ރައީސް އޮފީސް

ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ފައިސާ ހުރީ ހަމަޖެހިފައި: މިއުވާން

ސިއްހީ ދާއިރާގެ މަޝްރޫއުތަކަށް ބޭނުންވާ ފައިސާ ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ޓާޝަރީ ހޮސްޕިޓަލްތަކުގެ އިތުރުން ރާއްޖޭގެ ސިއްހީ ނިޒާމު އިތުރަށް ވަރުގަދަކުރުމުގެ ގޮތުން އަތޮޅު ތެރޭގައި ސިއްހީ މަރުކަޒުތަކާއި ހޮސްޕިޓަލްތައް އިތުރަށް ތަރައްގީކުރުމަށް ކުރިއަށް ގެންދާ މަޝްރޫއުތައް ރާއްޖޭގެ ހުރިހާ ހިސާބެއްގައިވެސް ކުރިއަށްދާ ކަމަށެވެ.

"ހެލްތު ސެކްޓަރުގެ ހުރިހާ ޕްރޮޖެކްޓަކަށް ބޭނުންވާ ފަންޑިން މިހާރު އެވަނީ ސެކިއުއާ ކުރެވިފަ" މިއުވާން ވިދާޅުވި އެވެ.

މިއުވާން ވިދާޅުވީ ދުނިޔޭގެ ބާޒާރަށް އައި އަގުގެ ތަފާތާއެކު އަންދާޒާކުރި ވަރަށްވުރެ އަގުތަކަށް ބޮޑުވުންފަދަ ކަންކަން ހިނގާފައި އެބަހުރި ކަމަށެވެ.

ސިއްހީ ދާއިރާގެ ބައެއް މަސައްކަތްތައް ޓެންޑަރިން މަރުހަލާގައި އޮތްއިރު ބައެއް މަސައްކަތްތައް އޮތީ ޕްރި-ޓެންޑަރިން މަރުހަލާގައި ކަމަށާއި މަސައްކަތްތައް ކުރިއަށްދާ ކަމުގައިވެސް މިއުވާން ވިދާޅުވި އެވެ.

އަންނަ އަހަރަކީ ސިއްހީ ދާއިރާއަށް ބޮޑެތި ބަދަލުތަކެއް އަންނާނެ އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެފައިވާކަން ފާހަގަކުރައްވާ މިއުވާން ވިދާޅުވީ އަތޮޅުތަކުގައި މާލެ އާއި އެއްފެންވަރަށް ހޮސްޕިޓަލްތައް ތަރައްގީކުރުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދާ ކަމަށެވެ.

އަތޮޅު ތެރޭގެ ހޮސްޕިޓަލްތައް ތަރައްގީކޮށް ނިމުމުން ރަށްރަށުން ސިއްހީ ހިދުމަތް ހޯދުމަށް މާލެ ނައިސް ކައިރި ރަށްރަށުން ހިދުމަތް ލިބިގެންދާނެ ގޮތަށް އިންތިޒާމުތައް ހަމަޖެހޭނެ ކަމުގެ ޔަގީންކަންވެސް މިއުވާން ދެއްވި އެވެ.