އިނގިރޭސި ރާނީ އެލިޒަބަތުގެ ހާލުކޮޅު ވަރަށް ބޮޑަށް ދެރަވެ ޑޮކްޓަރުންގެ ޚާއްސަ ޓީމަކުން އެކަމަނާ ބައްލަވަން ފައްޓަވައިފި އެވެ.
އިނގިރޭސި ޝާހީ ގަނޑުވަރު، ބަކިންހަމް ޕެލަސް އިން ކުއީން އެލިޒަބަތު ދެވަނައިގެ ހާލުކޮޅު ރަނގަޅު ނޫންކަން މިއަދު އިއުލާންކުރި އިރުވެސް ޑޮކްޓަރުންގެ ޓީމަކުން ދިޔައީ އެކަމަނާއަށް ސަމާލުވެ ހާލުކޮޅު ބައްލަވަމުންނެވެ.
ޚަބަރުތައް ބުނާ ގޮތުން ރާނީ މި ވަގުތު އޮންނެވީީ ސްކޮޓްލެންޑްގައި ހުންނަ އެކަމަނާގެ ޗުއްޓީ ގަނޑުވަރު ބެލްމޯރަލްގައި އެޑިމިޓްކުރައްވާފަ އެވެ.
އާއިލާއަށް މިހާރު އޮތް ބިރަކީ ރާނީ އަވަހާރަވެދާނެ ކަމަށް އޮތް ޚަބަރެވެ. އެފަދަ ކަމެއް މެދުވެރިވެދާނެ ކަމަށް ޝާހީ އާއިލާގެ ބޭފުޅުން މިހާރު ގެންދަވަނީ އެ ކަމަނާއަށް ޒިޔާރަތް ކުރައްވަމުންނެވެ. ރާނީގެ އުމުރުފުޅަކީ 96 އަހަރެވެ.
ބަކިންހަމް ޕެލަސްއާ ހަވާލަދީ ބީބީސީން ބުނާ ގޮތުން ރަނީގެ ތިން ދަރިކަލުން، ޕްރިންސް ޗާލްސް އާއި އަނބިކަނބަލުން ކެމީލާ، ޕްރިންސް އެންޑްރޫ އަދި ޕްރިންސް އެޑްވާޑް މިހާރު ތިއްބެވީ އެކަމަނާގެ އަރިހުގަ އެވެ. އަދި ދަރިކަނބަލުން ޕްރިންސަސް އޭން ވެސް އިންނެވީ މަންމަގެ އަރިހުގަ އެވެ.
އިނގިރޭސި ބޮޑުވަޒީރުގެ މަގާމަށް އަލަށް އައްޔަން ކުރެވުނު ލިޒް ޓްރަސް ވިދާޅުވި ގޮތުގައި ރާނީގެ ސިއްހަތާ މެދު މުޅި އިނގިރޭސިވިލާތް ދެރަވެ ކަންބޮޑުވެ އެވެ. އެއީ ޚުދު އެކަމާއަށް ވެސް ފުން ހިތާމަ އެކެވެ.
އިނގިރޭސި ޚަބަރުތައް ބުނާ ގޮތުން ރާނީއަށް މާމަ ވިދާޅުވާ ދެ ދަރިކަލުން، ޕްރިންސް ވިލިއަމް އަދި ޕްރިންސް ހެންރީ ވެސް ބެލްމޯރަލް ގަނޑުވަރަށް ވަޑައިގަންނަވާނެ އެވެ.
ރާނީގެ ފިރިކަލުން ޕްރިންސް ފިލިޕް ވަރަށް ގިނަ ދުވަސް ވަންދެން އާލާކަންފުޅުގައި އުޅުއްވުމަށް ފަހު އަވަހާރަވީ އޭޕްރީލް 9، 2021 ގައެވެ. އެއަށް ފަހު ނަފުސާނީ ގޮތުން ރާނީ ބަލިކަށިވެ ވަޑައިގެން ފަރުވާ ދެއްވަން ވެސް ޖެހުނެވެ. އަދި ދޭތެރެ ދޭތެރެއިން ހަށިކޮޅުގެ ބާރުދެރަވެ އަރާމުކުރުމަށް ޑޮކްޓަރުން ވަނީ އެތައް ފަހަރެއްގެ މަތިން ލަވާއަރުވާފަ އެެވެ.
ކުއީން އެލިޒަބަތު ދޭއް އަކީ އިނގިރޭސި ތަޚުތުގައި އެންމެ ގިނަ ދުވަސް ވަންދެން ރަނިކަން ކުރެއްވި ރާނީ އެވެ. އެ ކަމަނާ ވަނީ ރަނިކަމަށް 70 އަހަރު ފުރުން ވެސް ފާހަގަކުރައްވާފަ އެވެ.
އެލިޒަބަތަށް ރާނީގެ ތަޚުތު ލިބިވަޑައިގަތީ އުމުރުފުޅުން 27 އަހަރުގައި ޖޫން 1953 ގަ އެވެ.
ބަކިންހަމް ޕެލަސް އިން އެކަމަނާގެ ސިއްހަތާ ގުޅުން ހުރި މައުލޫމާތު އާދައިގެ މަތިން އާންމުކޮށެއް ނުހަދަ އެވެ. އެކަމަކު އެކަމަނާގެ ހާލުކޮޅު ވަރަށް ދެރަވެއްޖެ ފަހަރަކު މެނުވީ އެވެ.