ރާއްޖޭގެ މިނިވަންކަމުގެ ދިފާއުގައި ސިފައިން އަޅާ ކޮންމެ ފިޔަވަޅަކީ ސަރަހައްދީ ހަމަޖެހުމާއި ސުލްހައަށްޓަކާ އަޅާ ފިޔަވަޅެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ޅ. މާފިލާފުށީގައި ކުރިއަށް ދިޔަ ސިފައިންގެ 68 ވަނަ އަސާސީ ތަމްރީން ކޯސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މި ސަރަހައްދުގެ އަސްކަރިއްޔާތައް އެންމެ ބޮޑަށް ދަމަހައްޓަނީ ސަރަހައްދީ ސުލްހައާއި ހަމަޖެހުން ކަމަށެވެ. އެގޮތުގެ މަތިން ދިވެހި އަސްކަރިއްޔާ އަދާކުރާ އެންމެ މުހިންމު ޒިންމާއަކީ ގައުމުގެ ސުލްހައާއ އަމާންކަން ގާއިމްކުރުން ކަމަށްވާއިރު، އެކަމުގެ ތެރޭގައި ސަރަހައްދީ ސުލްހަ ދެމެހެއްޓުން ވެސް ހިމެނޭ ކަމަށް ވިދާޅުވި އެވެ.
ތަމްރީނު ހޯދި ސިފައިންނާ މުހާތަބުކުރައްވަމުން ރައީސް ވިދާޅުވީ ސިފައިންގެ އެންމެ އިސް ވާޖިބަކީ ކޮންމެ ހާލަތެއްގައި ވެސް ރައްޔިތުން ހިމާޔަތްކުރުން ކަމަށެވެ. ކަމެއް ހިނގާތަން ނުފެންނަ ކަމަށް ހަދާފައި ދާ މީހަކީ ދިވެހި އަސްކަރިއްޔާއަށް ނިސްބަތްވާ މީހެއް ނޫން ކަމުގައިވެސް ވިދާޅުވި އެވެ. ސިފައިންނަކީ ގައުމީ މަސްލަހަތު ރައްކާކުރުމުގެ އެންމެ މަތީ ޒިންމާ އަދާކުރާ މީހުން ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފަ އެވެ. އަދި ގައުމުގެ ދިފާއީ އައްޑަނަ ކަމަށްވާނީ އެމީހުންގެ މެދުގައި އޮންނަ އެކުވެރިކަމާ ބަދަހިކަމުގެ ގުޅުން އެގޮތުގައި ހިފެހެއްޓުމުން ކަމަށްވެސް ވިދާޅުވި އެވެ.
"ޑިމޮކްރެޓިކް މުޖުތަމައުތަކުގައި އަސްކަރިއްޔާތަކުގެ ބޭނުން ހަމައެކަނި ހަނގުރާމަ ކުރުމަކަށް ނޫން. ދެވަނަ ބޮޑު ހަނގުރާމައިން ދުނިޔެ ދަސްކުރި އެންމެ ބޮޑު ފިލާވަޅަކީ، ހަނގުރާމައަށްވުރެ ބޮޑަށް ސުލްހަ ދެމެހެއްޓުމަށްޓަކައި އަސްކަރިއްޔާގެ ބޭނުންތެރިކަން ބޮޑުކަން،" ރައީސް ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވީ މިއަދުގެ އަސްކަރިއްޔާތައް ޓެކްނޮލޮޖީގެ ގޮތުން ކުރިއަރާފައިވާއިރު، ދިވެހި އަސްކަރިއްޔާގައި ވެސް އެކި ދާއިރާތަކުގެ މީހުން ތައުލީމު ހާސިލްކޮށްގެން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. އަދި ސިފައިންގެ ތެރެއިން ތަފާތު ދާއިރާތަކުން މިއަދު ތައުލީމު ހާސިލްކުރުމުގެ ފުރުސަތު އޮތް ކަމުގައިވެސް ވިދާޅުވި އެވެ.
ހުރިހާ ފަންނެއްގެ މީހުންނަށް ވެސް ސިފައިންގޭގައި މަސައްކަތް ކުރެވޭނެ ކަމަށާއި، އެއްވެސް ރޮނގަކުން ކުރިއަށް ދިއުމަށް ދިވެހި އަސްކަރިއްޔާ އިން ހުރަހެއް ނެތް ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފަ އެވެ.
މި ރަސްމިއްޔާތުގައި 195 ދަރިވަރަކު ސިފައިންގެ އަސާސީ ކޯސްފުރިހަމަކޮށް ހުވާކޮށްފައިވެ އެވެ. މި ދަރިވަރުންނަށް ހުވާ ލައިދެއްވީ ޅ. ކުރެންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ސުލައިމާން މުހައްމަދެވެ.