މިއުވާން މުހައްމަދު

ބަދަލުތަކާއެކު އާސަންދަ ހަރަދު ކުޑަވާނެ: މިއުވާން

ދިވެހި ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކޮށްދޭ ގައުމީ ހެލްތު އިންޝުއަރެންސް ސްކީމް -- އާސަންދަ ހަރުދަނާ ކުރުމުގެ ކަންކަން ތަންފީޒުކުރަން ފެށުމުން އާސަންދައަށް ކުރާ ހަރަދު ކުޑަވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އާސަންދައަކީ ހަރަދު ބޮޑު ނިޒާމެއް ކަމަށެވެ.

އާސަންދައިގައި ހުރި ވަރަށް ގިނަ މައްސަލަތައް އެކި އަހަރުތަކުގައި ފާހަގަކުރެވުނު ނަމަވެސް އެކަންކަން ހައްލުކުރުމަށް މީގެ ކުރިން މަސައްކަތްތަކެއް ކޮށްފައިނުވާ ކަމަށް މިއުވާން ވިދާޅުވި އެވެ.

"އާސަންދައަށް ކުރާ ހަރަދު ކުޑަކުރުމަށް ސަރުކާރުން މަސައްކަތްތަކެއް މިއަހަރު ތެރޭގައިވެސް ކުރިއަށް އެބަދޭ." މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ސޯޝަލް ސެކިއުރިޓީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ކަމާގުޅުންހުރި އިދާރާތައް ގުޅިގެން މަޝްވަރާ ކުރެވެމުންދާ ކަމަށެވެ. އޭގެ ތެރޭގައި އާސަންދަ އާއި އެންސްޕާގެ އިތުރުން ސޯޝަލް ކައުންސިލް ހިމެނޭ ކަމަށް ވިދާޅުވި އެވެ.

"މާގިނަ ދުވަސްތަކެއް ނުވެ އެ ބަދަލުތައް އިމްޕްލިމެންޓް ކުރެވިގެންދާނެ. އިމްޕްލިމެންޓް ކުރެވިގެން ދިޔައީމަ އާސަންދައަށް ކުރާ ހަރަދު ވަރަށް ބޮޑުތަނުން ކުޑަކުރެވި، ޖުމްލަކޮށް މުޅި ނިޒާމު ވަރަށް ބޮޑަށް ހަރުދަނާވެގެންދާނެ،" މިއުވާން ވިދާޅުވި އެވެ.

އާސަންދައިގެ ހަރަދު ކުޑަކުރުމަށް މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސަރުކާރުން ބުނެފައިވާއިރު މިއަހަރުގެ މިހާތަނަށް އާސަންދައަށް 847 މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ. މިއަހަރަށް އާސަންދައަށް ކަނޑައެޅީ އެއް ބިލިއަން ރުފިޔާގެ ބަޖެޓެކެވެ.