ލައިފްސްޓައިލް

ރާނީ އަވަހާރަވުމުގެ ހިތާމައިގައި މުޅި ދުނިޔެ

އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތް 2، މުޅި ދުނިޔެ ވެސް ދަންނަ ވަރުގަދަ ޝަހްސިއްޔަތެކެވެ. ރަނިކަމުގައި އެންމެ ގިނަ ދުވަހު -- 70 އަހަރު ހުންނެވީ އެކަމަނާ އެވެ. އަވަހާރަވިއިރު އުމުރުފުޅުން 96 އަހަރެވެ. ރާނީ ނިޔާވެފައިވަނީ ބަލްމޯރަލް ކާސަލްގައި ގިނަ ދުވަސްތަކަކު އާލާސްކަންފުޅާ އުޅުއްވުމަށްފަހު އެވެ.

ރާނީ ނިޔާވިކަމުގެ ހަބަރު އިއުލާންކުރީ އިނގިރޭސިވިލާތަށް ވާރޭވެހެމުން ދަނިކޮށެވެ. އެވަގުތު އެންމެ ގިނަ ބައެެއްގެ ލޮލުގެ އަޅައިގެން އެކައްޗަކީ ވިންޑްސާ ކާސަލްގެ މަތިން ފެންނަމުން ދިޔަ ރެއިންބޯ ދުންޏެވެ.

ރާނީ ނިޔާވުމާ ގުޅިގެން ޝާހީ ޢާއިލާގެ ރަސްމީ ވެބްސައިޓް "ބްރިޓިޝް މޮނާކީ" ވަނީ އިންޓަނެޓުން ޑައުންކޮށްފަ އެވެ. އެ ވެބްސައިޓްގައި ރާނީގެ ފޮޓޯ އަކާ އެކު ރާނީ ދެމިއޮތުމުގެ އާލަމަށް ޒިޔާރަތްކުރިކަމާއި އެ ސައިޓް ވަގުތީ ގޮތުން ޑައުންކަމަށް ޕޯސްޓްކޮށްފައިވެ އެވެ.

ޝާހީ އާއިލާގެ މެންބަރުންގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުގެ ޕްރޮފައިލް ފޮޓޯ އިނގިރޭސި ވިލާތުގެ ކޯޓް އޮފް އާމްސް އަށް ވަނީ ބަދަލުކޮށްފަ އެވެ.

މި ޚަބަރު އިއުލާންކުރުމާ ގުޅިގެން ދުނިޔޭގެ އެކި ގައުމުތަކުގެ ޝާހީއާއިލާތަކުންނާއި ވެރިންނާއި ސިޔާސީ ބޭފުޅުން އާންމު ރައްޔިތުން ދިޔައީ އިނގިރޭސީންނާއި ރަނިކަމުގެ ކޮއިލު ތެރޭގައި ހިމެނޭ ބޭފުޅުންނަށް ތައުޒިޔާ ފޮނުވަމުންނެވެ. ރާނީގެ މަރާ ގުޅިގެން ފްރާންސްގެ މަޝްހޫރު އައިފިލް ޓަވަރުގެ ބޮކިތައް ނިއްވާލާފައިވެ އެވެ.

އިނގިރޭސި ވިލާތުގެ ރައްޔިތުން ބޯކޮށްވެހޭ ވާރޭގައިވެސް ބަކިންގްހަމް ޕެލެސް، ވިންޑްސާ ކާސަލް ފަދަ ޝާހީ ގަޑުވަރުތަކުގެ ކައިރިއަށް އެއްވެ ހިތާމަ ފާޅުކުރަމުން މާބޮނޑި ބަހައްޓާ، ރާނީގެ ހަނދާންތައް އާކުރަމުން ވެސް އެބަދެ އެވެ.

"މިއަހަރު ކުރީކޮޅު ހޮސްޕިސްއެއް ހުޅުވި ހަފްލާއެއްގައި ރާނީއާ ބައްދަލުވި. އެއްވެތިބި މީހުންނަށް ރާނީ ހިނިތުންވެ، ހަނާއެޅި. ރާނީ "އަޖައިބުކުރުވައޭ" ބުނުމުން، ހިނިތުންވެފައި ޝުކުރުއަދާކުރި. ރާނީ ހުރިހާ ކަމެއް ރަމްޒުކޮށްދޭ... އަދި ޔަގީނުންވެސް ރާނީގެ ސަބަބުން އެއްބައިވަންތަކަން އިހްސާސްކުރެވޭ. ރާނީ ވަރަށް މިސް ވާނެ،" ވިންޑްސާ ކާސަލް ކައިރި ހުރި އަންހެނަކު ބުންޏެވެ.

އެހެން އަންހެނެއް ކަމަށްވާ ޖޫޑީ އެންޒެލް ބުނީ ރާނީ އަވަހަރާވި ކަމުގެ ހިތާމަވެރި ހަބަރު ދިނީ އޭނާގެ މަންމަ ކަމަށެވެ. އެއީ ކޮންމެވެސް ދުވަހަކުން ވާނެ ކަމެއް ކަމަށް ވިޔަސް، ހަގީގަތުގައި އެކަން ވުމުން ކުރެވޭ އިސްހާސްތައް ތަފާތު ކަމަށް ބުންޏެވެ. އެންޒެލް އިތުރަށް ބުނީ މި ދުވަސްވަރު އިނގިރޭސިވިލާތް ވަނީ ދަތި ދަނޑިވަޅެއްގައި ކަމަށާއި މިކަމުގެ ސަބަބުން އިތުރަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

ސީއެންއެންގެ ލޯރާ ބިއާޒް ބުނީ އިނގިރޭސިވިލާތަށް މިއަދު އެ ގެއްލުނީ އެންމެވެސް އެ ޝަހްސިއްޔަތެއްގެ އަގުވަޒަން ކުރާ ނަމޫނާ ޝަހްސިއްޔަތެއް ނިޝާނެއް ކަމަށެވެ.

ރާނީގެ ރަސްމީ ޖަނާޒާގެ ތަފްސީލް ކުރިއަށް އޮތް ދުވަސްތަކުގައި ލިބޭނެ އެވެ. އަދި ރާނީ އަވަހާރަވުމުގެ ހިތާމައިގައި 10 ދުވަސް ވަންދެން ގައުމީ ފެންވަރުގައި ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ރޭވިފައިވެ އެވެ.