ރާއްޖެ ކުޅިވަރު

ދަގަނޑޭގެ ވޯޓު ގާޑިއޯލާ އާއި މެސީ އަށް

ފީފާގެ މޮޅު ކުޅުންތެރިޔާ ހޮވަން ރާއްޖޭގެ ގައުމީ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ)ގެ ވޯޓު ލަޔޮނަލް މެސީ އަށް އަދި އެންމެ މޮޅު ކޯޗަކަށް ޕެޕް ގާޑިއޯލާ އަށް ވޯޓުދީފި އެވެ.

ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމު މެސީ ފަސް ވަނަ ފަހަރަށް މިރޭ ހޯދި އިރު ދަގަނޑޭ އޭނާގެ ދެ ވަނަ ކުޅުންތެރިއަކަށް ހޮވާފައިވަނީ ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ތިން ވަނަ ދިނީ ބާސެލޯނާގެ ލުއިސް ސުއަރޭޒް އަށެވެ.

އެންމެ މޮޅު ކޯޗަށް ދަގަނޑޭގެ އެއްވަނަ ޕެޕް ގާޑިއޯލާ އަށް ދީފައިވާއިރު ދެ ވަނަ ދިނީ އެތްލެޓިކޯ މެޑްރިޑުގެ ކޯޗު ޑިއެގޯ ސިމިއޯނީ އަށެވެ. ތިން ވަނަ ދިނީ ޗެލްސީގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އަށެވެ.

ރާއްޖޭގެ ގައުމީ ކޯޗު ނިއުޒީލޭންޑްގެ ރިކީ ހާބަޓް އޭނާގެ އެއްވަނަ ކުޅުންތެރިއަކަށް ހޮވާފައިވަނީ ޖަރުމަނު ބަޔާން މިއުނިކަށް ކުޅޭ ޕޮލެންޑްގެ ފޯވަޑް ރޮބަޓް ލެވޮންޑޯސްކީ އެވެ. ދެ ވަނަ މެސީ އަށް އަދި ތިން ވަނަ ދިނީ ބަޔާންގެ ޖަރުމަނު ފޯވަޑް ތޯމަސް މުލާ އަށެވެ.

އެންމެ މޮޅު ކޯޗު ހޮވަން ކޯޗު އެއްވަނަ ވޯޓުދިނީ ގާޑިއޯލާ އަށެވެ. ދެ ވަނަ ސިމިއޯނީ އަށް އަދި ތިން ވަނަ ޗިލީގެ ކޯޗު ޖޯޖް ސަމްޕޯލީ އަށެވެ.

ފީފާއިން ހޮވި އެންމެ މޮޅު ކުޅުންތެރިއަކަށް މެސ ހޮވުނުއިރު އެެންމެ މޮޅު ކޯޗަށް ހޮވުނީ ބާސެލޯނާގެ ކޯޗު ލުއިސް އެންރީކޭ އެވެ.