ލައިފްސްޓައިލް

އަންހެން މީހާގެ ލޯބިވެރިޔާ ގޮސް ކައިވެނި ހުއްޓުވައިފި

ބޮލީވުޑް ފިލްމެއްގެ މަންޒަރަކާ ވަރަށް އެއްގޮތް ކަމެއް އިންޑިއާގެ ޗެންނައިގައި އޮތް ކައިވެނީގެ ހަފުލާއެއްގައި ހިނގައި ކައިވެނި ވަކި ހިސާބަކުން ހުއްޓާލަން ޖެހިއްޖެ އެވެ.

މި ކައިވެނި ކުރާ ދެ މީހުންގެ ތެރެއިން އަންހެންމީހާ އަކީ މާކުރިއްސުރެ އެހެން މީހަކާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ މީހެކެވެ. އޭނާ އެހެން މީހަކާ ކައިވެނި ކުރަނީ އާއިލާއިން މަޖްބޫރު ކޮށްގެންނެވެ.

ޗެންނައި މެރިޖް ހޯލްގައި އޮތް މި ކައިވެނީގެ ރަސްމިއްޔާތުތައް ކުރިއަށް ދަނިކޮށް ކުއްލިއަކަށް އަންހެން މީހާގެ ލޯބިވެރިޔާ އެ ތަނަށް ވަދެގެން ގޮސް ކައިވެނި ކުރާ ފިރިހެން މީހާގެ އަތުން މަންގަލްސޫތުރަ (ކައިވެނިކުރާއިރު ފިރިހެން މީހާ އަންހެން މީހާގެ ކަރުގައި އަޅުވާ މިނައިން ގަތާފައި އޮންނަ ހާރެއް) އަޅުވަން މަސައްކަތް ފެށި އެވެ.

އެތަނުގައި ތިބި މީހުންތައް ވަގުތުން މި ފިރިހެން މީހާގެ ގައިގައި ތަޅައިގަނެ އޭނާ އެތަނުން ނެރެން މަސައްކަތް ފެށި އެވެ.

އުމުރުން 24 އަހަރުގެ މި ޒުވާނާ ބުނަމުން ދިޔައީ އޭނާ އެތަނަށް އައީ އޭނާ ބަލާ އަންނަން އަންހެން މީހާ މެސެޖުކޮށްފައި އެދިގެންނެވެ.

ޗެންނައިގެ ލަގްޒަރީ ހޮޓަލެއްގައި މަސައްކަތްކުރާ މި ދެ މީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭތާ އެތައް އަހަރެއް ވެއްޖެ ކަމަށްވެސް ފިރިހެން މީހާ ބުނަމުން ދިޔަ އެވެ.

އެންމެ ފަހުން ފުލުހުން ގެނެސް އެމީހާ ފުލުހުންނާ ހަވާލު ކުރީ އެވެ. ނަމަވެސް އޭރު އޮތީ ކައިވެނިކުރަމުންދިޔަ ދެ މީހުންގެ އާއިލާގެ މެދުގައި އަރާރުން އުފެދިފަ އެވެ. ދެ ފަރާތުގެ އާއިލާގެ އަރާރުން ގަދަވެ އެންމެ ފަހުން ކައިވެނި ކުރުން ހުއްޓާލާފައި އެބަޔަކު އައި ތަނަކަށް އެބަޔަކު ވަނީ ގޮއްސަ އެވެ.

ފުލުހުން ބުނި ގޮތުގައި މި މައްސަލައިގެ ތަހުގީގަށް އަންހެން މީހާ ދިން ބަޔާނުން އޭނާ އާއި ކައިވެނި ޕާޓީއަށް ގަދަކަމުން ވަން މީހާ އާ ދެމެދު ވަރަށް ގާތް ލޯބީގެ ގުޅުމެއް އޮވެ އެވެ. އަދި ފިރިހެން މީހާ އެ ތަނަށް އައީ އަންހެން މީހާ އެދިގެން ކަމަށްވާތީ އެ މީހާއާ ދެކޮޅަށް ފުލުހުން އެއްވެސް ފިޔަވަޅެއް ނާޅާނެ ކަމަށެވެ.

މި ދެ މީހުންގެ އާއިލާއަށް ފުލުހުން އެންގީ ދެ އާއިލާއިން ވާހަކަ ދައްކައިގެން މި ދެ މީހުންނަށް ކައިވެނި ކުރެވޭނެ ގޮތް ހަމަޖައްސައި ދިނުމަށެވެ. މިމައްސަލައިގައި އޮތް އެންމެ ރަނގަޅު ހައްލަކީ އެއީ ކަމަށް ފުލުހުން ބުނެފައިވެ އެވެ.