މިއުވާން މުހައްމަދު

127 ރަށަށް އެމްބިއުލާންސް ފޯރުކޮށްދީފި

މި ދައުރުގެ ތެރޭގައި މިހާތަނަށް 127 ރަށަށް އެމްބިއުލާންސް ފޯރުކޮށްދީފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ އެމްބިއުލާންސް ފޯރުކޮށްދިން ރަށްތަކުގެ ތެރޭގައި އަލަށް އެމްބިއުލާންސް ފޯރުކޮށްދިން ރަށްތައް ހިމެނޭ ކަމަށެވެ.

"މީގެ ތެރޭގައި އަލަށް އެމްބިއުލާންސް ފޯރުކޮށްދެވުނު ރަށްތައް ހިމެނޭ. އަދި މީގެ ކުރީގައި އެމްބިއުލާންސްތަކެއް ނަމަކަށް ހުރި ރަށްރަށްވެސް އެބަ ހިމެނޭ. އަދި އެމްބިއުލާންސްތަކެއްގެ ބަދަލުގައި ހަމައެކަނި ވެހިކަލްތަކެއް ބާއްވައިގެން އެމްބިއުލާންސްގެ ހިދުމަތް ދެމުންދިޔަ ރަށްރަށްވެސް ހިމެނޭ،" މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ރަށްރަށުގައި އެމްބިއުލާންސްގެ ހާލަތު ހުރި ގޮތް ރައީސް އޮފީހުން ބަލަމުންގެންދާ ކަމަށެވެ. އެމްބިއުލާންސް ފޯރުކޮށްދިނުމުގައި އެމްބިއުލާންސް ނެތް ރަށްރަށާއި އެމްބިއުލާންސް މަރާމާތުކުރަންޖެހިފައި ހުރި ރަށްރަށަށް އިސްކަންދޭ ކަމަށް ވިދާޅުވި އެވެ.

އާބާދީއަށް ބަލައި އެއް އެމްބިއުލާންސް އޮންނަ ރަށްރަށް ހުންނަކަން ފާހަގަ ކުރައްވާ މިއުވާން ވިދާޅުވީ އެ އެމްބިއުލާންސަށް މައްސަލައެއް ދިމާވުމުން އެކަން ވީހާވެސް އަވަހަށް ހައްލުކުރުމަށް މަސައްކަތްކުރަމުންދާ ކަމަށެވެ.

އެމްބިއުލާންސް ގެނައުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށާއި އެންމެ ފުރަތަމަ ލިބޭ އެމްބިއުލާންސްތައް ދޭނެ 24 ރަށެއް ކަނޑައެޅޭނެ ކަމަށް މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ފޯރުކޮށްދޭ އަށް ޕެރަމެޑިކް އެމްބިއުލާންސް ކުރިއަށް އޮތް މަދު ހަފުތާތަކުގެ ތެރޭގައި ލިބޭނެކަން ޖަޕާން ސަރުކާރުން އަންގާފައިވާ ކަމަށެވެ.

ހެލްތު މިނިސްޓްރީއަށް 20 އެމްބިއުލާންސް ހޯދަން އެސްޓީއޯއާ މިމަހު ހަވާލުކޮށްފައިވާއިރު އިތުރު އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރިއަށްދާ ކަމަށް ވިދާޅުވި އެވެ.