އުރުދުންގެ ވެރިރަށް އަންމާންގައި ބައެއްގެ ބޯމައްޗަށް އުސް އިމާރާތެއް ވެއްޓި ފަސް މީހުން މަރުވެއްޖެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން އިތުރު 14 މީހަކަށް ލިބިފައިހުރި އަނިޔާތަކަށް ފަރުވާ ދިނުމަށް ކައިރި ހޮސްޕިޓާތަކަށް ވަނީ ގެންގޮސްފަ އެވެ
އަންމާންގެ ޕަބްލިކް ސެކިއުރިޓީ ޑިޕާޓްމަންޓުން ބުނި ގޮތުން ގާތަކުގެ ތެރޭގައި ތާށިވެފައި ތިބި އަށް މީހަކު ދަމާފައި ނެރެން ޖެހުނެވެ. އެއީ ކެރޭނުން ގާތަށް އުފުލަން ހަދައިގެން ގެއްލުން ބޮޑުވެދާނެ ކަމަށް ފެންނާތީ އެވެ.
ރަސްމީ އިދާރާތަކުން ބުނާ ގޮތުން އިމާރާތް ވެއްޓެން މެދުވެރިވީ އިމާރާތުގެ ބިންގާ ބަލިކަށި ކަމުންނެވެ. އަދި އިމާރާތް ބިނާކޮށްފައި ހުރީ ވެސް އިރުޝާދަށް ވުރެ ބަލިކޮށް ކަމަށްވެސް ވަނީ ބުނެފަ އެވެ.
އެހެން ނަމަވެސް، އެ ހިސާބުގައި އުޅޭ މީހުން ބުނާ ގޮތުން އިމާރާތް ވެއްޓެން މެދުވެރިވި ސަބަބަކީ އެ އިމާރާތާ ޖެހިގެން އެހެން އިމާރާތެއް ބިނާކުރަން ފަސް ކޮނުމުގެ ސަބަބުންނެވެ.
އަންމާންގެ އެ ސަރަހައްދަކީ މުސްކުޅި އިމާރާތްތައް ގިނަ ހިސާބެއް ކަމަށް ބުނެވެ އެވެ. އެހެން ނަމަވެސް، ވެއްޓުނު އިމާރާތުގެ ވެރިން ބުނި ގޮތުގައި މުނިސިޕަލްޓީ އަށް ޝަކުވާ ހުށަހަޅާނެ އެވެ. އަދި ބަދަލަށް އެދޭނެ އެވެ.
އުރުދުންގެ އަންމާންގައި ގެދޮރު ވިޔަފާރި ވަރަށް ފުޅާ ކަމަށް ބުނެވެ އެވެ. ގައުމުން ބޭރު މީހުންނަށް އިމާރާތްތައް ވިއްކުމަށްޓަކައި ތަންދޮރު ބަލާނުލައި އިރާމާތްތައް ބިނާކުރުން ވަރަށް ބޮޑު މައްސަލައަކަށް ވެފައިވާ ކަމަށް ވެސް ބުނެ އެވެ.