ޕްރިމިއާ ލީގް

ރާނީގެ ޖަނާޒާއާ ގުޅިގެން އިނގިރޭސި ކްލަބްތަކުގެ މެޗުތަކެއް ފަސްކޮށްފި

މި މަހުގެ އަށް ވަނަ ދުވަހު އަވަހާރަވި އިނގިރޭސި ވިލާތުގެ ރާނީ އެލިޒަބަތު ދެވަނައިގެ ޖަނާޒާއާ ގުޅިގެން މި ހަފްތާ ބަންދުގައި ކުޅުމަށް ހަމަޖެހިފައިވާ އިނގިރޭސި ޕްރިމިއާ ލީގުގެ ތިން މެޗަކާއި ޔޫއެފާ ޔޫރޮޕާ ލީގުގެ މެޗެއް ފަސްކޮށްފި އެވެ.

މި ހަފްތާ ޕްރިމިއާ ލީގުގައި ކުޅެން އޮތް 10 މެޗުގެ ތެރެއިން ފަސްކުރީ ޗެލްސީ އިން އަމިއްލަ ދަނޑުގައި ލިވަޕޫލާ ދެކޮޅަށް ކުޅޭ މެޗާއި މެންޗެސްޓަރ ޔުނައިޓެޑް އަމިއްލަ ދަނޑުގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ކުޅޭ މެޗެވެ.

މި ދެ މެޗުގެ އިތުރުން ބްރައިޓަން އާއި ކްރިސްޓަލް ޕެލެސް ވާދަކުރަން އޮތް މެޗު ވެސް މިދިޔަ ހަފްތާ ވަނީ ފަސްކޮށްފަ އެވެ. ރާނީ އަވަހާރަވުމުގެ ކުރިން އެ މެޗު ފަސްކުރީ މަސައްކަތްތެރިން ކުރަން ތާވަލުކުރި ހަޅުތާލަކާ ގުޅިގެންނެވެ. އެކަމަކު ރިޕޯޓުތައް ބުނާގޮތުން މިހާރު އެ ހަޅުތާލު ވެސް ވަނީ ކެންސަލްކޮށްފަ އެވެ.

ޕްރިމިއާ ލީގުގެ ތިން މެޗުގެ އިތުރުން ޔޫއެފާ ޔޫރޮޕާ ލީގުގައި އާސެނަލުން އަމިއްލަ ދަނޑުގައި އަންނަ ބުރާސްފަތި ދުވަހު ޕީއެސްވީއާ ދެކޮޅަށް ކުޅެން އޮތް މެޗު ވެސް ވަނީ ފަސްކޮށްފަ އެވެ. އެކަމަކު ޗެލްސީ، ލިވަޕޫލް، މެންޗެސްޓަރ ސިޓީ، ޓޮޓެންހަމް ހޮޓްސްޕާސް، މެންޗެސްޓަރ ޔުނައިޓެޑް އަދި ވެސްޓް ހޭމް ޔުނައިޓެޑް ޔޫރަޕްގެ މުބާރާތްތަކުގައި ކުޅޭ މެޗުތައް ކުރިއަށް ދާނެ އެވެ.
މެޗުތައް ފަސްކުރީ ޖަނާޒާ އޮންނަ ދުވަހާއި އޭގެ ކުރިން ލަންޑަނުގެ ސެކިއުރިޓީ ބެލެހެއްޓުމުގެ ގިނަ އަދަދެއްގެ ފުލުހުން ބޭނުންވާތީ އެވެ.

ރާނީ އަވަހާރަވުމާ ގުޅިގެން މިދިޔަ ހަފްތާ ބަންދުގައި ޕްރިމިއާ ލީގުގެ ހުރިހާ މެޗެއް ފަސްކުރި އެވެ. އުމުރުފުޅުން 96 އަހަރުގައި އަވަހާރަވި ރާނީގެ ޖަނާޒާ އޮންނާނީ އަންނަ ހޯމަ ދުވަހު އެވެ.

ޕްރިމިއާ ލީގުން ބުނީ ކްލަބްތަކާއި، އެޑްވައިޒަރީ ގްރޫޕްތަކާއި އަދި ގުޅުންހުރި އެހެން އިދާރާތަކާ އެކު ކުރި މަޝްވަރާތަކުން ޕްރިމިއާ ލީގުގެ ތިން މެޗެއް ފަސްކުރަން މަޖުބޫރުވި ކަމަށެވެ. އެކަމަކު އެހެން މެޗުތައް ތާރީހާ އެއްގޮތަށް ކުރިއަށް ދާނެކަމަށް ޕްރިމިއާ ލީގުގެ ބަޔާނުގައި ބުނެފައިވެ އެވެ.

ހަފްތާ ބަންދުގައި ކުޅޭ މެޗުތައް ފެށުމުގެ ކުރިން ރާނީގެ ހަނދާނުގައި ސުކޫތެއް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.