ރައީސް އޮފީހުގެ ކުރީގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރުގެ މައްޗަށް އުފުލާފައިވާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާ ނިންމުން ބަދަލުކުރަންޖެހޭ ތަނެއް ނެތް ކަމަށް ކްރިމިނަލް ކޯޓުން ނިންމައިފި އެވެ.
ދައުލަތުން އާޒިމާގެ މައްޗަށް އުފުލާފައިވަނީ ރަސްމީ އިދާރާތަކަށް ދޮގު މައުލޫމާތު ދިނުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑްރިން އަށް މަގުފަހިކޮށްދިނުމުގެ ކުށުގެ ދައުވާ އެވެ.
ކްރިމިނަލް ކޯޓުގައި މިއަދު އޮތް އަޑުއެހުމުގައި އާޒިމާ ވަނީ އޭނާއަށް ކުރާ ދައުވާތައް މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ގާޒީ ނިންމަވާފައިވާ ނިންމެވުން މުރާޖައާ ކޮށްދެއްވުމަށް އެދިވަޑައިގެންފަ އެވެ.
އާޒިމާ ވިދާޅުވީ އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން މަނީ ލޯންޑަރިން ހިންގިކަމުގެ ތުހުމަތުގައި ކަމަށްވާއިރު، ޔާމީންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ސްޕްރީމް ކޯޓުން މިހާރު ހުކުމްކޮށްފައިވާ ކަމަށެވެ.
ކުރީގެ ރައީސް ޔާމީންގެ މައްޗަށް އުފުލާފައިވާ ދައުވާ ސާބިތުނުވާ ކަމަށް ސްޕްރީމް ކޯޓުން ހުކުމްކުރުމަކީ، އާޒިމާގެ މައްޗަށް ދައުވާ ނުކުރެވޭނެ ސަބަބެއް ނޫން ކަމަށް ކްރިމިނަލް ކޯޓުން މެއި މަހު ވަނީ ނިންމާފަ އެވެ. އެއާއެކު އާޒިމާ ވަނީ އެ ނިންމުން އިސްތިއުނާފުކޮށްފަ އެވެ. ނަމަވެސް ހައި ކޯޓާއި ސުޕްރީމް ކޯޓުންވެސް އާޒިމާއަށް ވަނީ ނާކާމިޔާބުވެފަ އެވެ.
ގާނޫނުލްއުގޫބާތުގެ 30 ވަނަ މާއްދާއާ ހަވާލާދީ ދައުލަތުން ބުނީ ކުށްކުރި މީހާގެ މައްޗަށް ކުށް ސާބިތު ނުވާ ހާލަތުގައިވެސް، ކުށުގެ ބައިވެރިއަކަށް ދައުވާ ކުރެވިދާނެކަން އެ މާއްދާގައި ބަޔާންކޮށްފައިވާ ކަމަށެވެ.
އާޒިމާއާއި ދައުލަތުގެ ވާހަކަތައް އަޑުއެއްސެވުމަށްފަހު މައްސަލަ ބައްލަވާ ގާޒީ އަލީ އާދަމް ނިންމެވީ މަދަނީ މިންގަނޑުން ކުރިއަށް ގެންދެވޭނެ ކަމަށް ނިންމާފައިވާ ނިންމުމަށް ބަދަލު ގެންނަންޖެހޭ ފަދަ ގާނޫނީ ސަބަބެއް އާޒިމާގެ ފަރާތުން ހުށަހަޅާފައި ނެތް ކަމަށެވެ.