ދުނިޔެ

އިނގިރޭސި ތަހުތުގެ ވާރިސުންގެ ތަރުތީބު

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު 2 މިދިޔަ ބުރާސްފަތި ދުވަހު އަވަހާރަވެ، އޭރު ވަލީއަހުދުގެ ގޮތުގައި ހުންނެވި ޕްރިންސް ޗާލްސްއަށް ރަސްކަން ލިބިވަޑައިގަތުމާ ގުޅިގެން، އިނގިރޭސި ރަސްކަމުގެ ތަހުތުގެ ވާރިސުންގެ ތަރުތީބަށް ބަދަލު އައިސްފި އެވެ.

1
 

ވަލީއަހުދު ވިލިއަމް (40 އަހަރު)

އިނގިރޭސި ތަހުތުގެ އެންމެ ފުރަތަމަ ވާރުތަ ވެރިއަކަށް މިހާރު ވަނީ ވަލީއަހުދު ވިލިއަމް، ޕްރިންސް އޮފް ވޭލްސް އެވެ. ޕްރިންސް ވިލިއަމްގެ ބައްޕާފުޅު ރަސްކަމަށް އިސްކުރެއްވުމާ އެކު، ޗާލްސްގެ ކުރީގެ ލަގަބުތައް ވަނީ ޕްރިންސް ވިލިއަމްއަށް ބަދަލުކޮށްފަ އެވެ. ޕްރިންސް ވިލިއަމް އަކީ ޗާލްސް އާއި ކުރީގެ އަނބިކަނބަލުން ޕްރިންސަސް ޑަޔާނާގެ ދޮށީ ދަރިކަލުންނެވެ.

2
 

ޕްރިންސް ޖޯޖް (ނުވަ އަހަރު)

ޕްރިންސް ޖޯޖްއަކީ ޕްރިންސް ވިލިއަމް އަދި އަނބިކަނބަލުން ޕްރިންސަސް ކެތަރިން "ކޭޓް"ގެ ދޮށީ ދަރިކަލުންނެވެ. ޕްރިންސް ވިލިއަމްގެ ފަހުބް ތަހުތުގެ ވާރިސުންގެ ލިސްޓްގައި ދެވަނައަށް ހިމެނެނީ ޕްރިންސް ޖޯޖް އެވެ.

3
 

ޕްރިންސަސް ޝާލޮޓް (ހަތް އަހަރު)

ވާރުތަވެރިންގެ ލިސްޓުގައި ޕްރިންސް ޖޯޖްގެ ފަހަތުގައި، ތިންވަނައިގައި ވަނީ ޕްރިންސް ވިލިއަމް އާއި ޕްރިންސަސް ކޭޓްއަށް ދެވަނައަށް ލިބިވަޑައިގެން ޕްރިންސަސް ޝާލޮޓް އެވެ. ވާރުތަވެރިންގެ ތެރެއިން ޕްރިންސަސް ޝާލޮޓަކީ އުމުރުން ކުޑަ ނަމަވެސް މިހާރު ހުރި އެންމެ އިސް އަންހެން ޝާހީ މެންބަރެވެ.

4
 

ޕްރިންސް ލުއީ (ހަތަރު އަހަރު)

ޕްރިންސް ލުއީއަކީ ޕްރިންސް ވިލިއަމް އަދި ޕްރިންސަސް ކޭޓްގެ އެންމެ ހަގު ދަރިކަލުންނެވެ. ތަހުތުގެ ވާރިސުންގެ ލިސްޓްގައި ޕްރިންސް ލުއީ ހިމެނެނީ ޕްރިންސަސް ޝާލޮޓްގެ ފަހަތުންނެވެ.

5
 

ޕްރިންސް ހެރީ (37 އަހަރު)

ޝާހީ ޒިންމާތަކުން ވަކިވުމަށް އެދިވަޑައިގެން އެމެރިކާގައި ދިރިއުޅުއްވަމުން ގެންދެވި ނަމަވެސް، ޕްރިންސް ހެރީ މިހާރު ވަނީ ވާރުތަވެރިންގެ ލިސްޓުގެ ފަސްވަނަ އަށް އަރާފަ އެވެ.

