ޖުމްހޫރީ ޕާޓީ

އިލްހާމުގެ ކެފޭއަށް ވަދެ ޖޭޕީގެ ކައުންސިލް މެންބަރަކަށް ހަމަލާދީފި

Sep 11, 2022
1

ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށި ދާއިރާގެ މެންބަރު އިލްހާމް އަހްމަދު ހިންގަވާ ކެފޭއަށް ބަޔަކު ވަދެ އެތަނުގައި ތިބި ބަޔަކަށް ހަމަލާދީފި އެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އެޑްވައިޒަރެއްގެ ގޮތުގައި މިވަގުތު ހުންނެވި އިލްހާގެ "ވޮޑަމުލާ" ކެފޭ ހިންގަވަނީ ހުޅުމާލޭގައި އޭނާ ދިރިއުޅުއްވާ ގޭގެ ތިރީގަ އެވެ.

އެތަނަށް ހުކުރު ދުވަހުގެ ރޭ ބަޔަކު ވަދެ ހަމަލާ ދީފައިވަނީ ޖޭޕީގެ ކައުންސިލް މެމްބަރު މުހައްމަދު ނާޒިލް އަށާއި އަދި އިތުރު މީހަކަށެވެ. އެމީހުން ސީރިއަސް އަނިޔާއެއް ލިބިފައި ނުވާ ކަމަށް އެނގިފައިވެ އެވެ.

ފުލުހުން ބުނީ މިފަދަ މައްސަލައެއް ރިޕޯޓްކޮށްފައިވާތީ ތަހުގީގު ކުރިއަށްދާ ކަމަށެވެ. ނަމަވެސް އަދި މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ.

އިލްހާމްގެ ކެފޭއަށް ވަދެ ބަޔަކު އެތަނުގައި ތިބި ބަޔަކަށް ޖޭޕީގެ ބަޔަކަށް ހަމަލާދީފައިވަނީ ޖޭޕީގެ ކޮންގްރެސް ކުރިއަށް އޮތް ޑިސެމްބަރުގައި ބޭއްވުމަށް ތައްޔާރުވުމުގެ ގޮތުން ޕާޓީގެ ގޮފިތަކެއް ހެދުމުގެ މަސައްކަތް ހިނގަމުން ދަނިކޮށެވެ. ގޮފި ހެދުމުގައި ޖޭޕީގެ ތެރޭގައިވެސް ފެކްޝަންތަކުގެ ކޯޅުން ބޮޑު ކަމަށް މައުލޫމާތު ލިބެ އެވެ.

ޖޭޕީގެ ކޮންގްރެސް އަންނަ ޑިސެމްބަރުމަހު ބާއްވަން ތައްޔާރުވަމުން އަންނައިރު، އަދި ގޮފިތައް ހެދުމުގެ ވާދަވެރިކަމާއެކު އެ ޕާޓީގެ ތެރޭގައި މިހާރު ވަނީ ފެކްޝަންގެ ކޯޅުން ވަރަށް ބޮޑުވެފައި ކަމަށް މައުލޫމާތު އެނގޭ މީހަކު ބުންޏެވެ. އެކަމަކު ޖޭޕީގެ ތެރޭގައި ފެކްޝަން ކޯޅުން އޮތް ކަމަކަށް އެޕާޓީގެ އިސް ބޭފުޅުން ގަބޫލެއް ނުކުރައްވަ އެވެ.