ހުޅުމާލެ

ހިޔާ ފްލެޓަކުން އުކާލި ތަކެތިން ޖެހި އުޅަނދުތަކެއް ހަލާކުވެއްޖެ

Sep 11, 2022

ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި ހިނގި ހަމަނުޖެހުންތަކަކަށްފަހު އެ އެ ޕާޓްމަންޓުން މަގުމައްޗައް އުކާލި މުދާތަކަކުން ޖެހި އެ ސަރަހައްދުގައި ހުރި ބައެއް އުޅަނދުތަކަށް ގެއްލުންވެއްޖެ އެވެ.

އަވަސް އަށް އެނގިފައިވާ ގޮތުގައި ހިޔާގެ ހަތަރުވަނަ ޓަވަރުގެ 17 ފަންގިފިލާގައި ހުރި އެޕާޓްމަންޓްގައި ހަމަނުޖެހުން ހިނގީ އާއިލާއެއްގެ މެދުގަ އެވެ.

އެޕާޓްމަންޓުން އުކާލި ތަކެތިން ޖެހި ކާރެއްގެ ވިންޑްސްކްރީން ވަނީ ފުނޑުފުނޑުވެފަ އެވެ.

އެ ސަރަހައްދުގައި ޕާކްކޮށްފައި އޮތް ޕިކަޕެއްގެ ބިއްލޫރި ގަނޑެއްވެސް ތަޅައިގެން ގޮސްފައިވާ ކަމަށް މައުލޫމާތު ލިބެ އެވެ.

މަގުމައްޗަށް އުކާލާފައިވަނީ ގޭތެރޭގައި ހިފާ ގެންގުޅޭ ސާމާނުގެ ތެރޭގައި ހިމެނޭ ޑަބިއަލާއި، ތަވާ ފާޑު ތަކެއްޗެވެ.

މިހާދިސާގައި އެއްވެސް މީހަކަށް އެއްވެސް އަނިޔާއެއް ލިބުނު ކަމުގެ މައުލޫމާތެއް ލިބިފައެއް ނުވެ އެވެ.

ފުލުހުން ދަނީ ހާދިސާ ހިނގި ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ. މައްސަލައާއި ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.