ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރާއްޖެއަށް ޓެރަރިޒަމްގެ ނުރައްކާ ބޮޑު: ރައީސް

Sep 13, 2022
4

ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އެތެރެއިންނާއި ބޭރުން ކުރިމަތިވާ ކޮންމެ ނުރައްކަލަކާ ކުރިމަތިލައި ގައުމު ދިފާޢުކުރުމުގައި އަބަދުވެސް "ކޮމާންޑް އެންޑް ކޮންޓްރޯލް" އޮންނަންވާނީ ދިވެހި ސިފައިންގެ އަތްމަތީގައި ކަމަށާއި، އެކަން ދިވެހި އަސްކަރިއްޔާގެ ހަމަ ކޮންމެ އޮފިސަރަކުވެސް އަބަދުމެ ހަނދާނުގައި ބެހެއްޓުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް އެދިވަޑައިގެންފި އެވެ.

ރައީސް ސޯލިހް މިކަމަށް އެދިވަޑައިގަތީ ދިވެހި ސިފައިންގެ 130 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ކަޅުތުއްކަލާކޮށީގައި މިރޭ ބޭއްވެވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދިވެހިންގެ ކުރިމަތީގައި އެންމެ އަގު ބޮޑު ރައުސްމާލަކީ ރާއްޖޭގެ މިނިވަންކަން ކަމަށެވެ. އެ މިނިވަންކަމާއި ސިޔާދަތުގެ އައްޑަނައަކީ ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރުގެ ހިތްވަރުގަދަ ސިފައިން ކަމަށެވެ.

ރައީސް ވަނީ ދުނިޔެއަށް ކުރިމަތިވަމުންދާ ޓެރަރިޒަމްގެ ނުރައްކާތެރިކަން ފާހަގަކުރައްވާ ރާއްޖެއަށް ވެސް އެ ނުރައްކާ އޮތްކަން ހާމަކުރައްވާފަ އެވެެ. އަދި އެމަނިކުފާނު ވަނީ އެފަދަ ކަންކަމަށް ސަމާލުވާންޖެހޭ މިންވަރު ކުރިއަށް ވުރެ ބޮޑުވެފައިވާ ކަމަށާއި، ސަބަބަކީ ޒަމާނީ ޓެކްނޮލޮޖީ އާއި މުވާސަލާތީ ލުއިފަސޭހަތަކާއެކު، ޓެރަރިޒަމްގެ އުކުޅުތައް ވެސް އެއްދުވަހުން އަނެއް ދުވަހަށް ބަދަލުވަމުން އަންނާތީ ކަމަށް ވިދާޅުވެފަ އެވެ.

ރައީސް ވިދާޅުވީ އެފަދަ ކޮންމެ ނުރައްކަލަކުން ދިވެހިންނާއި ދިވެހިރާއްޖެ ސަލާމަތްކޮށްދިނުމަށް ތައްޔާރުވެ ތިބެނީ ހިތްވަރުގަދަ ސިފައިން ކަމަށެވެ. އެކަމަށްޓަކައި ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށް ސަރުކާރުން ހާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރައްވާ ކަމުގައި ވިދާޅުވި އެވެ.

"އަދި އެމީހެއްގެ ކެރުމާއި ގާބިލުކަން ހުރި މިންވަރަކުން އަސްކަރިއްޔާގެ ކޮންމެ މީހަކަށް ވެސް މިހާރު ކުރިއަށް ދެވޭނެ. އެކަމުގައި އަންހެނެއް ފިރިހެނެއް ތަފާތުނުކޮށް ހަމަހަމަ ފުރުސަތު ފަހިކޮށްދޭނަން،" ރައީސް ވިދާޅުވި އެވެ.

