ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރޮބާޓް ލެވަންޑޯސްކީ ގޯލެއް ޖެހިޔަނުދީ ހިފަހައްޓައި ބަޔާން މިއުނިކުން އަމިއްލަ ދަނޑުގައި 0-2 އިން ބާސެލޯނާ ބަލިކޮށްފި އެވެ.
މެޗަށް ނުކުތްއިރު އެންމެންގެ ސަމާލުކަން ހުއްޓުނީ އަށް ސީޒަނަށް ފަހު ބަޔާން މިއުނިކް ދޫކޮށް، ރޭ ބާސެލޯނާގެ ޖާޒީގައި ބަޔާންއާ ދެކޮޅަށް ނުކުތް ލެވަންޑޯސްކީ އަށެވެ. ރޭގެ މެޗަކީ ބަޔާން ދޫކޮށްލި ފަހުން އެޓީމާ ދެކޮޅަށް ލެވަންޑޯސްކީ ކުޅުނު ފުރަތަމަ މެޗެވެ. އެކަމަކު އޭނާ އަށް ލަނޑު ޖަހަން ލިބުނު ހުސް ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ބަޔާނުން މެޗުގެ ނަތީޖާ އަނބުރާލީ ދެވަނަ ހާފުގެ ކުރީކޮޅެވެ. ފުރަތަމަ ލަނޑު 50 މިނެޓުގައި ޖެހީ ޑިފެންޑަރު ލޫކަސް ހެނާންޑޭޒް އެވެ. އޭގެ ހަތަރު މިނެޓު ފަހުން އެޓީމުގެ ދެވަނަ ލަނޑު ޖެހީ ލިރޯއި ސާނޭ އެވެ.
މި ގްރޫޕުގެ އަނެއް މެޗުގައި އިންޓަ މިލާން ރޭ ވަނީ އަމިއްލަ ދަނޑުގައި 0-2 އިން ވިކްޓޯރިއާ ޕްލަޒެން ބަލިކޮށްފަ އެވެ. މެޗުގައި އެޓީމުގެ ގޯލުތައް ކާމިޔާބުކޮށްދިނީ އެޑިން ޒެކޯ އާއި ޑެންޒަލް ޑަމްފްރީސް އެވެ.
ވާދަވެރިވާނެ ކަމަށް ބެލެވޭ މި ގްރޫޕުގެ އެއްވަނައިގައި އޮތީ ދެ މެޗުން މޮޅުވި ބަޔާން އެވެ. ދެވަނައިގައި އޮތް ބާސެލޯނާ އާއި ތިންވަނައިގައި އޮތް އިންޓަ މިލާނަށް ވަނީ ތިން ޕޮއިންޓް ލިބިފަ އެވެ. ފުލުގައި އޮތް ވިކްޓޯރިއާ ޕްލެޒެން ވަނީ ދެ މެޗުން ވެސް ބަލިވެފަ އެވެ.
ޗެމްޕިއަންސް ލީގުގައި ރޭ އެތުލެޓިކޯ މެޑްރިޑް ވަނީ ރަށުން ބޭރުގައި ބަޔާން ލެވަކޫސަން އަތުން 2-0 އިން ބަލިވެފަ އެވެ. މި ގްރޫޕުގެ އަނެއް މެޗުގައި ކްލަބް ބްރޫޖް ވަނީ 4-0 އިން ޕޯޓޯ ބަލިކޮށްފަ އެވެ.
މި ގްރޫޕުގެ އެއްވަނައިގައި ކްލަބް ބްރޫޖް އޮތީ ކުޅުނު ދެ މެޗުން ވެސް މޮޅުވެގެންނެވެ. ދެވަނައިގައި އޮތް ބަޔާން ލެވަކޫސަން އާއި ތިންވަނައިގައި އޮތް އެތުލެޓިކޯ އަށް ލިބިފައިވަނީ ތިން ޕޮއިންޓެވެ. ފުރަތަމަ ދެ މެޗުން ބަލިވެ ޕޯޓޯ އޮތީ ގްރޫޕްގެ ފުލުގަ އެވެ.