މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްެމަންޓް

އެސްޑީއެފްސީން 1.27 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފި

އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން، އެސްޑީއެފްސީން މިހާތަނަށް 1.27 ބިލިއަން ރުފިޔާގެ ލޯނު ދޫކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ހާމަކޮށްފި އެވެ.

ވިއަވަތި ރާއްޖެ ކޮންފަރެންސްގައި އިކޮނޮމިކް މިނިސްޓްރީން ހާމަކުރި ގޮތުގައި 2019 ވަނަ އަހަރުން ފެށިގެން މިހާތަނަށް އެސްޑީއެފްސީން ވަނީ 1036 ލޯނު ދޫކޮށްފަ އެވެ.

އެންމެ ގިނަ އަދަދަކަށް ލޯނު ދޫކޮށްފައިވަނީ ފަތުރުވެރިކަމުގެ ދާއިރާ އަށެވެ. ވިޔަފާރީގެ ދާއިރާގެ އިތުރުން މަސްވެރިކަމުގެ ދާއިރާއަށް ވެސް އެސްޑީއެފްސީން ވަނީ ލޯނު ދޫކޮށްފަ އެވެ.

ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއަރުވައި މާލީ އެހީ ލުއި އިންޓްރެސްޓް ރޭޓުގައި ފޯރުކޮށްދިނުމަށް ސަރުކާރުން އުފައްދާފައިވާ ކުންފުނި، އެސްޑީއެފްސީ އިފްތިތާހުކުރީ 18 މާޗް، 2019 ގައެވެ. އެސްޑީއެފްސީ އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ.

އެސްޑީއެފްސީ އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް އޭރު ވިދާޅުވީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ހާއްސަކޮށްގެން އެސްއެމްއީ ބޭންކެއްގެ ހިދުމަތް ފެށުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް ކަނޑައެޅި ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އެސްއެމްއީ ބޭންކުގެ ހިދުމަތާއެކު، ޒުވާން އެތައް ވިޔަފާރިވެރިންނެއް އުފެދިގެންދާނެ ކަމަށާއި ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ މީހުންނަށްވެސް އެކަމުގެ ސަބަބުން އެހީތެރިކަން ލިބޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

އެސްޑީއެފްސީގެ ފައިނޭންސްއިން ތެރޭގައި "ރަށު ފަތުރު" އާއި "ވިޔަފާރި އެހީ" އާއި "ދަނޑުވެރި ނަފާ" އާއި "ހަރުމުދާ" އާއި "ވިޔަފާރި ތަރައްގީ" އަދި "ފަށާ ވިޔަފާރީ" ހިމެނެ އެވެ.