ލައިފްސްޓައިލް

ޓީޗަރު ދިން އަދަބުން ކުއްޖެއްގެ ފުރާނައަށް ނުރައްކާވެފައި

އިންޑިއާގެ ކަރްނާޓަކާގެ ސްކޫލެއްގެ ގްރޭޑް ދޭއްގައި ކިޔަވަމުންދިޔަ ފިރިހެން ކުއްޖަކަށް ޓީޗަރަކު ދިން އަދަބަކުން އެ ކުއްޖާ ހޮސްޕިޓަލުގައި އެޑްމިޓްކޮށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.

ސަންތެކުލާ އަވަށުގައި މިދިޔަ ހުކުރު ދުވަހު ހިނގި މި ހާދިސާގައި ކުއްޖާ އަށް ޓީޗަރު އަދަބު ދިނީ ޔުނިފޯމަށް ބޮޑުކަމުދެވިގެންނެވެ.

ކުއްޖާ ތާހިރުކުރުމަށް ކަމަށް ބުނެ ޓީޗަރު ވަނީ އޭނާގެ ގަޔަށް ވަރަށް ހޫނުކޮށް ހުރި ފެން ޖަހާފަ އެވެ.

މިކަމުގެ ސަބަބުން ކުއްޖާގެ ހަށިގަނޑުގެ 40 ޕަސެންޓް ފިހިފައިވާ ކަމަށް މި ހަބަރުގައި ބުނެފައި ވެއެވެ.

އަކީތު ނަމަކަށް ކިޔާ މި ކުއްޖާއަށް ހޮސްޕިޓަލުގައި ބާއްވައިގެން ފަރުވާ ދެމުންދާއިރު އޭނާގެ ހާލު ސީރިއަސް ކަމަށް ޑޮކްޓަރުންނާ ހަވާލާދީ މި ހަބަރުގައި ބުނެފައި ވެއެވެ.

މި ވާހަކަ ފުލުހުންނަށް ރިޕޯޓު ކޮށްފިނަމަ ކުއްޖާ ސްކޫލުން ވަކިކުރާނެ ކަމުގެ އިންޒާރު ކުއްޖާގެ މައިންބަފައިންނަށް ދިނުމުގެ ސަބަބުން އެމީހުން ތިބީ މިކަން ރިޕޯޓުކުރަން ބިރުން ހަދާނެ ގޮތް ހުސްވެފަ އެވެ.

އެ ސަރަހައްދުގެ ފުލުހުން ބުނެފައިވާ ގޮތުގައި ކުއްޖާގެ މައިންބަފައިން ރަސްމީކޮށް ޝަކުވާ ހުށަހެޅުމުން ނޫނީ މި މައްސަލަ ބެލޭކަށް ނެތެވެ.

މި ކުއްޖާގެ ގަޔަށް ހޫނު ފެން ޖެހިކަމަށް ތުހުމަތުކުރެވޭ ޓީޗަރު މިހާރު ސްކޫލަށް ނާންނަ ކަމަށް ވެއެވެ. އިންޑިއާގެ ސްކޫލްތަކުގެ ޓީޗަރުން ދަރިވަރުންނަށް އަނިޔާކުރާ ވާހަކަތަކަކީ ވަރަށް ގިނައިން އިވޭ ވާހަކަ ތަކެކެވެ.

އެގޮތުން ދިއްލީގެ އުތުރުގެ ރަށެއްގައި ޓިއުޝަން ޓީޗަރު އޭނާގެ ޓިއުޝަން ކްލާހަށް ކިޔަވަންދާ ކުޑަ ދެ އަންހެން ކުއްޖަކު ހޯމްވޯކް ނަހަދައިގެން އެ ކުދިންނަށް އަނިޔާކުރި މައްސަލައެއް ވެސް ދާދިފަހުން ފެންމަތިވެފައިވެ އެވެ.

މި ދެ ކުދިންގެ މައިންބަފައިން ވަނީ މި މައްސަލަ ފުލުހުންނަށް ހުށަހަޅާފަ އެވެ.