ސެރީ އޭ

ޔުވެންޓަސް ބަލިނުވެ، ހަނިގޮތަކަށް ސަލާމަތްވެއްޖެ

Sep 12, 2022
1

އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި ސެލަނިޓާނާއާ ވާދަކުރި މެޗުގައި ފަހު ވަގުތު ގޯލު ޖަހައި ޔުވެންޓަސް 2-2 އިން ނަތީޖާ ހަމަހަމަކޮށްފި އެވެ.

ފޯރިގަދަ ކުޅުމެއް ފެނުނު މެޗުގައި ޔުވެންޓަސް އިން ފަހު ވަގުތު އެއްވަރުކުރުމުގެ އިތުރުން، އޭގެފަހުން އެޓީމުން ޖެހި ގޯލެއް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) އިން ވަނީ ކެންސަލްކޮށްފަ އެވެ. އަދި މެޗު ނިންމާލިއިރު ޔުވެންޓަސްގެ ދެ ކުޅުންތެރިއަކަށް ރަތް ކާޑު ދައްކައި ކޯޗު ވެސް ބެންޗުން ފޮނުވާލި އެވެ.

ޔުވެންޓަސް ދަނޑުގައި ކުޅުނު މެޗުގެ ފުރަތަމަ ހާފު ނިމުނީ 2-0 އިން ސެލަނިޓާނާ ކުރީގައި އޮވެގެންނެވެ. އެޓީމުގެ ފުރަތަމަ ލަނޑު އެންޓޯނިއޯ ކަންޑްރޭވާ ޖެހިއިރު ދެވަނަ ލަނޑު ކްރިޒްޓޯފް ޕިއަޓެކް ޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ.

ޔުވެންޓަސް އަށް މެޗުގައި އުއްމީދެއް ލިބުނީ 51 ވަނަ މިނެޓުގައި ބްރެމާ ޖެހި ގޯލުންނެވެ. އެޓީމުން ނަތީޖާ ހަމަހަމަ ކުރީ ލިބުނު ޕެނަލްޓީއަކުން 93 ވަނަ މިނެޓުގައި ލިއޮނާޑޯ ބޮނޫޗީ އެވެ.

ބޮނޫޗީ ފޮނުވާލި ޕެނަލްޓީ ފުރަތަމަ ކީޕަރު މަތަކުރި ނަމަވެސް ދެވަނަ ފަހަރު އޭނާ އެ ބޯޅަ ގޯލަށް ވައްދާލި އެވެ.

95 ވަނަ މިނެޓުގައި ޔުވެންޓަސްގެ އަކާޑިއަޒް މިލިކް ގޯލު ޖެހުމަށް ފަހު އުފާފާޅުކުރުމުގެ ގޮތުން ޖާޒީ ބޭލުމުން ރެފްރީ ވަނީ އޭނާ އަށް ދެވަނަ ރީނދޫ ކާޑާ އެކު ރަތް ކާޑު ދައްކާފަ އެވެ. އެކަމަކު ވީއޭއާރުގެ އެހީގައި އެ ގޯލު ރެފްރީ ވަނީ ކެންސަލްކޮށްފަ އެވެ.

އެ ހަމަނުޖެހުމުގެ ތެރެއިން ސެލަނިޓާނާގެ ފެޑެރިކޯ ފަޒިއޯ އާއި ޔުވެންޓަސްގެ ހުއާން ކުއަޑްރާޑޯ އަށް ރެފްރީ ވަނީ ރަތް ކާޑު ދައްކާފަ އެވެ. އަދި ރެފްރީގެ ނިންމުމާ މެދު ހިތްހަމަނުޖެހުން ފާޅުކުރުމުން ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީ ވަނީ ބެންޗުން ފޮނުވާލާފަ އެވެ.

އިޓަލީ ލީގުގެ އެންމެ ކުރީގައި އޮތް ތިން ޓީމަށް ވަނީ 14 ޕޮއިންޓް ލިބިފަ އެވެ. އެއްވަނައިގައި ގޯލުގެ ތަފާތުން ނަޕޯލީ އޮތްއިރު ދެވަނައިގައި އޮތީ އެޓަލާންޓާ އެވެ. ތިންވަނައިގައި އޮތީ ޗެމްޕިއަން އޭސީ މިލާން އެވެ.

މިދިޔަ ދެ ސީޒަނުގައި ހަތަރުވަނައިގައި ނިންމާލި ޔުވެންޓަސް މިވަގުތު އޮތީ 10 ޕޮއިންޓާ އެކު އަށްވަނައިގަ އެވެ.