ހުޅުމާލޭ ހޮސްޕިޓަލްގައި ގާއިމުކުރާ މެންޓަލް ހެލްތު ސެންޓަރު އަންނަ ހަފުތާގައި ހުޅުވާނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މިއުވާން ވިދާޅުވީ ނަފުސާނީ ބަލިތަކަކީ މީގެ ކުރިން އަޅާނުލެވި އޮތް ކަމެއް ކަމަށާއި ނަމަވެސް މި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަމެއް ކަމަށެވެ.
އެގޮތުން މާލެ އާއި ރަށްރަށުގައިވެސް ސިއްހީ ފަރުވާގެ ތެރޭގައި މުހިންމު އިސްކަމެއް ދީގެން، މެންޓަލް ހެލްތު ދާއިރާ ތަރައްގީ ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ. އެގޮތުން އައިޖީއެމްއެޗްގައި ގާއިމުކޮށްފައިވާ މެންޓަލް ހެލްތު ސެންޓަރުގެ އިތުރުން އަތޮޅުތަކުގައިވެސް މެންޓަލް ހެލްތު ސެންޓަރު ގާއިމުކުރުމުގެ މަސަައްކަތް ކުރިއަށްދާ ކަމުގައި ވިދާޅުވި އެވެ.
"އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން އައްޑޫ ސިޓީ އިކުއެޓޯރިއަލް ހޮސްޕިޓަލްގައި މެންޓަލް ސެންޓަރެއް ގާއިމުކުރުމަށް ތައްޔާރުވަމުންވެސް އެބަދޭ،" މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ލ. ގަމުގައި ތަރައްގީކުރާ ކެންސަރު ހޮސްޕިޓަލްގެ ޓެކްނިކަލް ފީސިބިލިޓީ މިހާރު ވަނީ ނިމިފަ އެވެ.
ސިއްހީ ހިދުމަތްތައް އިތުރަށް ފުޅާކުރުމަށް ކުރިއަށް ރާވާފައިވާ މަޝްރޫއުތަކުގެ މައުލޫމާތު ދެއްވަމުން މިއުވާން ވިދާޅުވީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ސްޕީޗް ތެރަޕީ ޔުނިޓެއް ގާއިމުކުރުމާއި، ހުޅުމާލޭ ހޮސްޕިޓަލްގައި ޕްރޮސްތެޓިކް އެންޑް އޯތޯޓިކްސް މެނުފެކްޗަރިން މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމަށެވެ. ޕްރޮސްތެޓިކް އެންޑް އޯތޯޓިކްސް މަސައްކަތް ފެށުމަށް ބޭނުންވާ މެޑިކަލް ކޮންޒިއުމަބަލްސް ހޯދުމަށް ނިމިދިޔަ ހަފުތާގައި އިއުލާން ވެސް ކޮށްފައިވެ އެވެ.
މިއުވާން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓް އެކުލަވާލުމުގައި، ސިއްހީ ދާއިރާއަށް ހާއްސަ ސަމާލުކަމެއް ދޭނެ ކަމަށާއި ބަޖެޓު އެކުލަވާލާއިރު އަތޮޅުތެރޭގައި ހުރި މައިގަނޑު ފަސް ހޮސްޕިޓަލް ކަމަށްވާ ހދ. ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލާއި ރ. އުނގޫފާރު ރީޖަނަލް ހޮސްޕިޓަލާއި ލ. ގަން ހޮސްޕިޓަލުގެ އިތުރުން ގދ. ތިނަދޫ ހޮސްޕިޓަލާއި އައްޑޫ ސިޓީގެ ހިތަދޫގައި ހުރި ހޮސްޕިޓަލްގައި ނުނިމި ހުރި މަސައްކަތް ނިންމުމަށް ބޭނުންވާ ބަޖެޓު، އަންނަ އަހަރުގެ ބަޖެޓުގެ ތެރޭގައި ހިމަނާނެ ކަމަށެވެ. އެގޮތުން ސީޓީގެ ހިދުމަތާއި މޯބައިލް އަލްޓްރާ ސައުންޑް ސްކޭންގެ ހިދުމަތާއި ލެބޯޓްރީ ޑައިގްނޯސްޓިކް ހިދުމަތް އެ ފަސް ހޮސްޕިޓަލުން ލިބޭ ގޮތަށް ތަރައްގީ ކުރުމާއި އުތުރާއި ދެކުނުގެ ސަރަހައްދުތަކުން އެމްއާރްއައިގެ ހިދުމަތް ލިބޭ ގޮތަށް ތަރައްގީ ކުރުން ހިމެނޭ ކަމުގައި ވިދާޅުވި އެވެ.
ހޮސްޕިޓަލްތަކުގެ ފެންވަރު ރަނގަޅު ކުރުމުގެ އިތުރުން، ސިއްހީ ދާއިރާއަށް އިތުރު މުވައްޒަފުން ހޯދުމަށް ބޭނުންވާ ބަޖެޓުވެސް އަންނަ އަހަރު ހަމަޖެހިގެންދާނެ ކަމުގެ ޔަގީންކަން މިއުވާން ދެއްވަ އެވެ.