ޗެމްޕިއަންސް ލީގް

ލެވަންޑޯސްކީއާ އެކު ބާސެލޯނާ އިން ބަޔާންއާ ދެކޮޅަށް ނުކުންނަނީ

ބަޔާން މިއުނިކްގައި ގިނަ ގޯލުތަކެއް ޖަހައިދިން ރޮބާޓް ލެވަންޑޯސްކީ މިރޭ ބާސެލޯނާގެ ޖާޒީގައި ކުރީގެ ކްލަބާ ދެކޮޅަށް ނުކުންނާނެ އެވެ.

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކްގައި އަށް ސީޒަން ހޭދަކުރުމަށް ފަހު އެ ކްލަބް ދޫކޮށް ލެވަންޑޯސްކީ ބާސެލޯނާ އަށް ބަދަލުވީ މިދިޔަ ސީޒަނަށް ފަހު އެވެ. ބާސެލޯނާ އަށް ބަދަލުވާން ބޭނުންވާކަން ލެވަންޑޯސްކީ ހާމަކުރުމުން ބަޔާނުން އޭނާ ބާސެލޯނާ އަށް ވިއްކާލީ 42.6 މިލިއަން ޕައުންޑަށެވެ.

ބަޔާންގައި ހޭދަކުރި އަށް ސީޒަނުގައި ވެސް ލެވަންޑޯސްކީ ވަނީ ޖަރުމަނު ލީގު ކާމިޔާބުކޮށްފަ އެވެ. އަދި 2020 ވަނަ އަހަރު އެ ކްލަބާ އެކު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށް ޖަރުމަނު ކަޕް ތިން ފަހަރު ކާމިޔާބުކުރި އެވެ.

ޗެމްޕިއަންސް ލީގުގައި މިރޭ ބާސެލޯނާއާ ދެކޮޅަށް ބަޔާނުން އަމިއްލަ ދަނޑުގައި ކުޅޭއިރު މިއީ ބަޔާން ދޫކޮށްލުމަށް ފަހު ލެވަންޑޯސްކީ އެ ކްލަބާ ދެކޮޅަށް ކުޅޭ ފުރަތަމަ މެޗެވެ.

މެޗުގެ ކުރިން ބަޔާންގެ ކޯޗު ހޫލިއަން ނާގަލްސްމަން ބުނީ ލެވަންޑޯސްކީ ނުރައްކާތެރި ކުޅުންތެރިއެއް ކަމަށާއި، ލެވަންޑޯސްކީ އަނބުރާ ބަޔާންގެ ދަނޑަށް އަންނާތީ އުފާކުރާ ކަމަށެވެ.

"ޓްރާންސްފާގައި ކޮންމެ ގޮތަކަށް ކަންތައް ވިޔަސް އަހަރެން އުއްމީދުކުރަން ސަޕޯޓަރުން ލެވަންޑޯސްކީ އަށް އިހުތިރާމް އަދާކުރާނެ ކަމަށް" މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބަޔާންގެ ކޯޗު ބުންޏެވެ.

ޕޮލެންޑަށް އުފަން އުމުރުން 34 އަހަރުގެ ފޯވާޑް ވަނީ ބަޔާން އަށް ކުޅުނު 374 މެޗުގައި 344 ގޯލު ޖަހައިފަ އެވެ. ބާސެލޯނާ އަށް ބަދަލުވެ ލެވަންޑޯސްކީ ވަނީ މިހާތަނަށް ކުޅުނު ހަ މެޗުގައި ނުވަ ގޯލު ޖަހައިފަ އެވެ.

"އެއީ ގޯލު ކުރިމަތީގައި ހުންނަ އެންމެ ނުރައްކާތެރި ފޯވާޑް. ފިޓްނެސް ހިފަހައްޓައިފި ނަމަ އޭނާ އަށް އިތުރު އަހަރުތަކެއް ވަންދެން މި ލެވެލްގައި ކުޅެވޭނެ" ނާގަލްސްމަން ބުންޏެވެ.

ބަޔާންގެ ކޯޗު ބުނީ އަހަރަކު 40 ގޯލު ޖަހާ ކުޅުންތެރިއެއްގެ ނުރައްކާ ބޮޑުވާނެ ކަމަށާއި، ލެވަންޑޯސްކީ ބާސެލޯނާ ގައި ވެސް އެ ހިސާބަށް ދާނެކަމަށް ގަބޫލުކުރާ ކަމަށެވެ.

ގްރޫޕް ސީގައި ހިމެނޭ މި ދެޓީމު ވެސް ވަނީ ފުރަތަމަ މެޗުތަކުން މޮޅުވެފަ އެވެ. މި ގްރޫޕުގައި ދެން ހިމެނެނީ އިންޓަ މިލާން އާއި ވިކްޓީރިއާ ޕްލެޒަން އެވެ. ބަޔާން މިއުނިކާއި ބާސެލޯނާ ވާދަކުރާ މެޗު ފަށާނީ މިރޭ ރާއްޖެ ގަޑިން 12 ޖަހާއިރު އެވެ.