ދިވެހިރާއްޖޭގެ ގައުމީ ދިފާއީ ބާރަކީ އަސްކަރީ ވާޖިބުތަކުގެ އިތުރުން މަދަނީ އެތައް ހިދުމަތްތަކެއް ވެސް އާންމު ރައްޔިތުންނަށް ފޯރުކޮށްދޭ ބައެއް ކަމުގައިވެސް ރައީސް ވިދާޅުވި އެވެ. އެކަން ހާމަކުރައްވަމުން ރައީސް ވަނީ ކޮވިޑްގެ ބަލިމަޑުކަމުގެ ތެރޭގައި ދިވެހި ގައުމަށާއި ދިވެހި ރައްޔިތުންނަށް ސިފައިން ކޮށްދިން އިޚްލާސްތެރި ހިދުމަތުގެ އަގުވަޒަންކޮށް "އިންސާނީ ހިދުމަތުގެ މެޑެލި-ކޮވިޑް19" ދިވެހި ސިފައިންނަށް ދިނުމަށް ނިންމާފައިވާކަން އިއުލާންކުރައްވާފަ އެވެ.

ރައީސް ސޯލިހް ވިދާޅުވި ގޮތުގައި އަސްކަރިއްޔާގެ އޮޕަރޭޝަނަލް ގާބިލްކަން އިތުރުކުރުމަށް ފާއިތުވި ދެ އަހަރުގެ ތެރޭގައި މުހިއްމު މަސައްކަތްތަކެއް ވަނީ ކޮށްފަ އެވެ. އެގޮތުން ޒަމާނީ ވަސީލަތްތައް ހޯދައި، ޓެރަރިޒަމްގެ ހާދިސާތަކާ ކުރިމަތިލުމުގެ ޤާބިލުކަން އެތައް ގުނައެއް މިހާރު އިތުރުކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.

"މީގެ އިތުރުން ގައުމުގެ ދިފާއުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވާ ސިފައިންނަށް ބޭނުންވާ އެންމެ ޒަމާނީ ހަތިޔާރާއި އާލާތްތައް ވެސް މިވަނީ ހޯދާފައި. ސިފައިންގެ ސިފަވަންތަކަން ދަމަހައްޓައިދޭ އިލްމީ އަދި ފަންނީ ތަމްރީނުތައް ދަނީ ސިފައިންނަށް ބަރާބަރަށް ދެމުން،" ރައީސް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މިންތީގެ ހަމަހަމަކަމުގައި ވެސް ދިވެހި އަސްކަރިއްޔާ މިއަދު ފެންނަނީ، ނަމޫނާ މުއައްސަސާއެއްގެ ގޮތުގައި ކަމަށެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރިއާ ޚިލާފަށް މިއަދުގެ އަންހެން ސިފައިންނަކީ، އެންމެ ފަހުގެ ަސްކަރީ ތަމްރީންތައް ހޯދައިގެން ގައުމުގެ ދިފާއުގައި އެންމެ ކުރީ ސަފަށް ނުކުންނަށް ތައްޔާރަށް ތިބި ބައެއް ކަމުގައިވެސް ފާހަގަކުރައްވާފަ އެވެ. އަދި ލެފްޓިނެންޓް ކާނަލްގެ ރޭންކަށް ފުރަތަމަ ފަހަރަށް، މިދިޔަ އަހަރު އަންހެން ސިފައިން ހަމަޖައްސާފައިވާ ކަންވެސް ފާހަގަކުރެއްވި އެވެ. އެ ރޭންކުގައި ތިއްބެވި ދެ އަންހެން ސިފައިން މިހާރު ގެންދަވަނީ ސިފައިންގެ ލަފާ ދޭ މަޖިލީހުގައި ވެސް ވަރަށް މުހިންމު ދައުރެއް އަދާ ކުރައްވަމުން ކަމުގައިވެސް ވިދާޅުވި އެވެ.

ގައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް ސަރަހައްދީ ސުލްހަޔާއި ހަމަޖެހުން ކަށަވަރުކުރުމުގެ މުހިއްމު ކަން މިރޭވެސް ރައީސް ވަނީ ފާހަގަކުރައްވާފަ އެވެ. އަދި މިކަމުގައި ދިވެހި އަސްކަރިއްޔާއިން އަދާކުރަމުން މުހިއްމު ދައުރު ފާހަގަކުރެއްވެވި އެވެ.