އިނގިރޭސި އާ ރަސްގެފާން ޗާލްސް 3 އަށް އެންމެ ފުރަތަ މަރުހަބާ ދެންނެވި ބޭރުގެ ގައުމެއްގެ ލީޑަރަކީ ރަޝިއާގެ ރައީސް ލަޑިމިއާ ޕޫޓިން އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ޕޫޓިން ޗާލްސް ރަސްގެފާނަށް ފޮނުއްވި މެސެޖްގައި ދުޅަހެޔޮ ހަޔާތަކަށާއި ބާއްޖަވެރި އަދި ކާމިޔާބު ސިޔާސީ ހަޔާތަކަށް އެދިވަޑައިގެންފައިވެ އެވެ.
ޑެއިލީ ޓެލެގްރާފްގައި ބުނެފައިވާ ގޮތުން އަނެއްކާ ވެސް ޕޫޓިން އެއްވަން ހޯއްދެވީ އެވެ. ދުނިޔޭގެ ލީޑަރުންގެ ތެރެއިން އެންމެ ފުރަތަމަ އިނގިރޭސި ރަސްގެފާނަށް މަރުހަބާ ދެންނެވުން ދޭހަކޮށްދެނީ ޕޫޓިންގެ ކިބައިގައި ގައުމުތަކުގެ އާދަކާދައަށް ވެސް ހުރި ހުޝިޔާރުކަން ކަމަށްވެސް ބުނެފައިވެ އެވެ.
ޓެލެގްރަފްގައި ބުނެފައިވާ ގޮތުން ޗާލްސް ރަސްގެފާނާއި ޕޫޓިން އަކީ އެއްއިރެއްގައި ވަރަށް ގިނަގިނައިން ބައްދަލު ކުރައްވައި ޚިޔާލު ބަދަލުކުރެއްވި ދެބޭފުޅުންނެވެ.
ޗާލްސް ރަސްގެފާނަށް އެހާ އަވަހަށް ޕޫޓިން މަރުހަބާ ދެންނެވި ސަބަބަކީ އެކުގައި ހޭދަކުރެއްވި ދުވަސްތަކުގެ މުހިއްމުކަން ކަމަށް ވެދާނެ ކަމަށްވެސް ބުނެފައި ވެއެވެ.
ރަޝިއާގެ ރައީސްގެ ހައިސިއްޔަތުން 2003 ގައި ޕޫޓިން އިނގިރޭސިވިލާތަށް ވަޑައިގަތުމުން ޗާލްސް ވަރަށް ގާތްކޮށް ހިތްތެވި ކަމަށްވެސް ބުނެފައި ވެއެވެ. އެ ދަތުރުގައި އެއާޕޯޓުން ޕޫޓިން އާއި އަނބިކަނބަލުންނަށް މަރުހަބާ ދެންނެވީ ވެސް ޗާލްސް ކަމަށްވެސް ބުނެފައި ވެއެވެ.
ޗާލްސް ރަސްގެފާން، ޕްރިންސް ޗާލްސްގެ ގޮތުގައި 1994 ގައި ރަޝިއާއަށް ހަތަރު ދުވަހު ދަތުރެއް ކުރެއްވި ކަމަށް ޚަބަރުތައް ބުނެ އެވެ. ޗާލްސް އާއި ޕޫޓިން އެންމެ ފުރަތަމަ ބައްދަލުވީ ވެސް އެ ދަތުރުގައި ކަމަށްވެ އެވެ.
ޗާލްސްއާ އެންމެ ފުރަތަ ޕޫޓިން ބައްދަލުވިއިރު ޕޫޓިން ހުންނެވީ ރަޝިއާގެ ރައީސްގެ މަގާމުގައެއް ނޫނެވެ. ޕޫޓިން ހުންނެވީ ޕްރިންސް ޗާލްސްއާ ބައްދަލުކުރެއްވި އިސް އޮފިޝަލުންގެ ތެރޭގަ އެވެ.
ޕޫޓިން އާއި ޗާލްސް އެތައް ފަހަރަކު ބައްދަލު ކުރެއްވި ނަމަވެސް ފަހުން އެ ލީޑަރުންގެ މެދުގައި ޚިލާފުތަކެއް އުފެދުނު ކަމަށްވެސް ޚަބަރުތައް ބުނެ އެވެ. އަދި ހިތްޕުޅާ ހަމަނުވެގެން ޗާލްސް ޕޫޓިންއަށް މުޚާތަބު ކުރެއްވި ކަމަށް ވެސް ވެއެވެ.