6
 

ޕްރިންސް އާޗީ (ތިން އަހަރު)

ޕްރިންސް އާޗީއަކީ ޕްރިންސް ހެރީ އާއި މޭގަން މާކަލް، ޑިއުކް އަދި ޑަޗެސް އޮފް ސަސެކްސްގެ ފުރަތަމަ ދަރިކަލުންނެވެ. ޕްރިންސް ހެރީއަށްފަހު ވާރިސުންގެ ލިސްޓުގައި ހިމެނެނީ ޕްރިންސް އާޗީ އެވެ.

7
 

ޕްރިންސަސް ލިލިބެތް (15 މަސް)

ޕްރިންސް ހެރީ އާއި މޭގަން މާކަލްއަށް ދެވަނައަށް ލިބިވަޑައިގަތް ޕްރިންސަސް ލިލިބެތް، ވާރިސުންގެ ލިސްޓުގައި ހިމެނެނީ ޕްރިންސް އާޗީގެ ފަހަތުގައި ހަތް ވަނައިގަ އެވެ. ރާނީ އެލިޒަބަތަށް ޕްރިންސަސް ލިލީބެތް ފެނިފަވަޑައިގަތީ ވެސް ދާދި ފަހުންނެވެ.

8
 

ޕްރިންސް އެންޑްރޫ (62 އަހަރު)

ޕްރިންސް އެންޑްރޫ ޑިއުކް އޮފް ޔޯކް އަކީ ރަސްގެފާން ޗާލްސްގެ ކޮއްކޯފުޅެވެ. ޖިންސީ ކުށުގެ ތުހުމަތުތަކަކާ ގުޅިގެން ކުރި ދައުވާއެއްގެ ސަބަބުން ޕްރިންސް އެންޑްރޫ ވަނީ ޝާހީ ޒިންމާތަކުން އެކަހެރި ކުރެވިފަ އެވެ. ނަމަވެސް ވާރިސުންގެ ލިސްޓުގައި ޕްރިންސް އެންޑްރޫ ވަނީ އަށް ވަނައިގަ އެވެ.

9
 

ޕްރިންސަސް ބިއަޓްރިސް (34 އަހަރު)

ޕްރިންސަސް ބިއަޓްރިސް އަކީ ޕްރިންސް އެންޑްރޫ އަދި ސޭރާ ފާގަސަންގެ ފުރަތަމަ ދަރިކަބަލުންނެވެ. ޕްރިންސަސް ބިއަޓްރިސް ވަނީ ވާރިސުންގެ ލިސްޓުގައި ނުވަ ވަނައިގައެވެ. އަދި ޕްރިންސް ވިލިއަމް އާއި ޕްރިންސް ހެރީއަށް އިތުރު ދަރިކަލަކު ލިބެއްޖެ ހާލަތުގައި ޕްރިންސަސް ބިއަޓްރިސް ލިސްޓުގެ ފަހަތަށް ދާނެ އެވެ.

10
 

މިސް ސިއެނާ މާޕެލީ މޯޒްޒީ (12 މަސް)

މިސް ސިއެނާ މާޕެލީ މޯޒްޒީ އަކީ ޕްރިންސަސް ބިއަޓްރިސްއާއި ފިރިކަލުން އެޑުއާޑޯ މާޕެލީ މޯޒްޒީގެ ފުރަތަމަ ދަރިކަނބަލުންވެ. ސިއެނާ މިހާރު ވަނީ ވާރިސުންގެ ލިސްޓުގެ 10 ވަނައިގަ އެވެ. ސިއެނާ އުފަންވުމާއެކު، ޕްރިންސަސް ބިއަޓްރިސްގެ ކޮއްކޮ ޕްރިންސަސް ޔޫޖިނީ ލިސްޓުގެ 11 ވަނަ އަށް ތިރިވި އެވެ.