމަތްތައް އާސަންދަ މެދުވެރިކޮށް ލިބެން ފަށާނެ ކަމަށް ފިރުޒުލް ވިދާޅުވި އެވެ.

މީގެ ތެރޭގައި ޕީސީއޯއެސް އަދި އެންޑޮމެޓްރިއޮސިސް ހިމެނޭ ކަމަށްވެސް ފިރުޒުލް ވިދާޅުވި އެވެ.