ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ސަރުކާރުން ދޭ އިނާޔަތް ބޮޑުކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސް ނިންމުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.
"ނުކުޅެދުންތެރިކަން ހުރި ފަރާތްތަކަށް ދޭ އިނާޔަތް ބޮޑުކުރުމުގެ ވާހަކައަކީ ދޭތެރެއަކުން އަޅުގަނޑާ އެބޭފުޅުން ބައްދަލުކޮށް ހުށަހަޅާ ކަމެއް. މިހާރު ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް އެގެންދަނީ. އަޅުގަނޑު އިރާދަކުރެއްވިއްޔާ އެ ނިމުމާއެކީގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ އެލަވަންސް ބޮޑުކޮށްދޭނެ ވާހަކަ ދަންނަވަން" ރައީސް ވިދާޅުވި އެވެ.
މާލީ އިނާޔަތެއްގެ ގޮތުގައި ސަރުކާރުން ދަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ކޮންމެ މަހަކު 2،000 ރުފިޔާ ދެމުންނެވެ.
،
ރައީސް ދެއްކެވި ވާހަކަފުޅުގައި ވަނީ ކޮންމެ ރަށެއްގައި އުޅުނަސް، ކޮންމެ ސިޓީއެއްގައި އުޅުނަސް ކޮށްދޭންޖެހޭ ކަންތައްތަކެއް ހުންނާނެކަން ފާހަގަކުރައްވާފަ އެވެ. އެގޮތުން ރައީސް ވިދާޅުވި ގޮތުގައި ސަރުކާރުން އެންމެ ފުރަތަމަ އިސްކަންދޭންޖެހޭ ކަންތައްތަކުގެ ތެރޭގައި ފެނާއި ނަރުދަމާގެ ހިދުމަތާއި ތައުލީމާއި ސިއްހީ ހިދުމަތް ހިމެނެ އެވެ.
ވިއަވަތި ރާއްޖެ ކޮންފަރެންސްގައި ރައީސް އިއްޔެ ދެއްކެވި ވާހަކަފުޅުގައި ވަނީ ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ބޮޑު ކުރައްވާނެ ކަމަށް ވިދާޅުވެފަ އެވެ. ސިއްހީ ނިޒާމަކީ ގޮންޖެހުންތަކާއިއެކު އަދިވެސް ފުރިހަމަކުރަން ޖެހިފައިވާ ނިޒާމެއް ކަންވެސް ރައީސް ފާހަގަކުރެއްވި އެވެ.