ރަޝިއާގެ އަސްކަރީ އުޅަނދުފަހަރަށް ޖެއްސުން ކުރުމަށް ޔުކްރޭނުން ކަނޑަށް މައިން ދޫކޮށްފައި ހުރި ކަމަށް އެތައް ދުވަހެއް ކުރިން ރަޝިއާ ވަނީ ބުނެފަ އެވެ.
ޔުކްރޭނުން ގޮވާން ބޭރުކުރުމުގައި ވެސް ކޮންޓެއިނާ ބޯޓުފަހަރަށް އޮތް އެންމެ ބޮޑު ނުރައްކަލަކީ ކަނޑު މައިނެވެ.
ކަޅުކަނޑުގައި މައިން ސާފުކުރަން އުޅުނު ރޮމޭނިއާގެ އަސްކަރީ ބޯޓެއްގައި މައިނަކުން ޖެހި ތަންގަނޑެއް މިހާރު މިވަނީ ގޮވާފަ އެވެ.
ރޮމޭނިއާގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި މައިން ގޮވީ މައިން ނަގަން އުޅުމުގެ ތެރޭގައި ހިނގި އެކްސިޑެންޓެއްގެ ސަބަބުންނެވެ.
ބޯޓަށް ކޮންމެވެސް ވަރެއްގެ ގެއްލުމެއް ލިބުނު ނަމަވެސް ފަޅުވެރިންނަށް މާބޮޑު ގެއްލުމެއް ނުވެ އެވެ. ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ޖެހޭ ވަރުގެ ކަމެއް ނުވާ ކަމަށް ވެސް ވަނީ ބުނެފަ އެވެ.
މި ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު އާންމެއް ނުކުރެވެ އެވެ. އަސްކަރިއްޔާއިން ބުނި ގޮތުގައި މައިން ނަގަން އުޅުނު ބޯޓު ކަފުޖަހައިގެން ގެނައުމަށް ޓާގުބޯޓެއް ވަނީ ފޮނުވާފަ އެވެ.
ރޮމޭނިއާގެ ޚަބަރުތައް ބުނާ ގޮތުން ޔުކްރޭނުން ބަނދަރު ސަރަހައްދަށް އުކާފައި ހުރި މައިންތައް މިހާރު ކަޅުކަނޑުގެ ތެރެއިން ރޮމޭނިއާގެ އަވަށްޓެރިންނަށް ވެސް ވަނީ ފޯރާފަ އެވެ. އަދި ރޮމޭނިއާ އިމުގެ ތެރެއިން ތިން ފަހަރެއްގެ މަތިން މައިން ސާފުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
ރަޝިއާ ސިފައިން ފެބްރުއަރީ 24 ގައި ޔުކްރޭނަށް އެރުމާ ގުޅިގެން، ޔުކްރޭންގެ ބަނދަރުތައް ރަޝިއާ ސިފައިން ހިފައިފާނެ ކަމަށް ބިރުން ޔުކްރޭނުން ވަނީ ބަނދަރުތަކުގައި މައިން ހަރުކޮށްފަ އެވެ.
މިކަމާ ބެހޭ ގޮތުން ރަޝިއާ ބުނީ އާންމު އުޅަނދުފަހަރަށް އަމާޒުކޮށް އެކަހަލަ ކަމެއް ރަޝިއާ ސިފައިން ނުކުރާނެ ކަމަށެވެ. އެހެންނަމަވެސް އަސްކަރީ ބޭނުންތަކަށް ދުއްވާ އުޅަނދުފަހަރަށް ހަމަލާދޭން ޖެހިދާނެ ކަމަށެވެ.