ބޮލީވުޑް ތަރިންގެ ރުޅިގަދަ ވާހަކަ އާއި މީހުންނާ ވަރަށް ބޮޑާކަމާއެކު މުއާމަލާތްކުރާ ވާހަކައަކީ ވަރަށް މަޝްހޫރު ވާހަކަ އެކެވެ.
މިފަދަ އެކްޓަރުން ފިލްމު ޕްރޮމޯޝަންތަކުން ވަރަށް ހެވިފައި ހިތްހެޔޮކަމާއެކު މީހުންނާ ބައްދަލުކުރާތަން ފެނުނަސް ހަގީގަތުގައި މީގެ ތެރެއިން ގިނަ މީހުންނަކީ އެމީހުންގެ ފޭނުންނަށް ވެސް ވަރަށް ބޮޑާކަމާއި ކިބުރުވެރިކަމާއެކު މުއާމަލާތް ކުރާ ބައެކެވެ.
ރިތިކް ރޯޝަން އަކީ މީގެ ކުރިން ފޭނުންނާ ވަރަށް ރަނގަޅަށް ބައްދަލުކުރާ ކަމަށް މަޝްހޫރު މީހެކެވެ. ނަމަވެސް ދާދިފަހުން ރިތިކް ރުޅިގަދަވެގެން ފޭނަކަށް ހަޅޭއްލަވައި ގަންނަ މަންޒަރު ސޯޝަލް މީޑިއާގައި ވަނީ ވައިރަލް ވެފަ އެވެ.
ރިތިކް ރުޅީއައީ މުމްބައިގެ ތިއޭޓަރެއްގެ ބޭރުން ރިތިކް ފެނުމުން އޭނާގެ ފޭނުންތައް އެތަނަށް ޖަމާވެ ސެލްފީ ނަގަން މަސައްކަތް ކުރަން ފެށީމަ އެވެ. އަދި މީގެ ތެރެއިން އެކަކު ގަދަކަމުން ރިތިކްއާ އެކު ސެލްފީ ނަގަން އުޅުނީމަ އެވެ.
އެ ވަގުތު ރިތިކްއާ އެކު އޭނާގެ ދެ ދަރިން ވެސް ތިބުމާއެކު ރިތިކް އެންމެ ކުރިން ބެލީ އެއްވެފައި މީހުންތަކުގެ ތެރެއިން ދަރިން ރައްކާތެރިކަމާއެކު ދުރު ކުރެވޭތޯ އެވެ. އެއަށްފަހު އޭނާ ސެލްފީ ނަގަން އުޅުނު މީހާއާ މުޚާތަބުކޮށް "ކީއްހޭ ތިކުރަނީ" ކިޔާ ވަރަށް ބާރަށް ހަޅޭއްލަވައިގަން ތަން ވީޑީއޯގައި ފެނެ އެވެ.
ރިތިކް ނޫނަސް ޝާހް ރުކް ޚާނަށް ވެސް ދާދިފަހުން މިފަދަ ކަމެއް ދިމާވި އެވެ. ޝާހްރުކް އާއި އޭނާގެ ދެ ފިރިހެން ދަރިން ކަމަށްވާ އާޜްޔަން އާއި އަބްރާމް ކާރަށް އަރަން ދަނިކޮށް ފޭނަކު ކުރިމައްޗަށް އަރައި ސެލްފީ ނަގަން އުޅެން ފެށި އެވެ. އަދި މިކަން ކުރަން އުޅުމުގެ ތެރޭގައި ކުއްލިއަކަށް އެމީހާ ޝާހް ރުކްގެ އަތުގައި ހިފުމުން އޭނާއަށް ވަރަށް ރުޅިއައިސް ހިތްހަމަނުޖެހިފައި ހުރި ތަން ވަނީ ފެނިފަ އެވެ.
ނަމަވެސް ރިތިކް ހަޅޭއްލަވައިގަތް ގޮތަށް ޝާހް ރުކް ހަޅޭކެއް ނުލަވަ އެވެ. ޝާޙް ރުކްގެ އަތުގައި ހިފައި ދުރަށް ގެންގޮސް އެމީހާގެ ކިބައިން ޝާހްރުކް ސަލާމަތްކޮށްދިނީ އާރްޔަން އެވެ.